ކަރުދާސް ބޭނުންކުރާ މިންވަރު މަދުކުރުމަށް ވިޔަފާރި ކުންފުނިތަކުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އެމްޓީސީސީން ވެސް މިވަނީ ކަރުދާސް ޓިކެޓް ވިއްކާ މިންވަރު މަދުކުރުމަށްޓަކައި ބަދަލުތަކެއް ގެނެސްފައެވެ.
ކަރުދާސް ބޭނުންކުރާ މިންވަރު އިތުރުވުމުން ތިމާވެއްޓަށް އޭގެން ލިބޭ ގެއްލުންތަކާއި މެދު އާއްމުންގެ ހޭލުންތެރިކަން މިހާރުވަނީ އިތުރުވެފައެވެ. މިއާއެކު ވިޔަފާރިވެރިންނަށްވެސް މިވަނީ ކަރުދާސް ބޭނުންކުރާ މިންވަރު މަދު ކުރުމަށްޓަކައި ފިޔަވަޅުތަކެއް އަޅާ ބަދަލުތަކެއް ގެންނަން ޖެހިފައެވެ. އެގޮތުން ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ފެެރީގެ ޙިދުމަތްދޭ އެމްޓީސީސީން ދާދި ފަހުން ވަނީ ކޮންމެ ހަފްތާއެއްގެ އާދީއްތައިން ބުރާސްފަތި ދުވަހެއްގެ ވަކި ގަޑިތަކެއްގައި މާލެ އާއި ވިލިމާލެ އާއި ދެމެދު ދޭ ފެރީ ޙިދުމަތުގައި ކަރުދާސް ޓިކެޓް ބޭނުން ނުކުރާ ގޮތަށް ހަމަޖައްސާފައެވެ.
އެމްޓީސީސީން ބުނީ ކޮންމެ އާދީއްތަ އަދި ބުރާސްފަތި ދުވަހެއްގެ ހެނދުނު 10 އަކުން މެންދުރުފަހު ތިނަކަށް، އަދި ރޭގަނޑު ހަތަކުން ބާރައަށް ވިިލިނގިލި ފެރީގެ ޙިދުމަތުގައި ކަރުދާސް ޓިކެޓް ބޭނުންނުުުކުރާ ކަމަށެވެ.
ކަރުދާސް ބޭނުންކުރާ މިންވަރު މަދުކުރުމަށްޓަކައި ފަށާފައިވާ މިމަސައްކަތާއި އެކު އެ ވަގުތުތަކުގައި، ފެެރީ ޙިދުމަތް ހޯދާ ފަރާތްތަކަށް ކަރުދާސް ޓިކެޓްގެ ބަދަލުގައި ދޫކުރާނީ އެއްފަހަރު ބޭނުންކުރާ އިލެކްޓްރޯނިކް ޓޯކެންއެކެވެ.
އެކުންފުނިން ހާމަކުރާގޮތުގައި މިބަދަލަށް ފެރީގެ ޙިދުމަތް ހޯދާ ފަރާތްތަކުގެ ބޮޑު ތަރުޙީބެއް ލިބެމުންދާ ކަމަށެވެ. އަދި ޓިކެޓް ވިއްކުމުގެ ބަދަލުގައި މިފަދަ ޓޮކެންއެއް ވިއްކުމުން ދަތުރުވެރިންގެ ތަފާސް ހިސާބުތައް ބެލެހެއްޓުމުގައި ސިސްޓަމަޓިކް އިންތިޒާމްތަކެއް ހަމެޖެހިގެންދާނެ ކަމަށާއިި ތަފާސް ހިސާބުތައް އެއްކުރުމުގައިވެސް ފަސޭހަތަކެއް ވެގެންދާނެކަމަށްވެސް އެކުންފުނިން ހާމަކުރެއެވެ.
އެމްޓީސީސީން މާލެއާއި ވިލިމާލެއާ ދެމެދު ދެމުންދާ ފެރީގެ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް ހިދުމަތް ހޯދާ ފަރާތްތަކަށް ފަސޭހަކޮށްދިނުމުގެ ގޮތުން މިއަހަރުގެ ފެބްރުއަރީމަހުގެ ތެރޭގައިވަނީ 'ދަތުރު ކާޑު' ތައާރަފްކޮށްފައެވެ.