އޭޝިއާ ސަރަޙައްދުގެ ޤައުމުތަކުގެ ތެރެއިން ޕްރައިވެޓް ޖެޓްތައް އެންމެ ގިނަ އަދަދަކަށް ދަތުުރުކުރާ ތިން މަންޒިލްގެތެރޭގައި ދިވެހިރާއްޖެ ހިމެނިއްޖެއެވެ.
ނައިޓް ފްރޭންކުން ނެރެފައިވާ ރިޕޯޓްގައި ބުނެފައިވަނީ، އޭޝިއާ ޕެސިފިކް ސަރަހައްދުގެ ޤައުމުތަކުގެ ތެރެއިން ޕްރައިޓް ޖެޓްތައް އެންމެ ގިނަ އަދަދަކަށް ދަތުރުކުރާ ތިން މަންޒިލަކީ، އިންޑޮނޭޝިއާގެ ބާލީ އާއި، ދިވެހިރާއްޖޭގެ އިތުރުން ފިލިޕީންސްއެވެ.
އެ ރިޕޯޓުގައިވާގޮތުން އޭޝިއާ ޕެސިފިކް ސަރަޙައްދަށް ދަތުރުކުރާ ޕްރައިވެޓް ޖެޓްތަކުގެ އަދަދުވަނީ %80 އިތުރުވެފައެވެ.
ނައިޓް ފްރޭންކްގެ ރިޕޯޓުގައިވާ ގޮތުން މުއްސަނދި ފަތުރުވެރިންގެ މެދުގައި ޕްރައިވެޓް ޖެޓްތަކުގައި ދަތުރުކުރުމަށް އޮންނަ މަޤްބޫލްކަންދަނީ އިތުރުވަމުންނެވެ. އެގޮތުން ޕްރައިވެޓް ޖެޓްތައް އެންމެ ގިނަ އަދަދަކަށް ދަތުރުކުރާ މަންޒިލަކީ ބަހާމަސްއަށްކަމަށް އެ ރިޕޯޓުގައިވެއެވެ.
ރާއްޖެ އަދި ބާލީ ފަދަ މަންޒިލްތަކަށް ޕްރައިވެޓް ޖެޓްތަކުގައި ދަތުރުކުރާ ފަތުރުވެރިންގެ އަދަދު އިތުރުވަމުންދިޔުމުގެ އެއް ސަބަބަކީ އޭޝިއާ ސަރަޙައްދުގައި ބިލިއަނަރުންގެ އަދަދު އިތުރުވަމުން ދިޔުން ކަމަށް ނައިޓް ފްރޭންކުން ހާމަކުރެއެެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން ދުނިޔޭގެ ބިލިއަނަރުންގެ ތެރެއިން ހަތަރު ބައި ކުޅަ އެއްބައި މީހުންނަކީ އޭޝިއާގެ ޤައުމުތަކަށް ނިސްބަތްވާ މީހުންނެވެ. ކޮންމެ އަހަރެއްގެވެސް ޑިސެމްބަރު މަހުން ފެށިގެން ޖެނުއަރީމަހުގެ ނިޔަލަށް ރެކޯޑް އަދަދަކަށް ރާއްޖެއަށް ޕްރައިވެޓް ޖެޓްތައް ދަތުރުކުރެއެވެ.
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޑެޓް، އެމްއޭސީއެލްގެ ތަފާސްހިސާބުތައް ދައްކާގޮތުން ހުސްވި އަހަރުގެ ޑިސެމްބަރމަހުގެ ބައެއް ދުވަސްތަކުގައި 15 ޖެޓްވެސް ރާއްޖެއަށް ޖައްސާފައިވެއެވެ. އަދި ޑިސެމްބަރމަހުގެތެރޭ ރާއްޖެއަށް ދަތުރުކުރި ޕްރައިވެޓް ޖެޓްތަކުގެ އަދަދަކީ، 2017 ވަނަ އަހަރާއި އަޅާބަލާއިރު، %15 ކުރިއެރުމެކެވެ.