ކެމިސްޓްރީގެ ފަރާތުން ޤައުމީ ސީނިއާ އަންހެން ވޮލީބޯޅަ ޓީމަށް ޚާއްސަ ހަދިޔާއެއް ދީފިއެވެ.
އަންހެން ބޭފުޅުންނަށް ޚާއްސަ ކެމިސްޓްރީ ފިހާރައިގެ ފަރާތުން ސީނިއާ އަންހެން ވޮލީބޯޅަ ޓީމުގެ ކޮންމެ މެމްބަރަކަށް ޚާއްސަ ގިފްޓް ހެމްޕާއަކާއިއެކު އެއް އަހަރު ދުވަހުގެ ޑިސްކައުންޓް ކާޑެއްވަނީ ހަދިޔާކޮށްފައެވެ. މި ކާޑު ބޭނުންކޮށްގެން ކެމިސްޓްރީގެ ފިހާރައަކުން ކުރާ ކޮންމެ ވިޔަފާރިއަކަށް 30 އިންސައްތައާއި 25 އިންސައްތައިގެ ޚާއްސަ ޑިސްކައުންޓެއް ލިބޭނެއެވެ.
ޕީއެސްއެމް ސްޕޯޓްސްއާއި ވާހަކަ ދައްކަމުން ކެމިސްޓްރީ ފިހާރަތައް ހިންގާ ޔޫސުފް ޒުހުރީ ވިދާޅުވީ ޤައުމީ އަންހެން ޓީމަށް މި ހަދިޔާ ދިނުމުގެ ބޭނުމަކީ ކެމިސްޓްރީއަކީ އަންހެން ބޭފުޅުންނަށް ޚާއްސަ ފިހާރައަކަށްވެފައި، އައިއޯއައިޖީއަށް ވަރުގަދަ ޓާގެޓެއް ކަނޑައަޅައިގެން ޤައުމީ ވޮލީބޯޅަ ޓީމް ކުރަމުންދާ ބުރަ މަސައްކަތުގެ އަގުވަޒަންކޮށް، ކުޅުންތެރިންނަށް ހިތްވަރު ދިނުންކަމަށެވެ. އޭނާ ވިދާޅުވީ ކުރިއަށް އޮތްތަނުގައިވެސް ޓީމަށް ހިތްވަރުދިނުގެ ގޮތުން ގިނަ ކަންތައްތަކެއް ކުރުމަށް ރާވަމުންދާކަމަށެވެ.
ޕީއެސްއެމް ސްޕޯޓްސްއާއި ވާހަކަ ދައްކަމުން ސީނިއާ އަންހެން ޤައުމީ ވޮލީބޯޅަ ޓީމުގެ ހެޑް ކޯޗް ޢިބްރާހިމް ރަޝީދު (ސަތޯ) ބުނީ އައިއޯއައިޖީއަށް ކުޅުންތެރިން ތައްޔާރު ކުރުމުގައި ކުޅުންތެރިންނަށް ހިތްވަރު ދިނުމަކީ މުހިންމު ކަމެއްކަމަށާއި އަމިއްލަ ފަރާތްތަކުން ދޭ މިފަދަ ހަދިޔާތަކުން ޓީމަށް ވަރަށް ބޮޑަށް ފައިދާ ކުރާނެކަމަށެވެ. އޭނާވަނީ ޤައުމީ އަންހެން ޓީމް ކުރާ މަސައްކަތް ބަލައިގަނެ ޓީމުގެ އަގުވަޒަން ކުރުމުގެ ގޮތުން ކެމިސްޓްރީން ދިން ހަދިޔާއަށް ޝުކުރު އަދާކޮށްފައެވެ.