ޚަބަރު

"އޯޝަން20"ގައި ދަތުރުކުރި މީހުންގެ ތެރެއިން 128 މީހުން މާލެ ގެނެސްފި


ތ.އަތޮޅުން ފުރައިގެން މާލެ ދަތުރު ކުރަމުންދަނިކޮށް ތެޔޮ ހުސްވެގެން އިންޖީނު ހުއްޓުނު ލޯންޗު ފެރީގައި ތިބި އަންހެނުންނާއި ކުޑަކުދިން އަދި އުމުރުން ދުވަސްވީ މީހުން އެމް.އެން.ޑީ.އެފް ކޯސްޓްގާޑްގެ ސީއެމްބިއުލާންސްގައި މާލެ ގެނެސްފިއެވެ.

175 މީހުންނާއެކު ތ.އަތޮޅުން މާލެއަށް ދަތުރު ކުރި "އޯޝަން 20" ނަމަކަށް ކިޔާ ލޯންޗްފެރީގެ އިންޖީނު ހުއްޓުނީ ވ.އަތޮޅު ދިއްގަލުވަށި ފަޅުގެ ހުޅަނގުން 1 ނޯޓިކަލް މޭލު ބޭރުން ހުއްޓުމާއި ގުޅިގެން އޭގައި ތިބި ކުޑަކުދިންނާއި އަންހެނުން އަދި އުމުރުން ދުވަސްވީ މީހުން ހިމެނޭހެން ޖުމަލަ 128 މީހުން ވަނީ މިރޭ މާލެ ގެނެސްފައެވެ.

އެމް.އެން.ޑީއެފުން ބުނީ "އޯޝަން 20" ނަމަކަށް ކިޔާލޯންޗް ހުއްޓިފައިވަނީ ތެޔޮ ހުސްވެގެންކަމަށާއި، މި ޙާދިސާގެ މަޢުލޫމާތު މިއަދު 17:44ގައި ލިބުމުން މާލެ އޭރިޔާގައި ޙަރަކާތްތެރިވާ ކޯސްޓްގާޑުގެ އުޅަނދުތައް އެސަރަހައްދަށްގޮސް އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިވާކަމަށެވެ.

"އޯޝަން 20" ލޯންޗް ފެރީއަށް ތެޔޮފޯރުކޮށްދިނުމުގެ މަސައްކަތް އެހެން އުޅަނދަކުންކޮށްފައިވާކަމަށާއި، ބާކީތިބި މީހުން މާލެ އަންނާނީ އެ ފެރީގައިކަމަށް އެމް.އެން.ޑީއެފުން މައުލޫމާތުދެއްވައެވެ.