ކުޅިވަރު

ހަޒާޑް މެޑްރިޑުން 10 މިލިއަން ޕައުންޑްގެ ގެއެއް ގަނެފި


ޗެލްސީ ދޫކޮށް ރެއާލް މެޑްރިޑަށް ބަދަލުވި ބެލްޖިއަމްގެ ކެޕްޓަން އެޑެން ހަޒާޑް ސްޕޭނުގެ މެޑްރިޑުގައި ދިރިއުޅުމަށް 10 މިލިއަން ޕައުންޑްގެ ގެއެއް ގަނެފިއެވެ.

ބެލްޖިއަމްގެ ކެޕްޓަން ހަޒާޑް ޗެލްސީ ދޫކޮށް ހަ އަހަރުގެ ކޮންޓްރެންޓެއްގައި ރެއާލް އަށް ބަދަލުވީ 150 މިލިއަން ޕައުންޑަށެވެ. އަންހެނުންނާއި ތިން ކުދިން އަދި އާއިލާގެ މެމްބަރުން އުޅެން އޭނާ ގެއެއް ގަތީ ރެއާލްގެ ގިނަ ކުޅުންތެރިން ދިރިއުޅޭ ހިސާބަކުންނެވެ. މި ގޭގައި ހަ ބެޑްރޫމާއި ސްވިމިން ޕޫލަކާއި ސިނަމާ އަކާއި ޖިމަކާއި ސްޕާއެއްގެ އިތުރުން އައުޓްޑޯ ޓެނިސް ކޯޓެއް ވެސް ހިމެނޭއެވެ.
ހަޒާޑަށް ރެއާލްއިން ދީފައިވަނީ ކްރިސްޓިއާނޯ ރޮނާލްޑޯ ބޭނުންކުރި ހަތް ނަންބަރު ޖާޒީއެވެ. މިއާއެކު މެޑްރިޑުގެ ސަޕޯޓަރުން އޭނާއާ މެދު ކުރާ އުއްމީދުތައް ވެސް ވަނީ މަތިވެފައެވެ. އެހެންނަމަވެސް ސީޒަންގެ ފުރަތަމަ ތިން މެޗުގައި އަނިޔާގެ ސަބަބުން ހާޒާޑް ފެނުން ދުރެވެ. އޭނާއަށް ރެއާލް މެޑްރިޑަށް މެޗެއް ކުޅެވޭނެކަމަށް ބެލެވެނީ އަންނަ މަހުއެވެ.