ޚަބަރު

މިނިވަންކަމަށް 54 އަހަރު - މިނިވަންކަން ދިފާޢުކުރުމުގެ ޒިންމާ އަދިވެސް ބޮޑު


ހިންދުކަނޑުގެ މެދުގައި ވަކިވަކި ރަށްތަކެއްގެ މައްށަށް އުފެދިފައި އޮންނަ މިޖަޒީރާ ދިވެހި ރާއްޖެއަކީ އަބަދުވެސް އަމާންކަމާއި ސުލްހަ މަސަލަސްކަމަށް ލޯބިކުރާ ރައްޔިތަކު ދިރިއުޅޭ ތަފާތުޤައުމެކެވެ. ދުނިޔޭގެ ނިސްބަތުން ކުޑަނަމަވެސް މި ފަޚުރުވެރި ދިވެހިރާއްޖެ އެންމެ ކުރިން ސިފަކުރި މީހުންވެސް ބުނަނީ މިއީ މިނިވަން މުސްތަޤިއްލު ޤައުމެއްކަމަށެވެ. މިއީ ދިވެހިރާއްޖެއާ ގުޅޭ އެކިއެކި ދިރާސާތަކާއި ހޯދުންތައް ހޯދި މީހުންނަށްވެސް ރާއްޖެ ސިފަކުރެވުނުގޮތެވެ.

ދިވެހި ތާރީޚުން އެނގެން އޮންނަގޮތުން މި ވަޠަނުގެ މިނިވަންކަން ގެއްލުނީ ވަރަށް މަދުފަހަރެއްގައެވެ. އެއީ ފުށެތިކާލުން ނުވަތަ ޕޯޗުގީޒުން، ރާއްޖޭގެ މައްޗަށް އަތްގަދަކޮށް ވެރިކަން ހިންގި ދުވަސްވަރާއި، އިންޑިއާގެ ދެކުނަށް ނިސްބަތްވާ ހޮޅިން ރާއްޖޭގެ ވެރިރަށް މާލެ ހިފައި ވެރިކަން ފޭރިގަތް ފަހަރުގެ އިތުރުން ޙިމާޔަތުގެ ނަންދެވިގެން އިގިރޭސީންގެ އަތްދަށުލައިގެން އުޅުނު ދުވަސްތަކެވެ. އަދި ފަހުގެ ތާރީޚެއްގައި އޮޅުދޫކަރައިގެ ތަމަޅަ ޓައިގަރުންގެ ޖަމާއަތަކުން ރާއްޖޭގެ ވެރިކަމާއި ތޮޅެން ރާއްޖެގެ ވެރިރަށް މާލެ އަރައި ހިންގި ޖަރީމާއަކީ މިނިވަންކަން ގެއްލިގެންހިނގައިދާނެކަމުގެ ބިރުވެރިކަން ދިވެހިންގެ ހިތްތަކަށްވެރިވި ހާދިސާއެކެވެ.

ހިތާމައަކީ ކޮންމެ ފަހަރަކުވެސް މިދީބުގެ މިނިވަންކަން ގެއްލިފައި އޮތީ ޤައުމަށް ޣައްދާރުވި، އަމިއްލަ އެދުމުން ފުރިފައިވާ، އަނިޔާވެރި، ކެހިވެރި ބައެއްގެ ހީލަތްތެރި ރޭވުމާއި އެހީތެރިކަމާއެކުގައި ކުރިން މިފާހަގަކުރި ފަރާތްތަކަށްވީ މަދަދެއްގެ ސަބަބުންކަމެވެ.

މިނިވަން ދުވަސްފަދަ ފަޚުރުވެރި ދުވަހެއް ފާހަގަކުރާއިރު އަޅުގަނޑުމެން ކޮންމެ ދިވެއްސަކުމެ އުފާކުރާ އަދި ފަޚުރުވެރިވާ މުހިއްމު އެއްކަމަމަކީ ރާއްޖޭގެ މިނިވަންކަން ގެއްލި، ގިލަންވެރިކަމެއްގެ ތެރެއަށް ޤައުމު ދިޔަ ކޮންމެ ފަހަރަކުވެސް، ކީރިތިވަންތަ ﷲގެ މިންވަރުފުޅާއި އިނާޔަތުން ޤައުމީ ބަތަލުންތަކެއް ޤައުމުގެ ދިފާޢުގައި ނުކުމެ ފުރާނައިން ޤުރުބާންވެ އަޅުގަނޑުމެންގެ މިނިވަންކަން އިޔާދަކޮށްދީފައިވާކަމެވެ. އަދި އެއިރެއްގައި ރާއްޖޭގެ ވަލިއްޔުލްއަމްރުގެ ގޮތުގައި ހުންނަވާ ކޮންމެ ބޭފުޅަކުމެ ދައްކަވާ ހިތްވަރާއި ސާބިތުކަމަކީ އަޅުގަނޑުމެން ކޮންމެ ފަރުދަކުވެސް އެކަމުން ފިލާވަޅު ލިބިގަތުން މުހިއްމުކަމެކެވެ.

ދިވެހިން އަބަދުވެސް ފަޚުރުވެރިވާ ބަތަލުންގެ ތެރޭގައި ހިމެނޭ ތިލަދުއްމަތީ އުތީމު، ޣާޒީ ބަންޑާރައިންނާއި، ދޮންބަންޑާރައިންގެ އިތުރުން ޝަޙީދު ޙުސައިން އާދަމް އަކީ އެބޭކަލުންގެ ޒިކުރާ އަބަދުމެ އައުކޮށް މިހާރުގެ ޖީލުތަކަށްވެސް ކޮންމެހެން ކިޔައިދީ އެބޭކަލުންގެ މަތިވެރި ޖިހާދާއި ހިތްވަރުން އަޅިގަނޑުމެން ކޮންމެ ދިވެއްސަކުމެ ހިތްވަރުލިބިގަންނަންޖެހޭ ނަމޫނާ ޝަޙްސިއްޔަތުތަކެކެވެ.
ބަތަލުންގެ ލިސްޓުކިޔަމުންދާއިރު، މިއަދު މި ފާހަގަމިކުރާ މިނިވަންދުވަހުގެ ހަޤީޤީ ބަޠަލު، ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރިކިލެގެފާނު ނުވަތަ ނާޞިރުލް ޙުއްރިއްޔާ ކުރެއްވި ޙިކުމަތްތެރި ޤައުމީ ޖިޙާދަކީ، މިނިވަންކަމުގެ މުހިއްމުކަމާމެދު ފުންކޮށް ވިސްނާލި ކޮންމެ މީހަކަށްމެ އެކަމުގެ މުހިއްމުކަން އެނގިގެންދާނެ ޖިޙާދެކެވެ.

މިފަދަ ކުރު ރިޕޯޓެއްގައި އެކަމުގެ ތަފްސީލު ނުހިމެނުނު ނަމަވެސް މިއަދުވެސް އަޅުގަނޑުމެން ކޮންމެ ދިވެއްސަކުވެސް މިނިވަންކަމުގެ ވާހަކަދައްކާއިރު ދިވެހި ޤައުމު މިނިވަން ކަންމަތީ ތާއަބަދަށް ބޭއްވުމަށް ހިތްވަރުލިބޭ އެތައްކަމެއް ރާއްޖޭގެ ރަސްރަސްކަލުންނާއި، ރަޢީސްކަން ކުރައްވާފައިވާ ބޭފުޅުންވަނީ ކުރައްވާފައެވެ. ފުރިހަމަ މިނިވަން ޤައުމެއްގެ ގޮތުގައި ރާއްޖެ އޮންނަންފެށިތާ ބައި ޤަރުނަށްވުރެ ގިނަ އަހަރު ވެފައިވާއިރު، މިފަހުންވެސް ޤައުމުގެ ބައެއް ކަންކަމުގައި ފުރިހަމަ މިނިވަންކަން ނެތް ވާހަކައަކީ އެތައްބައެއްގެ ކަންބޮޑުވުންތަކެއް ހުރި، އަދި އެކަންކަން ޙައްލުކުރަންޖެހިފައިވާ މުހިއްމު ކަންތައްތަކެކެވެ. މިގޮތުން ޒަމާނަށް އައި ބަދަލުތަކާއެކު ޑިމޮކްރަސީ ބަލައިގަނެ އެއުސޫލުތަކާއި އެއްގޮތަށް ޤައުމުގެ ކަންކަން ބައްޓަންކުރުމަކީ މިހާރުވެސް އެންމެ ގިނަ ދިވެހިން ބޭނުންވާ ގޮތްކަމީ ފެންނަން އޮތް ޙަޤީގަތެކެވެ.

މިނިވަންކަމާއެކު، ޚިޔާލު ފާޅުކުރުމާއި، މިނިވަން އިންސާފުވެރި ޝަރީއަތްތަކެއް ކުރެވުމުގެ އިތުރުން އެއްވެސް ރައްޔިތަކު ބާކީ ނުކުރާ ހެޔޮވެރިކަމެއް އޮތުމަކީ ބޮޑެތި ޢުމްރާނީ ތަރައްޤީއަށްވުރެވެސް ދިވެހިން ބޭނުންވެފައިތިބި ކަމެއްކަން އަޅުގަނޑުމެންގެ ޤައުމުގެ ކަންކަން ނިންމުމުގައި ރައްޔިތުން ނިންމާ ނިންމުންތަކުން ހާމަވެއެވެ. އެހެންކަމުން އަޅުގަނޑުމެން ކޮންމެ ފަރުދަކުވެސް މަސައްކަތްކުރަންވީ ޤައުމުގެ މިނިވަންކަން ގެއްލިދާނެ ކިތަންމެ ކުޑަކަމަކުންވެސް ދުރުހެލިވެތިބުމަށެވެ.

އަދި ރައްޔިތުންގެ މެދުގައި ފަސާދައާއި ބައިބައިވުމަށް ހިތްވަރުލިބޭފަދަ އެންމެހާ ކަންކަމުން ދުރުވެތިބުމަކީ ޤައުމުދެކެ ލޯބިވާ އަދި ޤައުމުގެ މިނިވަންކަމާއި، އިސްތިޤްލާލު ހިމާޔްތްކުރެވޭނެ މުހިންމުކަންތައްތަކެވެ. އެހެނީ މިއަދުގެ ދުނިޔޭގައި މިނިވަންކަން ގެއްލި ބާރުގަދަ ފަރާތްތަކުގެ އަތްދަށަށްގޮސްފައިވާ ޤައުމުތަކުގެ ރައްޔިތުން އުޅެމުންދާ ބިކަ ހާލަކީ އެޤައުމެއްގެ ތެރޭގައި އުފެދޭ ބައިބައިވުންތަކާއި، ދާޚިލީ ހަމަނުޖެހުންތަކުގެ އިތުރުން ޙުދުމުޙުތާރު ސިފަތަކުގެ ސަބަބަނުން ކުރިމަތިވާ ދެރަ ނިކަމެތި ހާލަތަކަށްވެފައި އެހާލަތަށް އަޅުގަނޑުމެންގެ މި ޤައުމު ދޫކޮށްލުމަކީ އެއްވެސް ފަރުދަކު ބޭނުންވާނެކަމަކަށް ނުވާނެތީއެވެ.

މިހުރިހާ ކަމެއްގެ ތެރެއިންވެސް އަޅުގަނޑުމެން ދިވެހިން ޤަބޫލުކުރަންޖެހޭ ހަޤީހަތަކީ މި ޤައުމު މިނިވަންކަންމަތީ މިހާދުވަހަށް ދެމިއޮތުމުގެ އަސްލަކީ އަޅުގަނޑުމެންނަކީ މާތްވެގެންވާ އިސްލާމްދީނަށް ތަބާވާ، އެއްބައިވަންތަ، އެއްބައެއްވަންތަ ބަދަހި ބައެއްގެ ގޮތުގައި ތިބޭތިބުމެވެ. މިހާރު ބައެއް ކަހަލަ ޚިޔާލުތަފާތުވުންތަކެއް ހުރިނަމަވެސް މީގެ ކުރިއެކޭ އެއްގޮތަށް، މާތްވެގެންވާ އިސްލާމް ދީނާއި ދިވެހި ޤައުމުގެ މިނިވަންކަމާއި ލޮޅުންއައިސްދާނެ ކޮންމެ ވަގުތެއްގައި އެކުވެރިވެ އެއްބަހެއްކިޔައި ދިވެހިން ދައްކާ ލާމަސީލު ނަމޫނާ ކުރިއަށްއޮތްތަނުގައިވެސް އެގޮތުގައި ދެއްކުމަކީ މިފަދަ ފަޚުރުވެރި މިނިވަންދުވަހެއްގައި ހިތުގެ އަޑިން އަޒުމްކަނޑައަޅަންވީ އެންމެ މުހިއްމު ކަމަކަށް ހަދަންޖެހެއެވެ.