ޚަބަރު

ސްކޫލުތަކުގައި ޚާއްޞައެހީއަށް ބޭނުންވާ ކުދިންނަށް ފަރުވާދޭން 3 ތެރަޕިސްޓުން ގެންނަނީ


ޚާއްސައެހީއަށް ބޭނުންވާ ކުދިން ސްކޫލް މާހައުލުގައި ދެނެގަނެ އެފަދަ ކުދިންނަށް ދުރާލައި ބޭނުންވާ ފަރުވާދިނުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ފުރަތަމަ ގެނައުމަށް ހަމަޖެހިފައިވަނީ 3 ތެރަޕިސްޓުންކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު ޢަލީ ވިދާޅުވީ ސްކޫލް މާހައުލުގައި ޚާއްސައެހީއަށް ބޭނުންވާ ދަރިވަރުންނަށް ތެރަޕީ ދިނުމަކީ ސަރުކާރުގެ އަމާޒެއްކަމަށެވެ. އެގޮތުން މި މަސައްކަތުގެ ދަށުން ފުރަތަމަ 3 ތެރަޕިސްޓުން ގެނައުމަށް ހަމަޖެހިފައިވީނަމަވެސް އިތުރު ތެރަޕިސްޓުން ހޯދުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ފުރަތަމަ މަރުހަލާގައި ސްޕީޗް ތެރަޕިސްޓުންނާއި އޮކިއުޕޭޝަނަލް ތެރަޕިސްޓުންގެ އިތުރުން ބިހޭވިއަރ ތެރަޕިސްޓުން ހޯދާ އެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާއިރު ރާއްޖޭގެ އެކި ރަށްރަށަށް އެ ތެރަޕިސްޓުން ފޮނުވައިގެންވެސް ސްކޫލް ދަރިވަރުންނަށް ފަރުވާދިނުމަށް ހަމަޖެހިފައިވާކަމަށެވެ.

ޚާއްސައެހީއަށް ބޭނުންވާ ދަރިވަރުންނަށް ބޭނުންވާ ތެރަޕީތައް ދިނުމަށްޓަކައި ޖެންޑަރ މިނިސްޓްރީއާއި ހެލްތް މިނިސްޓްރީއާއި އެޑިއުކޭޝަން މިނިސްޓްރީ ގުޅިގެން އަންނަނީ މަސައްކަތްކުރަމުންނެވެ.

ސްކޫލް މާހައުލުގައި ދަރިވަރުންނަށް ތެރަޕީ ދިނުމުގެ މަސައްކަތް ކުރަމުންދާއިރު އެޑިއުކޭޝަން މިނިސްޓްރީން ވަނީ ޚާއްސައެހީއަށް ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދިނުމަށްޓަކައި ކޯޗުންތަކެއް ތަމްރީންކޮށް ސްކޫލްތަކަސް ފޮނުވަންފަށާފައެވެ.

ނުކުޅެދުންތެރިކަން ހުންނަ 3769 ދަރިވަރުން ސަރުކާރު ސްކޫލްތަކުގައި މިހާރުވެސް ތަޢުލީމް ޙާސިލްކުރަމުން ދެއެވެ. ނަމަވެސް އެ ކުދިންނަށް އެކަށީގެންވާ ވަސީލަތްތައް ސްކޫލްތަކުގައި ނެތުމަކީ އަބަދުވެސް ދެކެވޭ ވާހަކައެކެވެ.

ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ތަޢުލީމު ފުޅާކޮށް، އެކުދިންނަށް އެންމެ އެކަށީގެންވާ ވަސީލަތްތައް ސްކޫލްތަކުގައި ޤާއިމުކޮށް، އެފަދަ ކުދިންގެ މަސައްކަތްތައް މިހާރަށްވުރެ ރަނގަޅަށް މޮނިޓަރ ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ޚާއްސަ ޑިޕާޓްމަންޓެއްވެސް އެ މިނިސްޓްރީގައި ޤާއިމުކޮށްފައެވެ.

ސަރުކާރުގެ 213 ސްކޫލްގައި އެކި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ގެންދަނީ ތަޢުލީމު ދެމުންނެވެ. މީގެ ތެރެއިން 70 ސްކޫލަކަށް ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދިނުމުގައި އެހީތެރިކަން ބޭނުންވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.