ޚަބަރު

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ ޝަރަފުގައި ސީޝެލްސްގެ ރައީސް ޖާފަތެއް ދެއްވައިފި


ދިވެހިރާއްޖެއާ ސީޝެލްސްއަކީ ތަފާތު ދާއިރާތަކުން އެއްޤައުމު އަނެއް ޤައުމަށް އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދޭންޖެހޭ ވަރަށް އުޚުއްވަތްތެރި ދެޤައުމުކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އެމަނުކުފާނާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙަމަދުގެ ޝަރަފުގައި ސީޝެލްސްގެ ރައީސް ޑެނީ ފޯރ މިރޭ ދެއްވި ފުރާމާނަ ޖާފަތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ސީޝެލްގެ ސްޓޭޓް ހައުސްގައި އޮތް މިޖާފަތް ފެށުމުގެ ކުރިން ވާހަކަފުޅުދައްކަވަމުން ރައީސް ޞާލިޙް ވަނީ ރާއްޖެއާއި ސީޝެލްސްއާ ދެމެދު އޮތް ޒަމާންވީ ގުޅުމުގެ މައްޗަށް ބައްލަވާލައްވައި ވާހަކަފުޅުދައްކަވާފައެވެ. ރައީސް ވިދާޅުވީ މިއަހަރު ރާއްޖެއާ ސީޝެލްސްއާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ޤާއިމްކުރިތާ މިއަހަރަށް 39 އަހަރުވެފައިވީނަމަވެސް މީގެ އެތައް ސަތޭކަ އަހަރެއްކުރިން ފެށިގެންވެސް މި ދެޤައުމަކީ އުޚުއްވަތްތެރި ގާތް ދެޤައުމުކަމަށެވެ. އެގޮތުން ރައީސް ވަނީ ރާއްޖެއަށް މީގެ އަހަރުތަކެއް ކުރިން ލައްވި ތާވައްކާށީގެ ހަނދާތައް އައުކުރައްވައި ވާހަކަފުޅުދައްކަވާފައެވެ.

ރައީސްގެ ވާހަކފުޅުގައި އެމަނިކުފާނަކީ ސީޝެލްސްއަށް ފުރަމާނަ ދަތުރުފުޅެއްކުރެއްވި ރާއްޖޭގެ ފުރަތަމަ ރައީސްކަން ފާހަގަކުރައްވައި މިކަމުންވެސް ރާއްޖެއާ ސީޝެލްސްއާދެމެދުގެ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެކަން ހާމަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ސީޝެލްގެ ރައީސް ޑެނީ ފޯރ ވަނީ ރައީސް ޞާލިޙް ސީޝެލްސްއަށް ވަޑައިގެންނެވުމަކީ އެމަނިކުފާނަށާއި ސީޝެލްސްގެ ރައްޔިތުންނަށްވެސް ލިބުނު ބޮޑު އުފަލެއްކަން ފާހަގަކުރައްވާފައެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް ދެޤައުމުގެ ޤާތްގުޅުން އެކި ދާއިރާތަކުން އިތުރަށް ބަދަހިވެގެންދާނެކަމުގެ ޔަގީންކަން ދެއްވިއެވެ.

ރައީސް ޞާލިޙްގެ ދެކަނބަލުންނާއި ދިވެހި ވަފުދަށް ސީޝެލްސްގެ ސަރުކާރުން އެރުވި މެހުމާންދާރީއާ ބެހެއްޓެވި ގާތްކަމަށްޓަކައި ޝުކުރު އަދާކުރައްވައި ރައީސް ޞާލިޙްވަނީ ފަސޭހަފުޅު ވަގުތެއްގައިރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމުގެ ދައުވަތު ސީޝެލްސްގެ ރައީސް ޑެނީ ފޮރއަށް އަރުއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ސީޝެލްސްއަށް ކުރެއްވި މި ދަތުރުފުޅަކީ ރާއްޖޭގެ ރައީސަކު ސީޝެލްސްއަށް ކުރެއްވި ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ. މި ދަތުރުފުޅަކީ ސީޝެލްސްގެ ރައީސް ޑެނީ ފޮރގެ ދައުވަތަކަށް އެމަނިކުފާނު ކުރެއްވި ދަތުރުފުޅެކެވެ.