ޚަބަރު

ކަސްޓަމްސްގެ ވަޒީފާއަށް ނަގާނީ އިލްމީ ޤާބިލު މީހުން - ނުއުމާން


ކަސްޓަމްސްގެ ވަޒީފާތަކަށް މުވައްޒަފުން ނެގުމުގައި އިސްކަންދޭނީ ތައުލީމީ ޤާބިލު މީހުންނަށް ކަމަށާއި އެކަމުގައި އެއްވެސް ފަރާތެއްގެ ނުފޫޒެއް ނޯންނާނެކަމަށް ކޮމިިޝަނަރ ޖެނަރަލް އޮފް ކަސްޓަމްސް އަޙްމަދު ނުޢުމާން ވިދާޅުވެއްޖެއެވެ.

ކޮމިޝަނަރަ ޖެނަރަލް އޮފް ކަސްޓަމްސް މިހެން ވިދާޅުވީ ކަސްޓަމްސްގެ ވަޒީފާއަށް 22 އޮފިސަރަކު ހޮވުމަށް ކުރި އިއުލާނާއި ގުޅިގެން 1200 އެއްހާ މީހުން އެވަޒީފާއަށް އެދި ކުރިމަތިލާފައިވާކަން ފާހަގަކޮށް ކުރެއްވި ޓުވީޓެއްގައެވެެ.

ނުއުމާން ވިދާޅުވީ 22 އޮފިސަރުން ނެގުމަށް ކުރި އިއުލާނާއި ގުޅިގެން ގިނަ އަދަދެއްގެ ބަޔަކު ކުރިމަތިލާފާއިވާއިރު، އެ 22 އޮފިސަރުން ނެގުމުގެ މަސައްކަތް މިހާރު ކުރަމުން ގެންދާކަމަށެވެ. އަދި ވަޒީފާތަކަށް ނެގުމުގައި އެއްވެސް ފަރާތެއްގެ ނުފޯޒެއް ކަސްޓަމްސައަށް ނޯންނާނެކަމުގެ ޔަޤީކަން ކޮމިޝަނަރ ޖެނަރަލް ވަނީ އެ ވަޒީފާތަކަށް ކުރިމަތިލީ ޒުވާނުންނަށް ދެއްވާފައެެވެ.

ކޮމިިޝަނަރ ޖެނަރަލް އޮފް ކަސްޓަމްސް އަޙްމަދު ނުޢުމާން ކުރެއްވި ޓުވީޓު

ކަސްޓަމްސްއަށް ވަޒީފާއަށް އަށް މީހުން ނެގުމަށް މިދިޔަ އޭޕްރީލް މަހު ކުރި ޢިއުލާންކޮށް ވަޒީފާއަށް ނެގުމުގެ މަސައްކަތް މިހާރު ކުރަމުންދަނީ 22 އެސިސްޓެންޓް ކަސްޓަމްސް އޮފިސަރުންންނެވެ.

މި ޢިއުލާނުގައިވާ ގޮތުން އަލަށް ނަގާ މުވައްޒަފުންނަށް މުސާރައިގެ ގޮތުގައި 5,000 ރުފިޔާ ލިބޭއިރު ސަރވިސް އެލަވަންސްގެ ގޮތުގައި އޮފީހަށް ހާޒިރުވާ ކޮންމެ ދުވަހަކަށް -/200 ރުފިޔާ ލިބެއެވެ. އަދި އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީ ދޭ އެލަވަންސްގެ ގޮތުގައި މި މުވައްޒަފުންނަށް އަސާސީ މުސާރައިގެ 35 އިންސައްތައަށްވާ 1,750 ރުފިޔާ އާއި ކޮއްތު ފައިސާގެ ގޮތުގައި ހާޒިރުވާ ކޮންމެ ދުވަހަކަށް 60 ރުފިޔާ ލިބެއެވެ.

މި މަގާމަށް މީހުން ހޮވަނީ 1 އަހަރު ދުވަހުގެ މުއްދަތަކަށް ކަމަށާއި، މަގާމަށް ހޮވޭ މީހުންގެ އެއް އަހަރުދުވަހުގެ ޕާފޯމަންސަށް ބަލައި، ޕާފޯމަންސް ރަނގަޅުނަމަ ވަޒީފާ ދާއިމީ ކުރެވިދާނެކަމަށް ކަސްޓަމްސްއިން ކުރި އިއުލާންގައި ވަނީ ހާމަކޮށްފައެވެ.