'އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު'ގެ ދަށުން ކުރިއަށްގެންދިޔަ ފުރަތަމަ ޕްރޮޖެކްޓް، “ނެއްލައިދޫ ކޮމިއުނިޓީ ޕާކް” ހުޅުވައިފިއެވެ.
'އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު'އަކީ ދެމެހެއްޓެނެވި ގޮތެއްގައި ރަށްރަށުގައި ހިންގުމަށް ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީތެރިވުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސްއިން ތައާރަފް ކުރި ޕްރޮޖެކްޓެކެވެ.
ނެއްލައިދޫ ކޮމިއުނިޓީ ޕާކުގެ ނަމުގައި ހދ. ނެއްލައިދޫގައި ގާއިމް ކޮށްފައިވާ ޕާކަކީ، ކޮމިއުނިޓީ ފަންޑުގެ ފުރަތަމަ ކުއާޓަރގައި ހޮވުނު 5 ޕްރޮޖެކްޓްގެ ތެރެއިން އެއް ޕްރޮޖެކްޓެވެ.
އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑް ޕްރޮގްރާމްގެ ދަށުން ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކަށާއި، ތަޢުލީމު، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ޕްރޮޕޯސަލް ހުށަހެޅޭނެއެވެ. އަދި ކޮންމެ ކުއާޓަރއެއްގައި ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު ފަސް ޕްރޮޕޯސަލް ހޮވައި، ކޮންމެ ޕްރޮޕޯސަލް އެއްގައި ހިމެނޭ ހަރަކާތް ހިންގުމަށްޓަކައި ފަންސާސް ހާސް ރުފިޔާ ދިނުމަށް ބީއެމްއެލްއިން ވަނީ ކަނޑައަޅާފައެވެ.
" ފާއިތުވި ދެ އަހަރު ބީއެމްއެލް އިން ވަނީ މުޖުތަމައަށް އެހީތެރިވުމުގެ ގޮތުން ރައްޖޭގައި ހިންގަމުންދާ އިންވެސްޓްމަންޓް ދެ ގުނައަށް އިތުރުކޮށްފަ. ބީ އެމްއެލް ކޮމިއުނިޓީ ފަންޑާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުންދާ ޕްރޮޖެކްޓްތަކަށް މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދެވި، މުޖުތަމައުގެ ކުރިއެރުމަށާއި ލާބައަށް އަޅުގަނޑުމެން ކުރަމުންދާ މަސައްކަތްތައް މިވަނީ އިތުރުވެގެން ގޮސްފަ. މި ގޮތުން މިއަހަރު ނިމޭއިރު އެއް މިލިއަން ރުފިޔާ މި ފަންޑުގެ ދަށުން ދޫކެރެވިގެންދާނެ. އަޅުގަނޑުމެންގެ އުއްމީދަކީ ކުރިއަށް ހުރި ކުއާޓަރތަކަށްވެސް ވީހާވެސް ރަނގަޅު ޕްރޮޕޯސަލްތަކެއް ލިބިގެން ދިޔުން." ބޭންކް ހިންގެވުމާއި ހަވާލުވެވަޑައިގެން ހުންނެވި އައިޝަތު ނޫރައްދީން ވިދާޅުވިއެވެ.
"ރަށުގެ ރައްޔިތުންނަށް ހިތްގައިމު މާހައުލެއްގައި ބައްދަލުކޮށްލާނެ ރަނގަޅު މައިޒާނެއް ނުވަތަ ޕާކެއް ނޯވޭ. މިކަމަށް ބޭނުންވާ ފައިސާ ނުލިބޭތީ ނުކުރެވި އޮތް ކަމެއް މި ކަމަކީ. ބީއެމްއެލް ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަލް އަށް ހުޅުވާލުމާއެކު ހިޔާލަށް އައީ ރަށަށް މިވަގުތު އެންމެ މުހިންމުއެއް ކަމަކީ މިފަދަ ޕާކެއް ގާއިމްކުރުން ކަމަށް. " ނެއްލައިދޫ ކޮމިއުނިޓީ ޕާކް ޕްރޮޕޯސަލް ކާމިޔާބު ކުރި ހާމިދު ރަޝީދު ވިދާޅުވިއެވެ.
2018ވަނަ އަހަރު ބީއެމްއެލް އިން ވަނީ "އަހަރެންގެ ބޭންކް" ގެ ދަށުން މުޖުތަމައަށް އެހީތެރިވުމަށް 300 މިލިއަން ރުފިޔާގެ އިންވެސްޓްމަންޓް ޕްރޮގްރާމް ކުރިޔަށް ގެންގޮސްފައެވެ. މި ޕްރޮގްރާމް މެދުވެރިކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތައުލީމާއި ކުޅިވަރާއި އަދި ތިމާވެށީގެ ހަރަކާތްތަކުގެ އިތުރުން ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ހިންގާ ހަރަކާތްތަކާއެކު ޖުމްލަ 110 ޕްރޮޖެކްޓަކަށް ވަނީ މާލީ އެހީތެރިކަން ފޯރުކޮށްދީފައެވެ.