ކުޅިވަރު

ވެސްޓް އިންޑީސް އާއި ސައުތް އެފްރިކާގެ ކުރިމަތިލުން ވިއްސާރަވެގެން ނިންމާލައިފި


މިހާރު ކުރިއައްދާ ކްރިކެޓް ވޯލްޑްކަޕްގައި ވެސްޓް އިންޑީސް އާއި ސައުތް އެފްރިކާ ވާދަކުރި މެޗެ ވިއްސާރަވުމުގެ ސަބަބުން ހުއްޓާލަން ޖެހިއްޖެއެވެ.

އިނގިރޭސިވިލާތުގެ ސައުތްހެމްޓަންގައި ކުޅުނު މިމެޗުގެ ޓޮސް ދިމާވުމުން ވެސްޓް އިންޑީސްއިން ނިންމީ އުކާށެވެ. އެގޮތުން ސައުތް އެފްރިކާއިން ކުޅެން އަރައި 7.3 އޯވަރު ކުޅެވުނުއިރު ވިއްސާރަވެގެން މެޗު އިތުރަށް ކުރިއަށް ނުގެންދެވުމުން، ކޮންމެ ޓީމަކަށް އެއް ޕޮއިންޓް ދިނުމަށްފަހު މެޗް ވަނީ ނިންމާލާފައެވެ.

މިމެޗު ވިއްސާރަވެގެން ހުއްޓާލުމުގެ ސަބަބުން ސައުތް އެފްރިކާއަށް ވަނީ މުބާރަތުގައި އިތުރަށް ކުރިއަށް ދިއުމަށް އޮތް ފުރުސަތު ހަނިވެފައެވެ.
އެޓީމަށް މިހާތަނަށް ކުޅުނު ހަތަރު މެޗުން ލިބުނީ އެންމެ ޕޮއިންޓެވެ.

ވެސްޓް އިންޑީސް ވަނީ މިހާތަނަށް ކުޅުނު މެޗުތަކުން ތިން ޕޮއިންޓް ހޯދާފައެވެ. މިނަތީޖާއާއިއެކު އެޓީމުން ވަނީ މުބާރާތުގެ ގަދަ ހަތަރެއްގައި ހިމެނުމަށް ކުރަމުންދާ އުންމީދު ބޮޑުކޮށްފައެވެ.

ވެސްޓް އިންޑީސްއިން މުބާރާތުގައި ދެން ވާދަކުރަނީ މުބާރާތް ބާއްވާ ގައުމު ކަމަށްވާ އިންގްލޭންޑާއި ދެކޮޅަށެވެ.