ކުޅިވަރު

ބީޗް ވޮލީ ބޯޅައިން މެޑަލްއެއް ހޯދޭނެކަމުގެ އިތުބާރު ވަރަށް ބޮޑަށް އެބައޮތް: ޝިއުޒާން


ރަނގަޅު ކާމިޔާބީއެއް ހޯދޭނެކަމުގެ އިތުބާރު ވަރަށް ބޮޑަށް އެބައޮތް ކަމަށާއި، މެޑަލްއަކާ ހަމައަށް ވާޞިލުވާން ކުރެވެން ހުރި ހުރިހާކަމެއް ކުރާނެކަމަށް ޤައުމީ ބީޗް ވޮލީބޯޅަ ޓީމުގެ ކެޕްޓަން ޝިއުނާޒް ޢަބްދުލް ވާހިދު ބުނެފިއެވެ.

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައި.އޯ.އައި.ޖީ)އަށް ފުރުމުގެ ކުރިން ޕީއެސްއެމް ސްޕޯޓްސްއާ ވާހަކަދައްކަމުން ޝިއުނާޒް ބުނީ، އުންމީދުކުރި ވަރަށްވުރެ ފުރިހަމައަށް ފަރިތަކުރުންތައް ކުރިއަށް ގެންދެވުނު ކަމަށާއި، އެހެންކަމުން މި މުބާރާތުން ރަނގަޅު ވަނައެއް ހޯދޭނެކަމުގެ އިތުބާރު ވަރަށް ބޮޑުކަމަށެވެ.

އަދި އިދިކޮޅުން ވާދަކުރާ ޓީމުތަކުގެ ފެންވަރު މާ ރަނގަޅަށް ނޭނގޭ ކަމުގައިވާނަމަވެސް ކޮންމެވެސް ވަރަށް އެ ޓީމުތަކުގެ ކުޅުން ދެނެގަނެގަންނަން މަސައްކަތް ކުރިކަމަށާއި، ރޭންކުގެ ގޮތުން އެހެން ޤައުމުތަކައްވުރެ ރާއްޖެ މަތީގައި އޮތުމުން އެއީ މެޑަލްއަކާ ހަމައަށް ވާޞިލުވާން ލިބޭ ވަރަށް ބޮޑު އެޑްވާންޓޭޖެއް ކަމަށްވެސް ޝިއުނާޒް ބުންޏެވެ.

" އަނެއްހެން މާ ބޮޑަކަށް ނޭނގެ އިދިކޮޅުން ކުޅޭ ޓީމުތަކުގެ ކުޅުމެއް. އެކަމަކު ރޭންކުގެ ގޮތުން ބަލާއިރު އަޅުގަނޑުމެން ކަންނޭނގެ އެންމެ ކުރީގަ މިއުޅެނީ. އޭރުން އެއީ ވަރަށް ބޮޑު އެޑްވާންޓޭޖެއް. ދެން އަޑުއަހަން ބައެއް ޤައުމު ތަކުން ފްރާންސް ފަދަ ވަރުގަދަ ޤައުމުތަކުގެ ކުޅުންތެރިން ބޭނުންކުރާ ވާހަކަ. އެހެންކަމަށް ވަންޏާ ތަންކޮޅެއް އުނދަގޫވާނެ. އެކަމަކު ސީދާ އެ ޤައުމުތަކުގެ ކުޅުންތެރިން ކުޅެންޏާ މެޑަލް އަޅައިގެން އެނބުރި އަންނާނީ" ޝިއުނާޒް ބުންނެވެ.

ޤައުމީ ބީޗް ވޮލީބޯޅަ ޓިމުން ވަނީ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން މާލޭގައި ފަރިތަކުރުންތައް ކުރިއަށް ގެންދިއުމަށްފަހު، ތައިލޭންޑުގައިވެސް ޚާއްސަ ފަރިތަކުރުންތަކެއް ފުރިހަމަކޮށްފައެވެ. އައި.އޯ.އައި.ޖީގެ ބީޗް ވޮލީބޯޅާގައި ރާއްޖެ ލައްވާލާފައިވަނީ، ރެޔޫނިއަން، ކޮމޮރޯސް، އަދި މަޔޮޓްއާއެކު ގްރޫޕް ބީގައެވެ.