ޚަބަރު

ޙައްޖަށް މީހުންގެންދާ ގްރޫޕްތައް ކަނޑައެޅުމުގައި ކޮރަޕްޝަނަށް ތުހުމަތުކުރެވޭ ކަންތައްތަކެއް އެބަހުރި - އޭސީސީ


މިއަހަރު ރާއްޖެއިން ޙައްޖަށް މީހުންގެންދާ ގްރޫޕްތައް ކަނޑައެޅުމުގައި ކޮރަޕްޝަނަށް ތުހުމަތުކުރެވޭ ކަންތައްތަކެއް ހިނގާފައިވާތީ އެކަން އިތުރަށް ބެލުމަށް އެންޓިކޮރަޕްޝަން ކޮމިޝަނުން ނިންމަވައިފިއެވެ.

މިއަހަރު ޙައްޖަށް މީހުން ގެންދިޔުމަށް ސިސިލްފަރު ގްރޫޕަށް ހުއްދަ ނުދިން މައްސަލަ އެ ޖަމާޢަތުން އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށައަޅުމާއި ގުޅިގެން އެކޮމިޝަނުން ކުރިއަށްގެންދިޔަ ތަޙްޤީގަށް ފާހަގަކުރެވުނު ކަންކަން އެކޮމިޝަނުންވަނީ ހާމަކޮށްފައެވެ.

އެސީސީން ވިދާޅުވީ މިއަހަރު ހައްޖަށް މީހުންގެންދިއުމަށް ގްރޫޕްތަކުން ހުށައެޅި ޕްރޮޕޯސަލްއާއެކު ހުށައަޅަންޖެހޭކަމަށް، ކަމާއި ގުޅޭ އުސޫލުގެ 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ލިޔުންތައް ހުށަނާޅާނަމަ ޕްރޮޕޯސަލް ބާޠިލުކުރަންޖެހޭކަމަށް އެއުސޫލުގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަމަށެވެ. އަދި މިކަމާއި ގުޅިގެން ބައެއް ގްރޫޕްތަކުގެ ޕްރޮޕޯސަލްތައް ބާތިލުކުރިކަމަށާއި، ނަމަވެސް ޕްރޮޕޯސަލް ހުށައެޅި އިތުރު 2 ފަރާތަކުން ހުށައަޅަން ޖެހޭ ބައެއް ލިޔުންތައް ހުށައަޅާފައި ނެތްއިރުވެސް އެދެފަރާތް އިވެލުއޭޝަންގައި ބައިވެރިކޮށް ޕޮއިންޓްދީފައިވާކަން ފާހަގަކުރެވިފައިވާކަމަށް އެސީސީން ވިދާޅުވިއެވެ.

އަދި ޕްރޮޕޯސަލް ހުށައެޅި ފަރާތްތަކަށް ޕޮއިންޓް ދޭންޖެހޭ އުސޫލު އާންމުކޮށްފައިވާއިރު، ޕްރޮޕޯސަލްގެ ބައެއް ބައިތަކަށް ޕޮއިންޓް ދިނުމުގައި އިވެލުއޭޓް ކުރި ކޮމިޓީގެ މެންބަރުންނަށް އެންމެ ރަނގަޅުކަމަށް ފެންނަ ޕްރޮޕޯސަލްތަކަށް މަތިން ޕޮއިންޓް ދީފައިވާކަން އޭސީސީން ވަނީ ފާހަގަކުރައްވާފައެވެ. މީގެ ސަބަބުން ވަކި ކޮޅަކަށްޖެހިގެން ޕޮއިންޓް ދިނުމުގެ ފުރުސަތު އޮތްކަމެއްކަންވެސް އޭސީސީން ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން، ޕޮއިންޓް ދޭނެ މިންގަނޑުތައް އާންމުކޮށްފައިވިޔަސް، ބައެއް ބައިތަކަށް ޕޮއިންޓް ދިނުމުގައި އިވެލުއޭޝަން ކޮމެޓީގެ މެމްބަރުންނަށް ފެންނަ އެންމެ ރަނގަޅު ޕްރޮޕޯސަލަަކަށް މަތިން މާކްސް ދީފައިވާކަން ފާހަގަ ކުރެވޭ ކަމަށްވެސް އޭސީސީގެ ނިންމުމުގައި ވެއެވެ. އަދި އެއީ ޕޮއިންޓް ދިނުމުގައި ވަކި ފަރާތަކަށް ބުރަވުމުގެ ފުރުސަތު އޮތް ކަމެއް ކަމަށް ބެލެވޭ ކަމަށް އޭސީސީން ބުންޏެވެ.

މިއަހަރު ޙައްޖަށް މީހުންގެންދިޔުމަށް 18 ޕްރޮޕޯސަލް ހުށައަޅާފައިވާއިރު އޭގެތެރެއިން 12 ކުންފުންޏެއްގެ ޕްރޮޕޯސަލް މިނިސްޓްރީން އެކުލަވާލި ކޮމިޓިއަކުން އިވެލުއޭޓްކުރުމަށްފަހު ހުއްދަދީފައިވަނީ 6 ކުންފުންޏަކަށެވެ. ޙައްޖަށް ގެންދިޔުމަށް ހުއްދަ ދިނީ އުސޫލުން ބޭރުންކަމަށް ބުނެ އިސްލާމިކް މިނިސްޓްރީއާއި ދެކޮޅަށް ސިސިލްފަރު ހައްޖު ގްރޫޕުން ވަނީ ޝަރީއަތަށްވެސް ހުށައަޅާފައެވެ.