ކުޅިވަރު

މޮރީޝަސް ބެޑްމިންޓަން ސީރީސްގައި ވާދަކުރާ ގައުމީ ބެޑްމިންޓަން ޓީމް މޮރީޝަސް އަށް ފުރައިފި


މޮރީޝަސް ބެޑްމިންޓަން ސީރީސްގައި ވާދަކުރާ ރާއްޖޭގެ ގައުމީ ބެޑްމިންޓަން ޓީމް މޮރީޝަސް އަށް ފުރައިފިއެވެ.

ގައުމީ ޓީމް މޮރީޝަސް އަށް ފުރުމުގެ ކުރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ޓީމަށް އަލްވަދާޢުކީ ބެޑްމިންޓަން އެސޯސިއޭޝަންގެ ގެނެރަލް ސެކެޓްރީ އިފްޝާން މުހައްމަދުއެވެ.

މިމުބާރާތަކީ އަންނަ މަހު މޮރީޝަސްގައި އޮންނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ކުރިން ގައުމީ ބެޑްމިންޓަން ޓީމް ވާދަކުރާ މުބާރާތެވެ.

ޕީއެސްއެމް ސްޕޯޓްސް އާއި ވާހަކަ ދައްކަމުން ޓީމުގެ މެނޭޖާރ އަޙުމަދު އަދީބު ބުނީ، މިމުބާރާތަކީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރަން މެޑަލް ހޯދަން އަމާޒު ހިފާފައި ވާއިރު، އެ އަމާޒަށް ވާސިލުވާން ލިބޭ ރަނގަޅު ފުރުސަތެއް ކަމަށެވެ.

އެގޮތުން މިމުބާރާތުގައި ވާދަކުރަން ޖެހެނީ އައިއޯއައިޖީގައި އިދިކޮޅުން ވާދަކުރާ ކުޅުންތެރިންނާއި ދެކޮޅަށް ކަމަށާއި، އެހެންކަމުން އައިއޯއައިޖީގެ ކުރިން އެ ކުޅުންތެރިންނާއި ދެކޮޅަށް ކުޅެން ލިބުމަކީ މުބާރާތައް ރަނގަޅަށް ތައްޔާރުވާން ލިބޭ ފުރުސަތެއް ކަމަށް އަދީބް ބުންނެވެ.

އަދީބު ބުނީ މޮރީޝަސް ސީރީސްގައި ބައިވެރިވުމުގެ އަމާޒަކީ ވީހާވެސް ގިނަ މެޗްތަކެއް ކާމިޔާބުކޮށް އައިއޯއައިޖިއަށް އިތުބާރު ބޮޑުކުރުން ކަމަށެވެ.

"އަޅުގަނޑުމެން މިފަހަރު އައިއޯއައިޖީއަށް ރަން މެޑަލްއަށް އަމާޒު ހިފައިގެން މި މަސައްކަތް ކުރަމުން އަންނަނީ، ދެން ރޯދަ މަހުގެ ތެރޭގަވެސް ވަރަށް ރަނގަޅަށް ފަރިތަކުރުންތަށް ކުރިއަށް ގެންދަމުން އައިސް މިމުބާރާތް މިއީ އައިއޯއައިޖީގެ ކުރިން ޓީމް ވާދަކޮށްލަން ލިބޭ ރަނގަޅު މުބާރާތެއް. އެއީ މިމުބާރާތުގަ ވާދަކުރަން މިޖެހެނީ އައިއޯއައިޖީގަ ވެސް އަޅުގަނޑުމެނާއި އިދިކޮޅުން ވާދަކުރާ ކުޅުންތެރިން. އެހެންވީމަ ވީހާވެސް ގިނަ މެޗުތަކަކުން މިޅު ވެވިއްޖެނަމަ އައިއޯއައިޖީގެ ޓާގެޓަށް ވާސިލްވެވޭނެ ކަމުގެ ވަރަށް ބޮޑު އިތުބާރެއް ޓީމަށް ލިބޭނެ" އަދީބް ބުންޏެވެ.

މޮރީޝަސް ބެޑްމިންޓަން ސީރީސްގައި ވާދަކުރުމަށްފަހު އައިއޯއައިޖީއަށް ގައުމީ ޓީމް އަލުން މޮރީޝަސްއަށް ދާނީ ރާއްޖެ އެނބުރި އައިސް ޚާއްސަ ފަރިތަކުރުންތަކެއް ކުރިއަށް ގެންދިއުމަށްފަހުއެވެ.