ސިނަމާލެ ބްރިޖު ހައިވޭގެ މެދުގައި ޖަހާފައި ހުރި ޕްލާސްޓިކް ޑިވައިޑާސްތައް ކޮންކްރީޓަށް ބަދަލުކުރަން ފަށައިފިއެވެ.
ޕީއެސްއެމްނިއުސްއަށް މަޢުލޫމާތުދެއްވަމުން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ ސުހައިލް އަޙްމަދު ވިދާޅުވީ ބްރިޖް ހައިވޭގައި ހުރި ޑިވައިޑާސްތައް ކޮންކްރީޓަށް ބަދަލުކުރަން މިއަދު ފަށާފައިވާކަމަށާ އެ މަސައްކަތް ކުރަމުންދަނީ ސައިޓްގައި އެތަކެތި ހެދުމަށްފަހު ގެނެސް ބަހައްޓާގޮތަށް ކަމަށެވެ. އަދި މިހާރުއެ މަސައްކަތްކުރަމުންދަނީ ޕްލާސްޓިކް ބެރިއަރތައް ނުޖަހާ ހުރި ތަންތަނުގައި ކަމަށާއި އެ މަސައްކަތް ކުރުމަށް ގާތްގަޑަކަށް 8 ހަފްތާވަރު ނަގާނެކަމަށެވެ.
ކޮންކްރީކްޓް ޑިވައިޑާސްތަކަށް ބަދަލުކުރަން ނިންމުމުގެ ކުރިން އެޗްޑީސީއާއި ފުލުހުންގެ އިތުރުން ކަމާއި ގުޅޭ އިތުރު ފަރާތްތަކާއެކު މަޝްވަރާ ކޮށްފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
މިދިޔަ އަހަރު ސިނާމާލެ ބްރިޖް ބޭނުން ކުރަން ފެށިއިރު ބްރިޖް މައްޗާއި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓްތަކެއް ހިނގައި ގިނަ ޑިވައިޑާސްތައް ވަނީ ހަލާކުވެފައެވެ. އެއާއެކު ޑިވައިޑާސްތައް ކޮންކްރީޓަށް ބަދަލުކުރުމުގެ ވާހަކަ އެންމެ ފުރަތަމަ ދެކެވުނުއިރު ގިނަ ބަޔަކު ކަންބޮޑުވުންވެސް ފާޅުކުރިއެވެ.
ހައިވޭގައި ޖަހާފަހުރި ޕްލާސްޓިކް ޑިވައިޑާސްތައް ކޮންކްރީޓަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދަނީ ހައިވޭގެ ވެސް މަސައްކަތްކުރި ޗައިނާގެ ހުނާން އިންޖިނިއަރިން އިންނެވެ.