ކުޅިވަރު

ވަރުގަދަ ޗެންނާއީ އެފްސީގެ އެކެޑަމީ ބަލިކޮށް މާޒިޔާގެ ޔޫތް ޓީމް ފައިނަލަށް!


ވަރުގަދަ ޗެންނާއި އެފްސީގެ އެކެޑަމީ ބަލިކޮށް މާޒިޔާގެ ޔޫތް ޓީމް އިންޓަރނޭޝެނަލް ކަޕް އޮފް ޖޯއީގެ ޔޫތް މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ.

މިހާރު އިންޑިޔާގައި ކުރިޔަށްދާ އިންޓަރ ނޭޝެނަލް ކަޕް އޮފް ޖޯއީގެ ޔޫތް މުބާރާތުގައި މާޒިޔާގެ 14 އަހަރުން ދަށު ޓީމު ފައިނަލަށް ދަތުރުކުރީ މިއަދު މުބާރާތުގެ ސެމީ ފައިނަލުގައި 2-1 ލަނޑުން އިންޑިޔާގެ އައިލީގުގައި ވާދަކުރާ ޓީމެއްކަމަށްވާ ޗެންނާއި އެފްސީގެ އެކަޑަމީއާ މައްޗަށް ކުރިހޯދައިގެންނެވެ.

މެޗުގައި މާޒިޔާއިން ކުރިހޯދީ ޗެންނާއީ އެފްސީ ލަނޑެއް ޖަހާފަވަނި ކޮށް ފަހަތުން އަރައި ދެ ގޯލް ޖަހައިގެންނެވެ. މާޒިޔާގެ ލަނޑުތައް ކާމިޔާބު ކުރީ މުހަންމަދު އިޔާންގެ އިތުރުން ޔޫޝައު ބިން އަލީ ނަޝީދެވެ.

މުބާރާތުގައި ފައިނަލުގައި މިއަދު ހަވީރު މާޒިޔާ ވާދަކުރާނީ އިންޑިޔާގެ ބެންގަލޫރު އެފްސީގެ އެކަޑަމީއާއެވެ. މާޒިޔާގެ 14 އަހަރުން ދަށު ޓީމް ސެމީ ފައިނަލުން ޖާގަ ހޯދީ ގުރޫޕުގެ ފަހު މެޗަށް ސްޕޯޓްސް ނޭޝަން ހާޒިރުނުވުމުން މާޒިޔާއަށް 2-0 ލަނޑުން މެޗު ލިބުމުންނެވެ. މާޒިޔާ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗު ރިލިއަންސް އަތުން 2-1 ލަނޑުން ބަލިވި ނަމަވެސް ދެވަނަ މެޗު ކިކް އެކެޑަމީއާ ވާދަކޮށް 6-0 ލަނޑުން މޮޅުވެފައެވެ.

މި މުބާރާތަކީ އިންޑިޔާގެ ޒުވާން ކުޅުންތެރިންނަށް އިތުރު ފުރުސަތަތަކެއް ހޯދައި ދިނުމުގެ ގޮތުން ކުރިޔަށްގެންދާ މުބާރާތެކެވެ. އެގޮތުން އިންޑިޔާއިން އަންނަނީ އެގައުމު ކުލަބްތަކުގެ އެކަޑަމީތައް ހަރުދަނާ ކޮށް ވަރުގަދަކުރުމަށް މަސައްކަތް ކުރަމުންނެވެ.

މިހާރު ޔޫރަޕްގެ ބޮޑެތި ކުލަބްތަކުގެ އެކަޑަމީތައްވެސް އިންޑިޔާގައި ވަނީ ގާއިމް ކޮށްފައެވެ. މުބާރާތުގައި އިންޑިޔާގެ މަޝްހޫރު ބެންގަލޫރު އެފްސީގެ އެކެޑިމީވެސް މީގެ ކުރިން ކުޅެފައިވެއެވެ. މިއަހަރުގެ މުބާރާތުގައި އިންޑިޔާގައި ހިމެނޭ ބައިނަލްއަގުވާމީ އެކަޑަމީތަކުގެ އިތުރުން އައިލީގުގެ އެކެޑަމީތައް ވެސް ވާދަކުރެއެވެ.

އެފްއޭއެމުން މިއަހަރު އަލަށް ފަށާ 14 އަހަރުން ދަށުގެ ލީގުގައި ވާދަކުރާ ޓީމަށް މި މުބާރާތުގެ ސަބަބުން ރަނގަޅު ތަޖުރިބާއެއް ލިބޭނެ ކަމަށް މާޒިޔާ އިން މައުލޫމާތުދެއެވެ. މި މުބާރާތުގައި ވާދަކުރަނީ މާޒިޔާގެ 14 އަހަރުންގެ ދަށުގެ ޓީމެވެ. މާޒިޔާ އަކީ މިކަހަލަ މުބާރާތެއްގައި ބައިވެރިވާ ރާއްޖޭގެ ފުރަތަމަ ޑިވިޝަންގެ ފުރަތަމަ ޓީމެވެ.