ޚަބަރު

'ޕިންކް ސޯލްޓް' - ދުނިޔޭގެ އެންމެ އަގު ބޮޑު ލޮނު!


"ޕިންކް ސޯލްޓް" ނުވަތަ ފިޔާތޮށި ކުލައިގައި ހުންނަ ލޮނަކީ ދުނިޔޭގެ އެންމެ އަގުބޮޑު ލޮނުގެ ބާވަތެވެ.

ބަލާލަން ރީތިވުމުން މިލޮނުގެ އަގު ބާޒާރުގައި އުޅެނީ އެހެން ހުރިހާ ބާވަތެއްގެ ލޮނަށްވުރެ މަތީގައެވެ. ކާތަކެތި ތައްޔާރުކުރުމުގައި ބޭނުންކުރާ ލޮނު ޢާއްމުގޮތެއްގައި ހުންނަނީ ހުދު ކުލައިގައެވެ. އެހެން ނަމަވެސް ހިމާލިޔަން ރީޖަންގެ ޕާކިސްތާނާ ވީފަޅީގައި ލިބެން ހުންނަ "ޕިންކް ހިމަލަޔަން ސޯލްޓް" ވެފައިމިވަނީ މުއްސަދިންގެ މެދުގައި މަޤްބޫލް އެއްޗަކަށެވެ.

ޕިންކް ސޯލްޓް ކިލޯއެއްގެ އަގު ދިހަ ޑޮލަރަށް އުޅޭއިރު، މިލޮނުން ސިއްޙީ ގިނަ ފައިދާތަކެއް ލިބޭކަމަށް ގިނަބަޔަކު ޤަބޫލްކުރެއެވެ. އެގޮތުން ބަރުދަން ލުއިކުރުމުގައި މިލޮނު އެހީތެރިވެދޭ ކަަމަށާ، ޒުވާންކަން ދެމެހެއްޓުމަށްވެސް މިލޮނުގެ ބޭނުންތެރިކަން ބޮޑުކަމަށް ގިނަ ބަޔަކު ޤަބޫލްކުރެއެވެ. އެހެން ނަމަވެސް މިއީ ޢިލްމީގޮތުން އެއްވެސް ހަޤީގަތެއް ނެތް ޤަބޫލްކުރުންތަކެއްކަމަށް ކަމާއި ގުޅުންހުރި މާހިރުން ވިދާޅުވެއެވެ.

ޕިންކް ސޯލްޓްގެ ކުލަ ތަފާތުވުމުގައި ގިނަ ސަބަބުތަކެއް ހުރެއެވެ. އެގޮތުން ކެއުންތައް ތައްޔާރުކުރުމުގައި އާއްމުގޮތެއްގައި ބޭނުންކުރާ ލޮނަކީ މޫދު އަޑިން ނަގާ ލޮނެވެ. ނުވަތަ ލޮނުފެނުން ތައްޔާރުކުރާ ލޮނެކެވެ. ޕިންކް ސޯލްޓަކީ ބިމުގެ އެތަށް ފޫޓެއް އަޑިން ނަގާ އެއްޗެކެވެ.

އަދި މި ވަތްތަރުގެ ލޮނު ދުނިޔޭގައި ލިބެންހުރީ މަދު ޤައުމެއްގައެވެ. އެގޮތުން އޮސްޓްރޭލިއާ އަދި ޕޭރޫގައިވެސް މިލޮނު ލިބެން ހުރެއެވެ. އެހެންނަމަވެސް އެންމެގިނަ ޢަދަދަކަށް މިލޮނު ލިބެންހުރީ ޕާކިސްތާންގައެވެ. އެގޮތުން ޕާކިސްތާންގައި މިމަސައްކަތް އެންމެ ފުޅާ ދާއިރާއެއްގައި ކުރާ ކިއުރާ ސޯލްޓް މައިނުން، އަހަރެއްގެ މައްޗަށް 350.000 ޓަނުގެ ލޮނު ބާޒާރަށް ނެރެއެވެ.

ޕިންކް ސޯލްޓް ކެއުމުގައި ބޭނުންކުރުމުގެ އިތުރަށް އެ ލޮނަކީ ތަދުފިލުމަށް ގައިގަ އުނގުޅުމަށްވެސް ވަރަށް ރަނގަޅު އެއްޗެއް ކަމަށް ގިނަ ބަޔަކު ޤަބޫލްކުރެއެވެ. އެހެންނަމަވެސް މިއީވެސް އެއްވެސް ހަޤީގަތެއް އެކުލެވޭ ކަމެއް ނޫންކަމަށް ސިއްޙީ މާހިރުން ވިދާޅުވެއެވެ.

ބަލާލަން ރީތި މިލޮނުގައި ރަހައިގެ ތަފާތެއްވޭތޯ މިއީ އުފެދޭ ސުވާލެކެވެ. އެހެންނަމަވެސް އާދައިގެ ހުދު ލޮނާއި، ޕިންކް ސޯލްޓާއި ރަހައިގެ ގޮތުން މާބޮޑު ތަފާތެއްވެސް ނުހުރެއެވެ.

ޕިންކް ސޯލްޓާއި އާދައިގެ ލޮނާއި އެހާ ބޮޑު ތަފާތެއް ނެތްނަމަވެސް ޕިންސް ސޯލްޓުގެ މަޤްބޫލުކަން ދަނީ އިތުރުވަމުންނެވެ. އަދި ދެހާސް ވިހިވަނަ އަހަރުގެ ޕިންކް ސޯލްޓް ބޭނުންކުރާ މިންވަރު އަގުގެ ގޮތުން 14.1 ބިލިއަނަށް އަރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.