ޖޫންމަހު އިންޑިއާއިން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދަށް ބޮޑު ކުރިއެރުމެއް ލިބި، ރާއްޖެއަށް ދެވަނަ އަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރި ޤައުމަކަށް އިންޑިއާވެއްޖެއެވެ.
މޭމަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން އިންޑިއާއަކީ ރާއްޖެއަށް ތިންވަނަ އަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަމަހު ރާއްޖެއަށް އެއްލައްކަ ތޭރަހާސް ހަތަރަސްތޭކަ ފަންސާސް ހަތް ފަތުރުވެރިންވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ ޖޫންމަހާ އަޅާ %21 އިތުރު އަދެކެވެ. އަދި އަހަރު ދެބައިވިއިރު، ރާއްޖެއަށް ވަނީ އަށް ލައްކަ ފަސްދޮޅަސްދެހާސް ފަސް ސަތޭކަ އަށްޑިހަ ނުވަ ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މިމުއްދަތާއި އަޅާ ބަލާއި %18 އިތުރު އަދަދެކެވެ.
ތަފާސް ހިސާބުތައް ދައްކާގޮތުން ޖޫންމަހު އެންމެ ގިނަ އަދަދަކަށް ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ 5 ޤައުމަކީ، ޗައިނާ، އިންޑިއާ، އިޓަލީ، ޖަރުމަނީ އަދި އިނގިރޭސިވިލާތެވެ.
އިންޑިއާއިން ރާއްޖެއަށް ޒިޔާެރަތްކުރި ފަތުުރުވެރިންގެ އަދަދަކަށް ބޮޑު ކުރިއެރުމެއް ލިބިފައިވާއިރު، އެޤައުމުން ރާއްޖެއަށް އަށްޑިހަ ދެހާސް އެއްސަތޭކަ ސާޅީސް ފަތުރުވެރިންވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު 99.9 އިންސައްތައިގެ ކުރިއެރުމެކެވެ.
ޓޫރިޒަމް މިނިސްޓްރީގެ މަސައްކަތްތަކާއި ގުޅޭގޮތުން މައުލޫމާތު ދެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރ އަލީ ވަޙީދު ވިދާޅުވީ، އިންޑިއާގެ ގިނަ ސަރަޙައްދުތަކުގައި ރާއްޖެ އިޝްތިހާރުކުރުމަށް މަސައްކަތްތަކެއް ކުރުމަށް ރާވާފައިވާ ކަމަށެވެ.
" މިއަހަރުގެ ޖޫންމަހުގެ ނިޔަލަށް އަށްޑިހަހާހަށް އެރުމުން، މިއަހަރު ބަކީ އޮތް ދުވަސްތަކު އެޤައުމުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ޑަބަލްވެގެންދާނެ ކަމަށް ލަފާކުރެވޭ، އަދިވެސް އިންޑިއާގެ ރަގަޅު މަރކެޓްތަކަށް ރިޗް ނުވޭ، ރިސަޗް ކުރެވިގެން ދަތުރުފަތުރުގެ ޙިދުމަތްތައް ފުޅާކުރަން ވިސްނަން،" މިނިސްޓަރ ވަޙީދު ވިދާޅުވިއެެވެ.
ޖޫންމަހު ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުުރުވެރިން ޒިޔާރަތްކޮށްފައިވަނީ ޗައިނާއިންނެވެ. އެޤައުމުން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ %16 އިތުރުވެފައެވެ.