ވިޔަފާރި

އުރުދުންގައި ޕަބްޖީ މަނާކޮށްފި


ދުނިޔޭގައި މިހާރު އެންމެ މަޝްހޫރު މޮބައިލް ގޭމް، ޕަބްޖީ އުރުދުންގައި މަނާކޮށްފިއެވެ.

އުރުދުންގައި ޕަބްޖީ މަނާކުރީ އެގޭމްގެ ސަބަބުން މުޖްތަމަޢުއަށް ނޭދެވޭ އަސަރުތަކެއް ކުރަމުންދާތީކަމަށް އުރުދުންގެ ޓެލެކޮމިއުނިކޭޝަން އޮތޯރިޓީން ބުނެއެވެ. އުރުދުންގައި ޕަބްޖީ މަނާކޮށްފައި މިވަނީ އެޤައުމުގައި އެ ގޭމްގެ މަޤްބޫލުކަން ބޮޑުވެ، ބައެއް މުއަސާސަތާކުން އެކަމާ ގުޅިގެން ކަންބޮޑުވުންވެސް ފާޅުކޮށްފައިވަނިކޮށެވެ.

އުރުދުންގައި ޕަބްޖީ މަނާކުރުމުން ބައެއް ޒުވާނުންވަނީ އެކަމާ ދެކޮޅަށް ވާހަކަ ދައްކާފައެވެ. އެގޮތުން ޕަބްޖީއަކީ ގިނަ ބަޔަކު އެއްތަންކޮށް، ގުޅުން ބަދަހިވެގެންދާ ގޭމެއްކަމަށް ބައެއް މީހުން ބުންޏެވެ. ނަމަވެސް އުރުދުންގެ ބައެއް ހަރު މީހުން ބުނާގޮތުން އެ ގޭމް ސަބަބުން އާއިލީ ގުޅުމަށް ވަނީ ބުރޫ އަރާފައެވެ. އެހެން ބައެއް މީހުން ބުނީ ޕަބްޖީއަކީ ބޮޑެތި މީހުންނަށް އެކަށީގެންވާ ގޭމެއް ނަމަވެސް، އެގޭމަކީ ކުޑަކުދިންނަށް އެކަށީގެންވާ ގޭމެއް ނޫންކަމަށެވެ.

އުރުދުންގައި ޕަބްޖީ މަނާކޮށްފައިވާއިރު، އިންޑިއާގެ ގުޖުރާތު، ނޭޕާލް، ޢިރާޤް އަދި އިންޑޮނޭޝިޔާގެ އާޗޭގައިވެސް ޕަބްޖީ ވަނީ މަނާކޮށްފައެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަޤްބޫލުކަން ހޯދަމުން އަންނަ ޕަބްޖީ ގޭމަށް މިދިޔަ އަހަރުވެސް ވަނީ ބިލިއަނެއްހާ ޑޮލަރުގެ އާމްދަނީއެއް ލިބިފައެވެ.