ކުޅިވަރު

ސާފް ސަރަހައްދުގެ 16 އަހަރުން ދަށުގެ މުބާރާތް އަންނަ އަހަރު ރާއްޖޭގައި ބާއްވަން މަސައްކަތް ކުރަނީ


އަންނަ މަހު އައްޑޫ ސިޓީގައި ބާއްވަން ތައްޔާރުވަމުން އަންނަ ޔޫއެފާ ފަނަރަ އަހަރުން ދަށުގެ އިންޓަނޭޝަނަލް މުބާރާތަކީ ޓްވާޑްސް ފިއުޗާ ޕްލޭންގެ ދަށުން މިހާތަނަށް ކުރެވޭ އެންމެ ބޮޑު އެއް މަސައްކަތް ކަމަށް އެފްއޭއެންގެ ރަޢީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެއެވެ.

ބައްސާމް ވިދާޅުވީ، މިމުބާރާތުގެ ސަބަބުން ރާއްޖޭގެ ފުޓުބޯޅަ އިތުރު ހަރުފަތަކަށް ގެންދިއުމަށް ސަރުކާރާއި ގުޅިގެން ކުރާ މަސައްކަތައްވެސް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށެވެ. އަދި ޚާއްސަކޮށް ދިވެހި ފުޓުބޯޅާގައި ޒުވާން އައު ޖީލެއް ބިނާކުރުމަށް އެފްއޭއެމްއިން ކުރާ މަސައްކަތަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށެވެ.

މިއީ ފަހުގެ ތާރީޚުގައި ރާއްޖޭގެ ވަކި އުމުރުފުރާއެއްގެ އިންޓަނޭޝަނަލް މުބާރާތެއް ބާއްވާ ފުރަތަމަ ފަހަރަށް ވާއިރު، ބައްސާމް ވިދާޅުވީ، އައްޑޫގައި މުބާރާތް ބާއްވަން ނިންމުމުން، އަތޮޅުތެރެއަށް ފުޓުބޯޅަ ފުޅާކުރަން އެފްއޭއެމުން ކުރާ މަސައްކަތަށްވެސް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށެވެ.

ބައްސާމް ވިދާޅުވީ، މުބާރާތް އައްޑޫގައި ބޭއްވުމުގައި ކޮންމެވެސް ވަރެއްގެ ދަތިތަކެއް ހުރި ކަމަށާއި، ނަމަވެސް މިހާރު ހައްލުކުރަން ޖެހޭ ހުރިހާ ކަމެއް ހައްލުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

މީގެ އިތުރުންވެސް ބައްސާމް ވިދާޅުވީ މިމުބަރާތަކީ ފެށުމެއް ކަމުގައި ބަލައިގެން ކުރިއަށް އޮތް ތާގައި އިންޓަނޭޝަނަލް ގިނަ މުބާރާތްތަކެއް ބާއްވަން ވިސްނަމުންދާ ކަމަށާއި، އަންނަ އަހަރު ސާފް ސަރަހައްދުގެ ސޯޅަ އަހަރުން ދަށުގެ މުބާރާތް ރާއްޖޭގައި ބާއްވަން މަސައްކަތް ކުރަމުންދާ ކަމަށެވެ.

"މިއީ މިހާތަނަށް ޓްވާޑްސް ފިއުޗާ ޕްލޭންގެ ދަށުން ކުރެވޭ އެންމެ ބޮޑު އެއް މަސައްކަތް، އަޅުގަނޑުމެން ބޭނުންވަނީ މިއީ ފެށުމެއް ކަމަށް ބަލަން، ސަރުކާރުންވެސް ވަރަށް ބޮޑަށް ބާރުއަޅާ ރާއްޖޭގެ އިންޓަނޭޝަނަލް މުބާރާތްތަށް ބާއްވަން، އެހެންވީމަ އަޅުގަނޑުމެން މިހާރު އެބަ މަސައްކަތް ކުރަން އަންނަ އަހަރު ސާފް ސަރަހައްދުގެ ސޯޅަ އަހަރުން ދަށުގެ މުބާރާތް ރާއްޖޭގައި ބާއްވަން" ބައްސާމް ވިދާޅުވިއެވެ.

ބައްސާމް ވަނީ މުބާރާތް އައްޑޫގައި ބޭއްވުމުގައި ސަރުކާރުގެ ފަރާތުން ލިބޭ އެއްބާރުލުން ފާހަގަކޮށް މިނިސްޓްރީއަށް ޝުކުރު އަދާކޮށްފައެވެ.