ޚަބަރު

ސަރުކާރުން ގެނައި ބަދަލުތަކާއެކު އައިޖީއެމް ހޮސްޕިޓަލުން ޚިދުމަތްހޯދާ މީހުންގެ ޢަދަދު އިތުރުވެއްޖެ - ޢަލީ ޝިޔާމް


ސަރުކާރުގެ މައި ހޮސްޕިޓަލް، އައި.ޖީ.އެމް.އެޗުން ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ކުރިއަރުވައި ފެންވަރު ރަނގަޅުކުރުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވެރިކަމާ ޙަވާލުވެވަޑައިގެން ގެންނަވަން ފެއްޓެވި ބަދަލުތަކާއެކު އެ ހޮސްޕިޓަލުން ޚިދުމަތް ހޯދާ މީހުންގެ ޢަދަދު އިތުރުވެފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ ޢަލީ ޝިޔާމް ވިދާޅުވެއްޖެއެވެ.

އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުން ފޯރުކޮށްދޭ ޚިދުމަތްތަކަށް ގެންނަމުންދާ ކުރިއެރުންތަކާއި ދަރުމަވަންތަ ހޮސްޕިޓަލްގެ ޢިމާރާތައް އެހޮސްޕިޓަލުންގެ ޑިޕާޓްމަންޓްތައް ބަދަލުކުރުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އައި.ޖީ.އެމް.އެޗް ހިންގުމުގެ ކަންކަން ސަރުކާރުގެ ފަރާތުން ބަލަހައްޓަވަމުން ގެންދަވާ ރައީސް އޮފީހުގެ މިނިސްޓަރ ޢަލީ ޝިޔާމް ވިދާޅުވީ، އައި.ޖީ.އެމްއެޗްގައި ތަޖުރިބާ ހުރި ޑޮކްޓަރުންނާއި ފެންވަރު ރަނގަޅު ސިއްޙީ އާލާތްތައް އެބަހުރިކަމަށެވެ. ނަމަވެސް ވޯޑް ފެސިލިޓީ ނެތުމުން ޚިދުމަތް ދިނުމުގައި ދަތިތަކެއް އެބަހުރިކަމަށާއި، ސަރުކާރުން މިހާރު މަސައްކަތްކުރަނީ އެކަންކަން ހައްލުކުރުމުގެ އިންތިޒާމުތަކާއި، ކަންކަން ތަރުތީބުކުރުމަށްކަމަށްވެސް މިނިސްޓަރ ޢަލީ ޝިޔާމް ވިދާޅުވިއެވެ.

"މިސާލަކަށް އަޅުގަނޑުމެންނަށް އެންމެ ގިނައިން ދިމާވާ މައްސަލައަކީ މިހާރު އައި.ޖީ.އެމް.އެޗްގައި އޮޕަރޭޝަންކުރުމުގެ ކަންކަން. މިކަންކަން ނުކުރެވިފައި މިއޮންނަނީ އެނދު ނުލިބިގެން. މިހާރު މިތާ އެނދުތައް ރާވާފައި ހުރިގޮތުން ވޯޑްފެސިލިޓީއެއް ނޫން މިތާ ހުރީކީއެއް، މިސާލަކަށް. އަޅުގަނޑުމެން ދާން ބޭނުންވާ ލެވަލްއަކީ މިތަނަށް ޚިދުމަތް ހޯދަން ވަޑައިގަންނަވާ ބޭފުޅުންނަށް އެބޭފުޅުން ބޭނުންވާ އެކްސްޕެކްޓޭޝަންއާ އެއްވަރަށް އެޚިދުމަތެއް މިތަނުން ޑެލިވަރކުރުމަށް މަސައްކަތްކުރުން." ޢަލީ ޝިޔާމް ވިދާޅުވިއެވެ.

މިނިސްޓަރ ޢަލީ ޝިޔާމް ވިދާޅުވީ އައިޖީއެމްއެޗް ޢިމާރާތުގައި ހިންގަމުންދިޔަ އެކި ޑިޕާޓްމަންޓްތައް ދަރުމަވަންތަ ހޮސްޕިޓަލް ޢިމާރާތަށް ބަދަލުކުރަމުންދާއިރު، ތޮއްޖެހުން ކުޑަވާގޮތަށް ވީހާވެސް ފަސޭހައިން ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމަށް މަސައްކަތްކުރައްވަމުން ގެންދަވާކަމަށެވެ. އެގޮތުން ޑިޕާޓްމަންޓްތައް ބަދަލުކުރަނީ އެއްވެސް ޚިދުމަތަކަށް ބުރޫ ނާރާގޮތަށް ފަހަރަކު ފްލޯއަކަށް ބަހާލައިގެން ވަކި ތަރުތީބަކުންކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން އައިޖީއެމްއެޗާ ހަވާލުވިއިރު، މިތަނަށް އަންނަނީ ދުވާލަކު 3600 ވަރަކަށް މީހުން. މިހާރު ގާތްތަގަނޑަކަށް 4300 މީހުން އެވްރެޖްކޮށް ދުވާލަކު އަޅުގަނޑުމެންނަށް ޚިދުމަތްދެވޭ" ޢަލީ ޝިޔާމް ވިދާޅުވިއެވެ.

ދަރުމަވަންތަ ހޮސްޕިޓަލުގެ 6 ފްލޯ މިހާރު ބޭނުންކުރަމުންދާއިރު މުހިންމު ޚިދުމަތްތަކެއް އެތަންތަނުންވަނީ ފަށާފައެވެ. އެގޮތުން ފުރަތަމަ ފަންގިފިލާގައި ރޭޑިއޮލޮޖީ ޑިޕާޓްމަންޓް ޤާއިމްކޮށްފައިވާއިރު އެތަނުން އެކްސްރޭ، އެމްއާރުއައި، ސިޓީ، އަލްޓްރާ ސައުންޑް ސްކޭން އަދި އޯޕީޖީ ނެގޭނެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ. ދެވަނަ ފަންގިފިލާ ޚާއްސަކޮށްފައިވަނީ ކުޑަކުދިންނަށާއި، ނާރުގެ ބަލިތަކަށެވެ. މި ފްލޯގައި ކުޑަކުދިން ބެއްލެވުމަށް 3 ކޮޓަރި ހަމަޖައްސާފައިވާއިރު، ނާރުގެ ބަލިތަކަށް ދެ ކޮޓަރިވަނީ ހަމަޖައްސާފައެވެ.

ދަރުމަވަންތަ ހޮސްޕިޓަލް ޢިރާތުގެ ތިންވަނަ ފްލޯގައި ޑައެޓިޝަން، އެތެރެހަށީގެ ބަލިތަކާއިބެހޭ ޑިޕާޓްމަންޓް އަދި ސާޖަރީގެ ޑިޕާޓްމަންޓެއް ޤާއިމްކޮށް ދެކޮޓަރި ވަނީ މިކަމަށް ޚާއްސަކޮށްފައެވެ. މީގެ އިތުރުން މި ފްލޯގައި ހޭނެއްތުމުގެ ކަންކަމާއިބެހޭ ޑޮކްޓަރަށް ޚާއްސަ ކޮޓަރިއަކާއި، ޑައެޓިޝަންއަށް ޚާއްސަ ކޮޓަރިއެއް ހުރެއެވެ.

ހަކުރުބަލީގެ ކަންކަން ބެލުމަށް 2 ކޮޓަރި ޚާއްސަކޮށްފައިވާއިރު، އެތެރެހަށީގެ އެހެނިހެން ކަންކަމާއިބެހޭ ޑޮކްޓަރުންނަށް 4 ކޮޓަރި ވަނީ ހަމަޖައްސާފައެވެ. މިޢިމާރާތުގެ ހަތަރުވަނަ ފަންގިފިލާ ޚާއްސަކޮށްފައިވަނީ ފިޒިއޮތެރަޕީގެ ޙިދުމަތް ފޯރުކޮށްދިނުމަށެވެ. އަދި ފަސްވަނަ ފަންގިފިލާގައި ސްޕީޗް ތެރަޕީއާ، އޮކިއުޕޭޝަނަލް ތެރަޕީގެ އިތުރުން ހަމުގެ ބަލިތަކާބޭހޭ ޑިޕާޓްމަންޓް ވަނީ ބަދަލުކޮށްފައެވެ. އަދި ހަވަނަ ފަންގިފިލާގައި ވަނީ ލޮލުގެ ފަރުވާއާއި ކަރުންމަތީގެ ބަލިތަކަށް ފަރުވާދެވޭނެ އިންތިޒާމު ހަމަޖައްސަވާފައެވެ. ލޮލުގެ ފަރުވާދިނުމަށް 7 ކޮޓަރި ޙާއްސަ ކޮށްފައިވާއިރު، ކަރުންމަތީގެ ޑޮކްޓަރުންނަށް ޙާއްސަ 2 ކޮޓަރި މި ފްލޯގައިވަނީ ޙާއްސަކޮށްފައެވެ.

ދަރުމަވަންތަ ހޮސްޕަޓަލަކީ ޖާގަތަނަވަސް ތަނެއް ނަމަވެސް އެތަން ފަރުމާކޮށްފައިވާގޮތުން ވޯޑްތައް ނެތުމަކީ ހުރި ގޮންޖެހުމެއްމަށް އައިޖީއެމްއެޗްގެ ސީއީއޯވެސް ފާހަގަކޮށްފައިވެއެވެ. އޭނާ ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލު ހިންގުމުގައި އެންމެބޮޑު އިސްކަމެއް ދެނީ ދެވޭ ޙިދުމަތުގެ ފެންވަރު ރަނގަޅުކޮށް، އަވަސް ޚިދުމަތްތަކެއް ރައްޔިތުންނަށް ފޯރުކޮށް ދިނުމަށްކަމަށެވެ. އައިޖީއެމްއެޗްގައި ކިއުގައި ޖެހިގެން ނަންބަރު ނަގަން ޖެހުނުކަމުގައި ވީނަމަވެސް ދަރުމަވަންތަ ހޮސްޕިޓަލުގައި އެޙިދުމަތް ފަސޭހަކަމާއެކު މިހާރު ލިބެން ހުންނާނޭކަމަށްވެސް ސީއީއޯ ވިދާޅުވިއެވެ.

ދަރުމަވަންތަ ހޮސްޕިޓަލަކީ ގިނަ ބަޔަކު ސިއްޙީ ޚިދުމަތް ހޯދާ ތަނަކަށްވުމުން އެތަން ސާފު ތަނަކަށް ހެދުމަށް އެންމެ ބުރަ މަސައްކަތްތަކެއް ކުރަމުންދަނީ ތަނުގެ ހައުސްކީޕިންގެ މަސައްކަތް ކުރާ ފަރާތުންނެވެ. އެގޮތުން 100 ޕަސެންޓް ދިވެހިން މި މިމަސައްކަތްތަކުގައި ޝަމިލުވާއިރު، ތަންސާފުކޮށް ބޭއްވުމަށް ޙާއްސަ މަސައްކަތްތަކެއް ކުރަމުންދާކަމަށް ހައުސްކީޕިންގެ އިންޗާޖް ވިދާޅުވެފައިވެއެވެ.

ދަރުމަވަންތަ ހޮސްޕިޓަލުން ޚިދުމަތް ހޯދާ ފަރާތްތަކަށް ފަސޭހައިން ޚިދުމަތް ލިބޭނެ އިންތިޒާމްތަކެއް ހަމަޖައްސާފައިވާއިރު، އެތަނަށް ވަދެ ނިކުންނަ ފަރާތްތަކަށްވެސް ފަސޭހަ އިންތިޒާމްތަކެއް ވަނީ ހަމަޖައްސާފައެވެ.