ޚަބަރު

ހުކުރު މިސްކިތް ޙިމާޔްތްކުރުމުގެ މަސައްކަތުގައި އިންޑިއާއިން އެހީތެރިވާނެ - މޯދީ


މާލޭ ހުކުރު މިސްކިތް ޙިމާޔަތްކުރުމުގެ މަސައްކަތުގައި އިންޑިއާގެ އެހީތެރިކަން ލިބޭނެކަމަށް އެޤައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިކަން ހާމަކުރެއްވީ ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގައި ތަޤުރީރުކުރައްވަމުންނެވެ. ރާއްޖެއާއި އިންޑިއާގެ އެއްގޮތް ސަޤާފަތާއި އާދަކާދައިގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅުދައްކަވަމުން މޯދީވަނީ ދެޤައުމުގެ ބަހުރުވަތަކުގައި ހުރި އެއްގޮތް ލަފުޒުތަކަށް ބައްލަވާލައްވާފައެވެ.

މޯދީ ވިދާޅުވީ ރާއްޖެއާއި އިންޑިއާގެ ގުޅުމަކީ ޤަދީމީ ޒަމާނުއްސުރެ އުފެދިފައި އޮތް ވަރުގަދަ ގުޅުމެއްކަމަށެވެ. މިގުޅުން އުފެދިފައިވަނީ ދެޤައުމު ހިމެނޭ ސަރަހައްދުގެ ގާތްކަމާއެކު އެޒަމާނުގައި ކުރި ދަތުރުފަތުރުގެ ސަބަބުންކަން މޯދީ ފާހަގަކުރެއްވިއެވެ. ރާއްޖެއާއި އިންޑިއާއާ ދެމެދު މީގެ އެތައް ހާސް އަހަރެއް ކުރިން ވިޔަފާރީގެ ގުޅުން ޤާއިމްވެފައިވާކަން މޯދީ ފާހަގަކުރެއްވިއެވެ. އެގޮތުން އެމަނިކުފާނު އުފަން ގުޖުރާތު ސްޓޭޓްގައި އޮންނަ ޤަދީމީ ވިޔަފާރި ބަދަރުކަމުގައިވާ ލޯތަލް ޕޯޓްގައި ދިވެހިން ވިޔަފާރިކޮށްފައިވާކަން މޯދީ ފާހަގަކުރެއްވިއެވެ.

ރާއްޖެއާ އިންޑިއާއަކީ އެއް ބަގީޗާއެއްގައި ފޮޅިފައި ފޮޅިފައިވާ ދެ މަލުގެ ގޮތުގައި ސިފަކުރައްވަމުން މޯދީ ވިދާޅުވީ މިސަބަބުތަކާއެކު ރާއްޖޭގެ ސަޤާފަތާއި އާދަކާދައާއި ބަސް ހިމާޔަތްކުރުމަކީ އިންޑިއާއަށްވެސް ލިބިގެންދާ ފަޚުރެއްކަމަށެވެ. އެގޮތުން ދިވެހި ކާބަފައިންގެ މިންނެތް މަސައްކަތުން، ހިރިގަލުން ބިނާކޮށްފައިވާ ހުކުރުމިސްކިތް ހިމާޔަތްކރުމަށް ރާއްޖެއިން ކުރާ މަސައްކަތަށް އިންޑިއާއިން އެހީތެރިވާނެކަމަށް މޯދީ ވިދާޅުވިއެވެ.

ހިރިގާ މިފަދަގޮތަކަށް އަތުރައިގެން ބިނާކޮށްފައިވާ މިފަދަ ޢިމާރާތްތަކެއް ދިވެހި ރާއްޖެނޫން އެހެން އެއްވެސް ތަނެއްގައި ނުހުންނަކަން ފާހަގަކުރައްވަމުން މޯދީ ވިދާޅުވީ، ކާބައިގެން މިފަދަ މިންނެތް މަސައްކަތް ފެނިގެންދާ ބިނާއެއް ނެތިދިޔަނުދީ ޙިމާޔަތްކުރުމަކީ މުހިއްމުކަމެއްކަމަށެވެ.
ދިވެހިރާއްޖޭގައި އެއްބައިވަންތަކަމާއި ހަމަޖެހުމާއި، ރައްޔިތުންގެ ހިންހަމަޖެހުމާއި އަމާންކަން ދެމިއޮތުމަށް އިންޑިއާއިން އަބަދުވެސް ބޭނުންވާކަމަށާ، އެކަން ދެމެހެއްޓުމަށް އެހީވުމުގައި އަބަދުވސް އިންޑިއާއިން ދެމިތިބޭނެކަމަށް މޯދީ ވިދާޅުވިއެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ މިދަތުރުފުޅުގައި އިންޑިއާ ޤައުމީ ކްރިކެޓް ޓީމުގެ ކުޅުންތެރިން ސޮއިކޮށްފައިވާ ރަމްޒީ ކްރިކެޓް ބެޓެއް ރައީސް އިބްރާހިމް ޞާލިޙަށް ހަދިޔާކުރެއްވިއެވެ. އަދި ރައީސް ޞާލީހް މޯދީއަށް ހަދިޔާކުރެއްވީ ހިރިހަލުން ހަދާފައިވާ "ގުޅި"އެކެވެ. ދިވެހިންގެ އަތްތެރި މަސައްކަތް ފެންނަ އުވަގަލުގެ މި ގުޅީގެ އެއް އަރިމަތީގައި "ދިވެހިރާއްޖެ" މިގޮތަށް ކަނޑާނަގާފައިވެއެވެ. އަދި އަނެއް އަރިމަތިން ފެންނަނީ ހުކުރުމިސްކިތުގެ އިތުރުން ރާއްޖޭގެ ގަދީމީ މިސްކިތްތަކާއި ބިނާތަކުން ފެނިގެންދާ ބައްޓަމެއް ކަނޑާނަގާފައެވެ.