ކުޅިވަރު

"އައިއޯއައިޖީގެ ބިޑް ކާމިޔާބުކުރަން ރާއްޖެއިން މިކުރާ މަސައްކަތް އެހެން ގައުމަކުން ކޮށްފައެއް ނުވާނެ"


އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ބިޑް ކާމިޔާބު ކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތަކީ މީގެކުރިން އެއްވެސް ގައުމަކުން ކޮށްފައިނުވާ ވަރުގެ މަސައްކަތެއް ކަމަށް ޔޫތު މިނިސްޓަރު އަޙުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

އައިއޯއައިޖީ ބިޑް ކާމިޔާބު ކުރުމަށް ރާއްޖެއިން ކުރާ މަސައްކަތުގައި ރަޢީސުލްޖުމްހޫރިއްޔާ ޢިބްރާހިމް މުޙައްމަދު ޞާލިހުގެ ޚާއްސަ މަންދޫބުންގެ ގޮތުގައި، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އަރިހުގައި މެމްބަރު ބައެއް ޤައުމުތަކަށް ކުރައްވާ ޚާއްސަ ދަތުރުފުޅަށް ފުރާވަޑައިގަތުމުގެ ކުރިން ޕީއެސްއެމް ސްޕޯޓްސްއަށް މަޢުލޫމާތު ދެއްވަމުން މިނިސްޓަރ މަހްލޫފް ވިދާޅުވީ، 2023ވަނަ އަހަރުގެ އައިއޯޖީ ރާއްޖޭގައި ބޭއްވުމަށް ކުރާ މަސައްކަތަކީ ސީދާ ރަޢީސް ޞާލިހުގެ ބެއްލެވުމުގެ ދަށުން ޚާއްސަ ކޮމިޓީއެއް އެކުލަވާލެވިގެން ކުރާ މަސައްކަތްތަކެއް ކަމަށެވެ.

މިކަމަށް ދެއްވާ ސަމާލުކަން ވަރަށް ރަނގަޅައް ހާމަވެގެންދާކަން ފާހަގަކުރައްވަމުން މިނިސްޓަރު މަހްލޫފު ވިދާޅުވީ ސަރުކާރާއި މިކަމުގައި ޝާމިލްވާ ހުރިހާ ފަރާތްތަކުން ގުޅިގެން ކުރާ މަސައްކަތް ކާމިޔާބުވާނެ ކަމުގެ ވަރަށް ބޮޑު ޔަޤީންކަމެއް އެބައޮތް ކަމަށެވެ.

މިނިސްޓަރ މަހްލޫފް ވިދާޅުވީ މިދަތުރުފުޅުގައި ސީޝެލްސްގެ ރަޢީސްއާ ބައްދަލުކުރެއްވުމުގެ އިތުރުން މޮރީޝަސް އާއި ކޮމޮރޯސްގެ ސަރުކާރުގެ އިސް ބޭފުޅުންނާއި ބައްދަލުކުރައްވަން ހަމަޖެހިފައިވާ ކަމަށެވެ.

"އަޅުގަނޑަކަށް ހިޔެއްނުވޭ މިކަން ކާމިޔާބުކުރަން އަޅުގަނޑުމެން މިކުރާ މަސައްކަތަކީ މީގެކުރިން އެއްވެސް ގައުމަކުން ކުރި މަސައްކަތެއް ހެނެއް. ދެން މި ކަމަކީ ހަގީގަތުގަ ސީދާ ރަޢީސް ބެއްލެވުމުގެ ދަށުން ޚާއްސަ ކޮމިޓީއެއް އެކުލަވާލައިގެން ކުރަމުން އަންނަ މަސައްކަތް،" މިނިސްޓަރ މަހްލޫފް ވިދާޅުވިއެވެ.

ރާއްޖޭގެ އިތުރުން 2023ވަނަ އަހަރުގެ މުބާރާތް ހޯސްޓުކުރުމަށް ކޮމޮރޯސް އާއި މަޑަގަސްކާއިންވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ.