ވިޔަފާރި

ޖޫންމަހު މީރާ މެދުވެރިކޮށް ދައުލަތަށް 1.49 ބިލިއަން ރުފިޔާ


މިއަހަރުގެ ޖޫންމަހު މީރާ މެދުވެރިކޮށް ދައުލަތަށް 1.49 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެއެވެ.

ދައުލަތުގެ ޓެކްސް އިދާރާ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީން އާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ހުސްވި މަހު ލިބުނު އާމްދަނީގެ އަދަދަކީ 2018ވަނަ އަހަރުގެ ޖޫންމަހު ލިބުނު އާމްދަނީގެ އަދަދަށްވުރެ %15.4 އިތުރު އަދަދެކެވެ.

އަދި މިއީ ޖޫންމަހު ދަޢުލަތަށް ލިބޭނެ ކަމަށް އަންދާޒާކުރި އާމްދަނީގެ އަދަދަށްވުރެ %9 އިތުރު އަދަދެކެވެ.
މިދިޔަ އަހަރުގެ ޖޫންމަހާ އަޅާ ބަލާއިރު ލިބުނު އާމްދަނީ އިތުރުވެފައިވަނީ ޖީ.އެސް.ޓީ، ބީ.ޕީ.ޓީ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމުންނެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން ހުސްވި މަހު ދައުލަތަށް އެންމެ ބޮޑު އާއްދަނީއެއް ލިބިފައިވަނީ މުދަލާއި ޙިދުމަތުގެ އަގުން ނަގާ ޓެކްސް، ޖީއެސްޓީންނެވެ. އެއީ 462 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ވިޔަފާރީގެ ފައިދާއިން ނަގާ ޓެކްސް ބިޒްނަސް ޕްރޮފިޓް ޓެކްސް، ބީ.ޕީ.ޓީގެ ގޮތުގައެވެ. އެއީ 275 މިލިއަން ރުފިޔާއެެވެ.

ޖޫންމަހު މީރާއިން ބަލައިގަނެފައިވާ ޢާމްދަނީގެ ތެރޭގައި 55.09 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.