ވިޔަފާރި

ރާއްޖޭގެ މަޤްބޫލުކަން އަދިވެސް އެންމެ ބޮޑީ އަންހެން ފަތުރުވެރިންގެ މެދުގައި


ރާއްޖޭގެ މަޤްބޫލުކަން އަދިވެސް އެންމެ ބޮޑީ އަންހެން ފަތުރުވެރިންގެ މެދުގައިކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ޢާއްމުކޮށްފައިވާ މިއަހަރުގެ ޖުލައިމަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން، މިއަހަރުގެ ޖުލައިމަހުގެ ނިޔަލަށް ރާއްޖެއަށް 994،733 (ނުވަސަތޭކަ ނުވަދިހަ ހަތަރުހާސް ހަތްސަތޭކަ ތިރީސް ތިނެއް) ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މީގެ ތެރެއިން 520،137 (ފައްސަތޭކަ ވިހިހާސް ސަތޭކަ ތިރީސް ހަތެއް) ފަތުރުވެރިންނަކީ އަންހެން ފަތުރުވެރިންނެވެ. މިއީ މިއަހަރުގެ ޖުލައި މަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ %52.3 އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ވެސް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ނިސްބަތަށްބަލާއިރު ގިނައީ އަންހެނުންނެވެ.

މިއަހަރުގެ ޖުލައިމަހުގެ ނިޔަލަށް ރާއްޖެ ޒިޔާރަތްކުރި ފިރިހެން ފަތުރުވެރިންގެ ނިސްބަތަކީ %47.7 އެވެ. މިއީ އަދަދުން ބަލާނަމަ 474،596 (ހަތަރުސަތޭކަ ހަތްދިހަ ހަތަރުހާސް ފައްސަތޭކަ ނުވަދިހަ ހައެއް) ފަތުރުވެރިންނެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން މިއަހަރުގެ ފުރަތަމަ ހަތްމަސް ދުވަހު އެވްރެޖުގޮތެއްގައި ފަތުރުވެރިން ރާއްޖޭގައި ހޭދަކޮށްފައިވަނީ 6.3 ދުވަހެވެ. އަދި މިމުއްދަތުގައި އޮކިއުޕަންސީ ރޭޓް އުޅުނީ 64.4 އިންސައްތައިގައެވެ.

މިއަހަރުގެ ޖުލައި މަހުގެ ނިޔަލަށް ފަތުރުވެރިންނަށް ޚިދުމަތްދިނުމަށް ރާއްޖޭގައި ޖުމްލަ ސާޅީސް ނުވަހާސް ނުވަދިހަ ފަސް އެނދު ހުރިއިރު ފަތުރުވެރިން އެންމެ ގިނައިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓްތަކުގައެވެ. އަދި ގެސްޓްހައުސްތަކާއި، ސަފާރީ އަދި ހޮޓެލްތަކުގައިވެސް ފަތުރުވެރިން ވަނީ ޗުއްޓީހޭދަކޮށްފައެވެ.

މިއަހަރުގެ ޖޫންމަހުގެ ނިޔަލަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ޗައިނާ، އިންޑިއާ، އިޓަލީ، އިނގިރޭސިވިލާތް އަދި ޖަރުމަނުވިލާތުންނެވެ.

ރާއްޖެ އަންނަ އަންހެން ފަތުރުވެރިންގެ އަދަދު އަބަދުވެސް ފިރިހެން ފަތުރުވެރިންނަށްވުރެ އިތުރުއިރު، ރާއްޖޭގެ ރިސޯޓްތަކުން ތަފާތު ޕެކޭޖްތައްވެސް އަންނަނީ ތައާރަފްކުރަމުންނެވެ. އެގޮތުން ރަހުމަތްތެރިންނާއެކު އައިސް ޗުއްޓީ ހޭދަކޮށްލުމުގެ ތަފާތު ޕެކޭޖްތައް ފާހަގަކޮށްލެވެއެވެ.