ގދ. ތިނަދޫގައި ކުރިއަށްދާ 22 ވަނަ އެތްލެޓިކްސް ޗެމްޕިއަންޝިޕް މުބާރާތުގައި މިއަދު ކުރިއަށްދިޔަ 100 މީޓަރު ދުވުމުގެ އިވެންޓުތަކުން އައްޑޫ ސްކޫލުތަކުގެ ދަރިވަރުން ކުރި ހޯދައިފިއެވެ.
100 މީޓަރު ދުވުމުގައި 13 އަހަރުން ދަށުގެ އުމުރުފުރައިގެ ފިރިހެން ބައިން ހިތަދޫ ސްކޫލުގެ ހަސަން ޝާދާން އެއްވަން ހޯދި އިރު، އެ އުމުރުފުރައިގެ އަންހެން ބައިންވެސް އެއްވަނަ ހޯދީ އައްޑޫ ސިޓީގެ ޝަރަފުއްދީން ސްކޫލުގެ މަރިޔަމް އުލްޔާއެވެ. 15 އަހަރުން ދަށުގެ ފިރިހެން ބައިގެ އެއްވަނަވެސް ހޯދީ އައްޑޫ ސިޓީގެ މަރަދޫ ސްކޫލުގެ އަބްދުﷲ ޣާލީއެވެ. އަދި 19 އަހަރުން ދަށުގެ އުމުރުފުރައިގެ ފިރިހެން ބައިގެ އެއްވަނަ ހޯދީ އައްޑޫ ހައި ސްކޫލުގެ އެތްލީޓު މުހައްމަދު ޖަލާއިލެވެ. އަދި އެ އުމުރުފުރައިގެ އަންހެން ބައިގެ އެއްވަނަވެސް ހޯދީ އައްޑޫ ހައި ސްކޫލުގެ އެތްލީޓެއް ކަމަށްވާ އައިޝަތު ހިމްނާއެވެ.
މިއަދު ކުރިއަށްދިޔަ 100 މީޓަރުގެ ދުވުމުގެ ހީޓުތަކުގެ ފައިނަލުގައި ޖަމާލުއްދީން ސްކޫލާއި ގދ. އަތޮޅު ތައުލީމީ މަރުކަޒު އަދި ގއ. ދާންދޫ ސްކޫލުންވެސް އެއްވަނަ ހޯދިއެވެ. އެގޮތުން 15 އަހަރުން ދަށުގެ އަންހެން ބައިގެ 100 މީޓަރު ދުވުމުން އެއްވަނަ ހޯދީ ޖަމާލުއްދީން ސްކޫލުގެ މަރިޔަމް ރޫޔާ އަލީއެވެ. 17 އަހަރުން ދަށުގެ ފިރިހެން ބައިން ގދ. އަތޮޅު ތައުލީމީ މަރުކަޒުގެ އިބްރާހިމް ރާފިލް ވާފިރު އެއްވަނަ ހޯދި އިރު އެ އުމުރުފުރައިގެ އަންހެން ބައިގެ އެއްވަނަ ހޯދީ ގއ.ދާންދޫ ސްކޫލުގެ ސަރާ މައްސޫދެވެ.
މީގެ އިތުރުން މިއަދު ކުރިއަށްދިޔަ ފީލްޑް އިވެންޓުތަކުގެ ފައިނަލުގެ ނަތީޖާއަށް ބަލާއިރު، 17 އަހަރުން ދަށުގެ އަންހެން ޝޮޓް ޕޮޓް އެއްލުމުގެ އިވެންޓުން އެއްވަނަ ހޯދީ ޝަރަފުއްދީން ސްކޫލުގެ ކައުސަރު އާދަމެވެ. އަދި 19 އަހަރުން ދަށުގެ ޑިސްކަސް އެއްލުމުގެ އިވެންޓުން އެއްވަނަ ހޯދީ ގެމަނަފުށީ ސްކޫލުގެ އެތްލީޓު ފާތިމަތު ލުހާއެވެ.
މި މުބާރާތުގައި މިއަދު ހަވީރު ދެން ކުރިއަށް ދިޔައީ 19 އަހަރުން ދަށުގެ 5000 މީޓަރުގެ ދުވުމެވެ. މި އިވެންޓުގައި ފަސް ސްކޫލަކުން އެތްލީޓުން ބައިވެރިވިއިރު، އެއްވަނަ ހޯދީ އައްޑޫ ހައި ސްކޫލުގެ މުހާޖިރު ޒިޔާދު މުހައްމަދެވެ.
މިމަހުގެ 27ގެ ނިޔަލަށް ތިނަދޫގައި ކުރިއަށްދާ މި މުބާރާތުގައި 29 ސްކޫލަކުން 565 އެތްލީޓުން ބައިވެރިވާއިރު، އެތްލީޓުން ވާދަ ކުރާނީ 8 އުމުރުފުރާއެއްގައިއެވެ.