ޚަބަރު

ފަތުރުވެރިކަމުގެ 23 އިންވެސްޓްމަންޓަކަށް ހުއްދަދޭން ނިންމައި 17 އިންވެސްޓްމަންޓް ރަޖިސްޓްރީކޮށްދީފިން - ރައީސް


ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި އިންވެސްޓުކުރުމަށް ހުށައެޅި ބޭރުގެ ތޭވީސް އިންވެސްޓްމަންޓަކަށް ހުއްދަދޭން ނިންމައި ސަތާރަ ފަރާތެއްގެ އިންވެސްޓްމަންޓް ސަރުކާރުން މިހާރު، ރަޖިސްޓްރީ ކޮށްދެއްވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ފަތުރުވެރިކަމުގެ ފަސްވަނަ މާސްޓަރ ޕްލޭން އެކުލަވާލުމުގެ މަސައްކަތް އިފްތިތާޙްކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހް ވިދާޅުވީ، ބޭރުގެ އިންވެސްޓަރުންގެ މެދުގައި ރާއްޖެއާ މެދު އިތުބާރާއި ޔަޤީންކަން އުފެދިފައިވާކަމަށާއި، މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިހާތަނަށް ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި އިންވެސްޓް ކުރުމަށް ބޭރުގެ 28 ފަރާތަކުން ހުށައަޅާފައިވާކަމަށެވެ. މީގެތެރޭގައި ދުނިޔޭގެ 13 ޤައުމެއް ހިމެނޭކަން ފާހަގަކުރައްވަމުން ރައީސް ޞާލިޙްވަނީ މިއީ ރާއްޖޭގައި ސުލްހަ އާއި ހަމަޖެހުން ޤާއިމްކުރެވުމުގެ ނަތީޖާކަމަށް ވިދާޅުވެފައެވެ.

"23 އިންވެސްޓްމަންޓަކަށް ހުއްދަދޭން ސަރުކާރުން ނިންމާފައިވާއިރު، 17 އިންވެސްޓްމަންޓެއް މިހާރުވަނީ ރަޖިސްޓްރީކޮށްދީފައި. އަދި މި މުއްދަތުގެ ތެރޭގައި ދުނިޔޭގެ 13 ޤައުމަކުން ވަނީ ރާއްޖޭގައި އިންވެސްޓުކޮށްފަ. މިއީ ރާއްޖޭގައި ޤާނޫނުގެ ވެރިކަން ނަގަހައްޓައި، ސުލްހައާ ހަމަޖެހުން ޤާއިމް ކުރެވުމުގެ ނަތީޖާ" ރައީސް ޞާލިޙްވިދާޅުވިއެވެ.

ދުނިޔޭގެ ފަތުރުވެރިކަމުގެ ބާޒާރުގައި ރާއްޖޭގެ ފަތުރުވެރިކަން، މަތީ މަޤާމެއް ޙާޞިލުކޮށްފައިވާކަމަށާ އެކަމުގެ ހުރިހާ ފަޚުރަކާއި ޝަރަފެއްގެ ޙައްޤުވެރީންނަކީ ފަތުރުވެރިކަމުގެ ޞިނާޢަތް ކޮޅަށް ޖެހުމުގައި އެކި މަރުޙަލާތަކުގައި މަސައްކަތްކުރި ހުނަރުވެރި ދިވެހިންކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ޖަޒީރާވަންތަ ފަތުރުވެރިކަމުގެ ނަމޫނާއެއްގެގޮތުގައި ދުނިޔެ ބަލައިގެންފައިވަނީ ދިވެހީންގެ އަމިއްލަ އުފެއްދުމެއްކަމަށާ، މިއީ ދިވެހިންނަށް ލިބޭ ވަރަށް ބޮޑު ފަޚުރެއްކަމަށެވެ.

"މި ޞިނާޢަތުގައި 40 އަހަރަށްވުރެ ގިނަ އަހަރުވީ ދިވެހީން އެބަތިބި. އެމީހުންގެ މުޅި ދިރިއުޅުން ޤުރްބާންކުރީ ފަތުރުވެރިކަން ދިރުވައި އާލާކުރުމުގައި. ނަމަވެސް ރާއްޖޭގެ ފަތުރުވެރިކަން، ދުނިޔޭގެ ފެންވަރުގެ ވިޔަފާރި މަރުކާއަކަށް ހަދައިދިން މީހުންގެ އަގު، ފުރިހަމައަށް ވަޒަންނުކުރެވޭކަން، އަޅުގަނޑު ހިތާމައާއެކު ފާހަގަކުރަން." ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރައީސް ޞާލީޙް ވިދާޅުވީ އަލަށް މި އެކުލަވައިލެވޭ ފަތުރުވެރިކަމުގެ ފަސްވަނަ މާސްޓަރ ޕްލޭންގައި، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މީހުންނަށް ހުރި ގޮންޖެހުންތަކާއި ދަތިތަކާއި އެދާއިރާއަށް ހުނަރުވެރި މުވައްޒަފުން ހޯދުމުގެ އިތުރުން ރާއްޖެއަކީ ފަތުރުވެރިންނަށް އަމާން ރައްކާތެރި ތަނެއްގެ ގޮތުގައި ދެމެހެއްޓުމާއި ފަތުރުވެރިކަން މުޅި ރާއްޖެއަށް ފުޅާވެ ދެމެހެއްޓެނިވި ފަތުރުވެރިކަމަށް އަމާޒުހިފުން، ހިމެނިފައިވާނެކަމަށެވެ.

އަދި ފަތުރުވެރި މުވައްޒަފުންގެ ދަފްތަރު އެކުލަވައިލުމުގެ މަސައްކަތް، އައު މާސްޓަރ ޕްލޭންގެ ދަށުން ކުރިއަށް އޮތް ހައެއްކަ މަސްތެރޭގައި، ނިމިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.