ކުޅިވަރު

29 ސްކޫލާއެކު 22 ވަނަ އިންޓަ ސްކޫލް އެތްލެޓިކްސް މުބާރާތް ތިނަދޫގައި ފަށައިފި


29 ސްކޫލަކުން 565 އެތްލީޓުންނާއެކު 22 ވަނަ އިންޓަ ސްކޫލް އެތްލެޓިކްސް މުބާރާތް ތިނަދޫ ޒޯން ސްޓޭޑިއަމްގައި ފަށައިފިއެވެ.

މިއަދު ހެނދުނު ގިނަ އިވެންޓްތަކެއްގެ ފުރަތަމަ ބުރު ކުރިއަށްދިޔައެވެ. ފައިނަލް 6 އިވެންޓެއް ކުރިއަށް ގެންގޮސްފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ 13 އަހަރުން ދަށުގެ އަންހެން ބައިގެ ޝޮޓް ޕުޓް އާއި އެ އުމުރު ފުރައިގެ ފިރިހެން ބައިގެ ލޯންގް ޖަމްޕާއި 19 އަހަރުން ދަށުގެ ފިރިހެން ބައިގެ ޝޮޓް ޕުޓް އަދި 15 އަހަރުން ދަށުގެ ފިރިގެން ބައިގެ ޑިސްކަސް އުކުމާއި އެ އުމުރުފުރައިގެ އަންހެން ބައިގެ ޖެވެލިން ތްރޯގެ އިތުރުން 17 އަހަރުން ދަށުގެ ފިރިހެން ބައިގެ ހައި ޖަމްޕްއެވެ.

13 އަހަރުން ދަށުގެ އަންހެން ބައިގެ ޝޮޓް ޕުޓްގެ އެއްވަނަ ހޯދީ ތިނަދޫ ސްކޫލުގެ ފާތުމަތު ނަޖާ މުހައްމަދުއެވެ. އަދި 13 އަހަރުން ދަށުގެ ފިރިހެން ބައިގެ ލޯންގް ޖަމްޕްގެ އެއްވަނަ ހޯދީ ތިނަދޫ ސްކޫލުގެ މުހައްމަދު ޔަފާއުއެވެ. މީގެ އިތުރުން 19 އަހަރުން ދަށުގެ ފިރިހެން ބައިގެ ޝޮޓް ޕުޓުން އެއްވަނަ ހޯދީ ދ. އަތޮޅު ސްކޫލުގެ ނާމީ ޖަމްޝީދުއެވެ. 15 އަހަރުން ދަށުގެ ފިރިހެން ބައިގެ ޑިސްކަސް އުކުމުން ޝެއިހް މުޙައްމަދު ޖަމާލުއްދީން ސްކޫލުގެ ހުސައިން އުޒައިން އަލީ އެއްވަން ހޯދި އިރު އެ އުމުރުފުރައިގެ އަންހެން ޖެވެލިން އުކުމުން އެއްވަނަ ހޯދީ ޏ. އަތޮޅު ތައުލީމީ މަރުކަޒުގެ އައިޝަތު ޔަނާލް އަބްދުﷲއެވެ.

މިމަހުގެ 27ގެ ނިޔަލަށް ތިނަދޫގައި ކުރިއަށްދާ މި މުބާރާތުގައި 29 ސްކޫލަކުން 565 އެތްލީޓުން ބައިވެރިވާއިރު، އެތްލީޓުން ވާދަ ކުރާނީ 8 އުމުރުފުރާއެއްގައިއެވެ.