2023ވަނަ އަހަރުގެ އިންޑިއަން އައލެންޑް އޯޝަން ގޭމްސް ހޯސްޓުކުރުމުގެ ފެންވަރު ރާއްޖޭގައި އެބަހުރިކަމަށް އިންޓަނޭޝަނަލް ކައުންސިލް އޮފް އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ރައީސް އެންޓޯނިއޯ ގޯޕާލް ވިދާޅުވެއްޖެއެވެ.
ރާއްޖެއިން 2023ވަނަ އަހަރުގެ އައި.އޯ.އައި.ޖީ ބޭއްވުމަށް ބިޑް ކުރުމާއި ގުޅިގެން ބަލަންޖެހޭ ކަންތައްތައް މޮނީޓާކުރުމަށް އައި.އޯ.އައި.ޖީ ކައުންސިލްގެ އިސް ބޭފުޅުން ރާއްޖެއަށްކުރި ރަސްމީ ދަތުރުފުޅު ނިންމަވާލުމުގެ ކުރިން ނޫސްވެރިންނާއި ވާހަކަ ދައްކަމުން ގޯޕާލް ވިދާޅުވީ ރާއްޖޭގައި އައި.އޯ.އައި.ޖީ ފަދަ ބޮޑު މުބާރާތެއް ހޯސްޓު ކުރެވިދާނެ ކަމަށާއި، ޚާއްސަކޮށް 2023ވަނަ އަހަރުގެ މުބާރާތުގެ ބިޑް ކާމިޔާބުކޮށް މުބާރާތް ރާއްޖޭގައި ބާއްވަން ސަރުކާރުން ވަރަށް ބޮޑު ސަމާލުކަމެއް ދޭކަން، މިދަތުރުގެ ތެރެއިން އެކަނިވެސް ހާމަވެއްޖެ ކަމަށެވެ.
ގޯޕާލް ވިދާޅުވީ ކުޅިވަރު ވަސީތަލްތަކުން އަދި ރާއްޖެ އެންމެ ފުރިހަމަ ނުވި ކަމުގައި ވިޔަސް، އެކަން ހައްލު ކުރުމަށް އަދި ވަގުތު އެބައޮތް ކަމަށެވެ. އަދި ރާއްޖޭގެ ސަރުކާރުން އެމައްސަލަ ހައްލު ކުރުމަށް ގެންގުޅޭ ޕްލޭނާއި މަސައްކަތްތައް ކުރިއަށްދާގޮތް ސާފުކުރި ކަމަށާއި އެމަސައްކަތް 2023އާއި ހަމައަށް ފުރިހަމައަށް ނިންމާނެކަމުގެ ޔަގީންކަންވެސް ލިބިފައިވާކަމަށެވެ.
"ވަރަށް ހިތްހަމަ ޖެހޭ ރާޖެއިން މިކަމަށް ވަމުންދާ ތައްޔާރީތަކާއިމެދި، ޚާއްސަކޮށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރާ ކަމެއްކަން ދޭހަވެއްޖެ، މިދަފަ މުބާރާތްތެއް ބާއްވަން މުހިންމީ އިންފްރާސްޓްރަކްޗާ އެކަންޏެއް ނޫން، އިތުރު ބައިވަރު ކަންކަމަށް އަޅުގަނޑުމެން ބަލަންޖެހޭ، ކުރުކޮށް ބުނާނަމަ އިންފްރާސްޓްރަކްޗާ ފިޔަވާ ހުރިހާ ކަމެއް އެބަހުރި ހިތްހަމަޖެހޭވަރަށް، އިންފްރާސްޓްރަކްޗާގެ މައްސަލަ ހައްލުކުރަން ސަރުކާރުން ގެންގުޅޭ ވިސްނުންވެސް ވަރަށް ކަމުދޭ، އަދި ވަގުތު އެބައޮތް އެކަން ޙައްލުކުރަން،" ގޯޕާލް ވިދާޅުވިއެވެ.
ގޯޕާލް ވިދާޅުވީ، ރައްޖޭގައި މީގެ ކުރިންވެސް ސަރަހައްދީ ބޮޑެތި މުބާރާތްތައް ކާމިޔާބުކަމާއިއެކު ބާއްވާފައި އެބަހުރި ކަމަށާއި، އައ.އޯ.އައި.ޖީ ފަދަ ބޮޑު ގޭމްސްއެއް ރާއްޖޭގައި ނުބޭއްވޭންވީ ސަބަބެއް ނެތްކަމަށް. އަދި މިފަދަ ބޮޑު ގޭމްސްއެއް ހޯސްޓު ކުރުމުގައި ހުރިހާ އެއްޗަކީ އިންފްރާސްޓްރަކްޗަރ ނޫން ކަމަށެވެ.
އައި.އޯ.އައި.ޖީ ކައުންސިލްގެ އިސް ބޭފުޅުންގެ މި ދަތުރުފުޅުގައި ރާއްޖެއިން ގޭމްސްއަށް ތައްޔާރުވަމުން އަންނަ މިންވަރު ދިރާސާކުރުމުގެ އިތުރުން ރަޢީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމްއާއިވެސް ވަނީ ބައްދަލުކުރައްވާފައެވެ.