ކުޅިވަރު

ފޯސީޒަންސް ސަރފިން މުބާރާތުގެ ޗެމްޕިއަންކަން ޖެހިޖެހިގެން 2ވަނަ ފަހަރަށް ޖޯޝް ކަރ ހޯދައިފި


ފޯސީޒަންސް މޯލްޑިވްސް ސަރފިން ޗެމްޕިއަންސް ޓްރޮފީ ގެ ޗެމްޕިއަންކަން ޖެހިޖެހިގެން ދެވަނަ ފަހަރަށް ޖޯޝް ކަރ ހޯދައިފިއެވެ.

ޖޯޝް ކަރ ޗެމްޕިއަންކަން ހޯދީ ޗެމްޕިއަންސް ޓްރޮފީގެ ފައިނަލުގައި 2015ވަނަ އަހަރުގެ ދުނިޔޭގެ ޗެމްޕިއަން ޖޯލް ޕާކިންސަން އާއި ވާދަކޮށްގެންނެވެ.

ޗެމްޕިއަންކަން ހޯދުމަށްފަހު ޖޯޝް ކަރ ބުނީ، ފައިތުވި އަހަރާއި އަޅާ ބަލާއިރު މިފަހަރުގެ މުބާރާތް މާ ބޮޑަށްވެސް ވާދަވެރި ކަމަށާއި، އެހެންކަމުން ދެވަނަ ފަހަރަށް މުބާރާތް ކާމިޔާބުކުރެވޭނެ ކަމަށް މާބޮޑު އުންމީދެއްވެސް ނުކުރާކަމަށެވެ.

ޖޯޝް ކަރ ބުނީ، މިފަހަރުގެ ކާމިޔާބީ އެތައް ގޮތަކުން އޭނާއަށް ޚާއްސަ ކަމަށާއި، އެހެންފަހަރު ތަކަށްވުރެ މޮޅެތި ރާޅާއެޅުންތެރިންނާއި ވާދަކޮށްގެން، މުބާރާތުގެ ތާރީޚުގައިވެސް ޖެހިޖެހިގެން ދެވަނަ ފަހަރަށް މުބާރާތް ކާމިޔާބުކުރެވުނު ހަމައެކަނި ރާޅާއެޅުންތެރިޔާއަށް ވުމުން ވަރަށް ހިތްހަމަޖެހިއްޖެކަމަށެވެ.

"މިދިޔަ އަހަރާއި އަޅާބަލާއިރު މިއަހަރު މާ ވާދަވެރި، މާ ވަރުގަދަ ރާޅާއެޅުންތެރިން ތިބީވެސް، އެންމެ ފުރަތަމަ ސިންގަލްސް ފިން އެވެންޓުން އެއްވަނަ ލިބުނީމަ ވަރަށް ބޮޑަށް އުންމީދު އާވި، ދެން ޓްވިން ފިން އިން ދެވަނަ ލިބުނީ، ވަރަށް ހިތްހަމަ ޖެހުނު، އެކަމު ޓްރެސްޓަރ އިވެންޓުން އެހާ ދަށްކޮށް ދިޔައިމަ ހީވެސް ނުކުރަން އަލުން ޗެމްޕިއަންކަން ލިބޭނޭ، ވަރަށް ޚާއްސަ މި ކާމިޔާބީ، ޖޯޝް ކަރ ބުންޏެވެ.

ޖޯޝް ކާރ ވަނީ މިފަހަރުގެ މުބާރާތުގެ ސިންގަލް ފިންގެ ބައިން އެއްވަނަ ހޯދައި ޓްވިން ފިންގެ ބައިން ދެވަނަ ހޯދާފައެވެ. ޓްވިން ފިންގެ ބައިން އެއްވަނަ ހޯދީ ޖޯލް ޕާކިންސަންއެވެ. އަދި ޓްރަސްޓަރ ފިންގެ ބައިން އެއްވަނަ ހޯދީ މުބާރަތުގައި ވާދަކުރި އެންމެ ޒުވާން ރާޅާއެޅުންތެރިޔާ ކައި ލެނީއެވެ.