ޤައުމީ ޓެން ބޯލް ބިލިއާޑް މުބާރަތުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ފުރަތަމަ ފަހަރަށް އަހުސަން ހާޝިމް ކާމިޔާބުކޮށްފިއެވެ.
އަހުސަން މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ރޭ ކުޅުނު މިބައިގެ ފައިނަލުގައި ހުސައިން ފަޔާޒް ބަލިކޮށްގެންނެވެ. ރޭސް ޓު ނައިނަށް ކުޅުނު ފައިނަލް މެޗް އަހުސަން ކާމިޔާބުކުރީ ނުވަ ފްރޭމް 7 ފްރޭމުންނެވެ.
މެޗު ފެށިގެން ފުރަތަމަ ހަތަރު ފްރޭމް އަހުސަން ވަނީ ފަސޭހަކަމާއިއެކު ގެންގޮސް ބޮޑު ލީޑެއް ނަގާފައެވެ. އެއާއިއެކު އަހުސަން ލީޑުގައި ކުޅެމުން ދަނިކޮށް ހުސައިން ފަޔާޒްވަނީ ފަހަތުން އަރާ 7 ފްރޭމުން ނަތީޖާ އެއްވަރުކޮށްފައެވެ. ނަމަވެސް، ފަހު ވަގުތު ފަޔާޒަށް ހެދުނު ގޯހެއްގެ ބޭނުން ހިފައި އަހުސަންވަނީ ބާކީ ދެ ފްރޭމް ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން އަހުސަން ބުނީ ފުރަތަމަ ފަހަރަށް މުބާރާތުގެ ޗެމްޕިއަންކަން ލިބުމުން ވަރަށް ބޮޑަށް އުފާވެއްޖެކަމަށެވެ. އަދި މެޗު ފެށުނީ ވަރަށް ރަނގަޅަށް ކަމަށާއި ފުރަތަމަ ހަތަރު ފްރޭމް ކާމިޔާބުކުރެވުމުން މެޗު ކާމިޔާބު ކުރެވޭނެކަމުގެ ވަރަށް ބޮޑު އިތުބާރެއް ލިބުނުކަމަށެވެ. ނަމަވެސް ފަހުން ފަޔާޒް ފަހަތުން އަރައި އެއްވަރުކުރުމުން ކޮންމެވެސް ވަރަކަށް ޖެހިލުންވިކަމަށާއި ނަމަވެސް އުންމީދު ގެއްލުވައި ނުލާކަމަށް އަހުސަން ބުންޏެވެ.
"ވަރަށް ބޮޑަށް އުފާވެއްޖެ ފުރަތަމަ ފަހަރަށް ޗެމްޕިއަންކަން ލިބުނީމަ، ދެން ފެށުން އަސްލު ވަރަށް ރަނގަޅަށް ދިޔައީ، އެކަމު ފަހުން ތަންކޮޅެއް ފަރުވާ ކުޑަކޮށްލެވުނީ، ދެން ފަޔާއަކީ އަޅުގަނޑުމެން އެންމެވެސް ގަބޫލުކުރާ ގޮތުގައި އެންމެ މޮޅު ކުޅުންތެރިޔާ، އެހެންވީމަ ފަޔާއަށް ޗާންސްތަކެއް ފަހި ކޮށްދެވުނީމަ ފަހު ވަގުތު ތަންކޮޅެއް ޕްރެޝަރ ބޮޑުވީ،" އަހުސަން ބުންޏެވެ.
މެޗައްފަހު ވާހަކަ ދައްކަމުން ހުސައިން ފަޔާޒް ބުނީ މެޗު ފަށައިގަނެވުނީ ވަރަށް ދަށްކޮށްކަމަށާއި އެހާ ކުރީކޮޅުގައި އަހުސަން ބޮޑު ލީޑެއް ނެގުމުން އިތުރަށް ކުރިއަށްދާން އުނދަގޫވިކަމަށެވެ. ފަހުން ހަމައަކަށް އެޅިގެން ކުޅެމުންގޮސް ނަތީޖާ އެއްވަރުކުރެވުނީ ކަމަށާއި ނަމަވެސް އެވަގުތު ޕްރެޝަރގައި ހުރުމުން ބޮޑު ގޯހެއް ހެދުނީ ކަމަށެވެ.
ފަޔާޒް ބުނީ ނަތީޖާއާއިމެދު ހިތްހަމަ ޖެހޭކަމަށާއި ޚާއްސަކޮށް މެޗުން ބަލިވި ނަމަވެސް އިދިކޮޅުން ވާދަކުރި އަހުސަންގެ ފަރާތުން މީގެ ކުރިން ނުފެންނަވަރުގެ ތަފާތު މޮޅު ކުޅުމެއް ފެނުމުން ވަރަށް ބޮޑަށް އުފާވެއްޖެކަމަށެވެ. ފަޔާޒް ވަނީ އަހުސަންއަށް ވަރަށް ބޮޑަށް މަރުޚަބާ ކިޔާފައެވެ.