ވިޔަފާރި

2 ސަރަޙައްދެއްގައި ބައިނަލްއަޤްވާމީ ބަނދަރު ޤާއިމުކުރުމަށް ކޮންސަލްޓެންސީ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަނީ


ރާއްޖޭގެ އުތުރާއި ދެކުނުގައި ބައިނަލްއަޤްވާމީ ބަނދަރު ޤާއިމުކުރުމުގެ މަޝްރޫޢުގެ ކޮންސަލްޓެންސީ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކޮށްފިއެެވެ.

ފިނޭންސް މިނިސްޓްރީން ކޮށްފައިވާ އިޢުލާންގައި ބުނެފައިވަނީ ކޮންސަލްޓަންސީ މަސައްކަތުގައި ހިމެނެނީ ރާއްޖޭގެ އުތުރާއި ދެކުނުގައި ބައިނަލްއަޤްވާމީ ބަނދަރެއް ތަރައްޤީ ކުރުމަށްޓަކައި ސްކޯޕިންގ މަސައްކަތް ކުރުމާއި، ފީސިބިލިޓީ އެނަލިސިސް ހެދުމާއި ޕްރޮޖެކްޓު އެކުލަވައިލުމާއި، ޓްރާންސެކްޝަން އެޑްވައިޒަރީ މަސައްކަތްކުރުން ކަމަށެވެ.

މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން ރިކުއެސްޓް ފޯރ ޕްރޮޕޯސަލް، އާރް.އެފް.ޑީއާ އެއްގޮތަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށްވަނީ ހުޅުވާލާފައެެވެ. މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން މަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތުކޮށް ދިނުމުގެ މަޢުލޫމާތު އާރް.އެފް.ޕީ އާ އެއްގޮތަށް ހުށަހަޅަން ޖެހެއެވެ. މި މަސައްކަތް ކުރުމަށް ފަރާތެއް ހޮވާނީ ހުށަހަޅާ ޕްރޮޕޯސަލްގެ ފެންވަރާއި އަދި އަގަށް ރިއާޔަތްކުރުމަށްފަހުކަމަށް ފިނޭންސް މިނިސްޓްރީގެ އިޢުލާންގައިވެއެވެ.

ދިވެހި ސަރުކާރުން ހިތްވަރު ދެނީ ބައިނަލްއަޤްވާމީ ފަރމްތަކުން ދިވެހި ފަރމްތަކުގެ ބައިވެރިވުމާއެކު ޕްރޮޕޯސަލް ހުށަހެޅުމަށް ކަމަށާއި، އަދި ޕްރޮޕޯސަލްތައް ވަޒަންކުރުމުގައި މިކަމަށް ރިޢާޔަތްކުރާނެކަމަށެވެ.

މިމަސައްކަތަށް ޕްރޮޕޯސަލް ހުށަހަޅަން ޝައުޤުވެރިވާ ފަރާތްތަކުން މިމަހުގެ 23 އަންނަ މަހުގެ 18 އަށް ބަންދުނޫން ކޮންމެ ދުވަހަކު 8:30 އިން 13:30 އަށް ލިޔުމަކުން ހުށަހެޅުމުން ޕްރޮޕޯސަލް ހުށަހެޅުމަށް ރަޖިސްޓަރީ ކޮށްދެވޭނެކަމަށް ފިނޭންސް މިނިސްޓްރީން ހާމަކުރެއެވެ.

ހުސްވި ހަފްތާގައި ބޭއްވި ޕާޓްނަރޝިޕް ފޯރަމްގެ ތެރެއިން ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައި އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާޢީލް ވަނީ ރާއްޖޭގެ ދެ ސަރަޙައްދެއްގައި ޓްރާންޝިޕްމަންޓް ބަނދަރުތަކެއް ޤާއިމްކުރުމަކީ ރާއްޖޭގެ އިޤްތިސާދަށް ފައިދާކުރާނެ ކަމެއްތޯ ބެލުމަށް މަސައްކަތްތަކެއް ކުރުމަށް ނިންމާފައިވާ ކަމަށް ވިދާޅުވެފައެވެ.

ރާއްޖޭގައި ޓްރާންޝިޕްމަންޓް ބަނދަރުތަކެއް ތަރައްޤީކުރުމުގެ މަސައްކަތްތަކެއް މީގެކުރީ ސަރުކާރުންތަކުންވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ކުރީގެ ރައީސް ވަޙީދާއި ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައިވެސް ޓްރާންސްޝިޕްމަންޓް ބަނދަރުތަކެއް ތަރައްޤީކުރުމަށް މަޝްވަރާތަކެއްކޮށް، ދިރާސާތަކެއްކުރިއެވެ.