މާލޭ އާޓިފިޝަލް ބީޗު ތަރައްޤީކުރުމުގެ މަޝްރޫޢުގެ 90 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވާ ކުންފުނި އެމްޓީސީސީން ބުނެފިއެވެ.
އެމްޓީސީސީގެ ސިއީއޯ ހަސަން ޝާހް ވިދާޅުވީ އެ ކުންފުންޏާއި ހަވާލުކޮށްފައިވާ މަސައްކަތުގެ ބޮޑު ބައެއް ނިމިފައިވާކަމަށާއި މަސައްކަތް ލަސްވަމުންދަނީ ބޭނުންވާ ބައެއް ސާމާނުތަކަކީ ބޭރުން ގެންނަން ޖެހޭ އެއްޗެއްސަށް ވުމުގެ ސަބަބުން ކަމަށެވެ. އެގޮތުން އާޓްފިޝަލް ބީޗްގައި ފުލޯރިންނަށް ބޭނުންވާ ސާމްޕަލް މިހާރު ޕްލޭނިން މިނިސްޓްރީއާ ހިއްސާކޮށްފައިވާ ކަމަށާއި މިނިސްޓްރީގެ އެޕްރޫވް ލިބުނު ހާ އަވަހަކަށް އެތަކެތި ގެނައުމުގެ މަސައްކަތް ފަށާނެކަމަށް ޝާހް ވިދާޅުވިއެވެ.
އާޓިފިޝަލް ބީޗު ސަރަޙައްދަކީ ޢާއްމުން ގިނައިން ގޮސް އުޅޭ ސަރަޙައްދެއްކަމުން އެސަރަޙައްދު އެއްކޮށް ބަންދުކޮށްގެން މަސައްކަތް ކުރުމުގެ ބަދަލުގައި ޕްލޭނިންގ މިނިސްޓްރީން ރާވާފައިވަނީ އެކި ފޭސްތަކަށް ބަހާލައިގެން މަސައްކަތް ކުރިއަށް ގެންދިއުމަށެވެ. އެގޮތުން މަސައްކަތް ނިމޭ މިންވަރަކުން ނިމޭ ބައިތައް ޢާއްމުންނަށް ހުޅުވާލަމުން ގެންދާނެ ކަމަށް ޕްލޭނިން މިނިސްޓްރީން ވަނީ ކުރިން ވިދާޅުވެފައެވެ.
މިހާރު އާޓިފިޝަލް ބީޗަށް ބަލާލާއިރު އެތަނުގައި ވަނީ ތިމާވެއްޓާ ރައްޓެހި ކުރުމުގެ ގޮތުން އަދި މަލެއަކީ ފެހި ތަނަކަށް ހެދުމުގެ މަގުޞަދުގައި ގަސްތަކާއި ރުއް އިންދާފައެވެ.
އާރޓިފިޝަލް ބީޗު އަލުން ތަރައްޤީކުރުމުގައި ސިޓީ ކައުންސިލުގެ މައިގަނޑު ވިސްނުންހުރީ އުސް އިމަރާތްތަކެއް އެޅުމުގެ ބަދަލުގައި، ހުސްޖާގަ ބޮޑުވާނޭހެން ޖަޒީރާވަންތަ ކޮންސެޕްޓަކަށެވެ. އަދި މޫދަށް އެރުމަށްދާ ފަރާތްތަކަށް ޚާއްސަކޮށްގެން ފެންވެރުމުގެ އިންތިޒާމާއި، ފާޚަނާ އަދި ޗޭންޖިންގ ރޫމުތަކާއި، ކުޑަކުދިން ކުޅެން ބޭނުންވާ ފަދަ ވަސީލަތްތައް އެތަނުގައި ޤާއިމު ކުރެވިގެންދާނެ ކަމަށް ސިޓީ ކައުންސިލުން ވަނީ ވިދާޅުވެފައެވެ.