ވިޔަފާރި

އެމް.އެޗް ގަތުމުގެ މަސައްކަތް އެއަރ އޭޝިޔާގެ ކުރީގެ ޗެއަރމަން ފަށައިފި


މައްސަލަތައް ބޮޑުވެ، ގެއްލުމާ ކުރިމަތިލާންޖެހިފައިވާ މެލޭޝިޔާ އެއަރލައިންސް ހިންގުމަށް އެއަރ އޭޝިޔާގެ ކުރީގެ ޗެއަރމަން ހިމެނޭ ވިޔަފާރިވެރިންގެ ގުރޫޕަކުން މަސައްކަތް ފަށައިފިއެވެ.

އެއަރ އޭޝިޔާގެ ކުރީގެ ޗެއަރމަން މެލޭޝިޔާ އެއަރލައިންސް ހިންގަން ޝަޢުޤުވެރިކަން ފާޅުކޮށްފައިމިވަނީ މެލޭޝިޔާ އެއަރލައިންސްގެ ކުރިމަގާ ގުޅޭގޮތުން މެލޭޝިޔާ ސަރުކާރުން ގޮތްތަކެއް ނިންމަން މަޝްވަރާކުރަމުންދާ ދަނޑިވަޅެއްގައެވެ.

ޚަބަރުތައް ބުނާގޮތުން އެއަރ އޭޝިޔާގެ ކުރީގެ ޗެއަރމަން ޕަހަމިން އަބް ރަޖަބްވެސް ހިމެނޭ ވިޔަފާރިވެރިންގެ ގްރޫޕުން ވަނީ މެލޭޝިޔާ އެއަރލައިންސް ހިންގުމާ ގުޅޭގޮތުން މެލޭޝިޔާގެ ބޮޑުވަޒީރު މަހާތިރު މުހައްމަދާވެސް ބައްދަލުކޮށް، މަޝްވަރާކޮށްފައެވެ. ނަމަވެސް އެކަމުގެ މާބޮޑު ތަފްސީލެއް އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ.

ޚަބަރުތައް ބުނާގޮތުން އެއަރ އޭޝިޔާގެ ކުރީގެ ޗެއަރމަން ހިމެނޭ ގްރޫޕުން ދަނީ އެއަރލައިން ހިންގުމަށް "ނަޖާ އެއަރ"ގެ ނަމުގައި ވަކި ކުންފުންޏެއް ރަޖިސްޓްރީކުރުމުގެ މަސައްކަތް ކުރަމުންނެވެ. އަދި މެލޭޝިޔާ އެއަރލައިންސްގެ 49 އިންސައްތަ އެކުންފުނިން ގަންނާނެކަމަށް ޚަބަރުތައް ބުނެއެވެ.

ބައެއް މީޑިއާތަކަށް އެއަރ އޭޝިޔާގެ ކުރީގެ ޗެއަރމަން ޕަހަމިން އަބް ތަޖަބް ދީފައިވާ އިންޓަވިއުތަކުގައި ބުނެފައިވަނީ، އެކުންފުނިން މެލޭޝިޔާ އެއަރލައިން ހިންގިނަމަވެސް އެއްވެސް މުވައްޒަފަކު ވަކިކޮށް، ނުވަތަ އެއަރލައިންގެ ނަމަށް އެއްވެސް ބަދަލެއް ނުގެންނާނެކަމަށެވެ. އަދި އެއަރލައިން ކޮޅަށް ޖެހުމަށް މެލޭޝިޔާ ސަރުކާރުން އެއްވެސް ފައިސާއެއް ޚަރަދުކުރާކަށް ނުޖެހޭނެކަމަށާއި އެއަރލައިން އޮންނާނީވެސް މެލޭޝިޔާގެ ޤައުމީ އެއަރލައިންގެ ގޮތުގައިކަމަށް އޭނާ ބުންޏެވެ. ނަމަވެސް އެއަރލައިން ކޮޅަށް ޖެހުމުގެ މަސައްކަތުގައި މެލޭޝިޔާ ސަރުކާރުގެ އެއްވެސް ނުފޫޒެއް އޮންނަން ބޭނުންނުވާކަމަށްވެސް ރަޖަބް ވިދާޅުވިއެވެ.

ނަޖާ އެއަރ ނަމުގައި ކުންފުންޏެއް އުފައްދައިގެން މެލޭޝިޔާ އެއަރލައިންސް ހިންގުމަށް އެއަރ އޭޝިޔާގެ ކުރީގެ ޗެއަރމަން ތައްޔާރުވަމުންދާއިރު، އެމީހުންގެ ކިބައިގައި އެއަރލައިން ހިންގުމަށް ބޭނުންވާ މާލީ ޤާބިލްކަން ހުރިކަން މެލޭޝިޔާ ސަރުކާރަށް މިހާރު ސާބިތުކޮށްދީފައިވާކަމަށްވެސް ޚަބަރުތައް ބުނެއެވެ.

މެލޭޝިޔާ އެއަރލައިންސްގެ ކުރިމަގާމެދު ގޮތްތަކެއް ނިންމަންޖެހިފައިވަނީ ފައިދާއެއް ނުވެ، ގެއްލުމުގައި މެލޭޝިޔާ އެއަރލައިންސް ހިންގަމުންދާ ދަނޑިވަޅެއްގައެވެ. އެހެންކަމުން މެލޭޝިޔާގެ ސަރުކާރުން ދަނީ އެއަރލައިން ހުއްޓާލާނީތޯ، ނުވަތަ ވިއްކާލާނީތޯ ނުވަތަ ނުވަތަ އިތުރަށް އިންވެސްޓްކުރުމާމެދު މަޝްވަރާކުރަމުންނެވެ. ތަޖުރިބާކާރުން ލަފާކުރަނީ މެލޭޝިޔާ ސަރުކާރުން މެލޭޝިޔާ އެއަރލައިންސް ބޮޑު ޚިއްސާއެއް އެހެން ކުންފުންޏަކަށް ވިއްކާލާނެކަމަށެވެ.