ޚަބަރު

ދ.އަތޮޅަށް ކުރިމަތިވެފައިވާ މައްސަލަތަކުގެ މަޢުލޫމާތު ނާއިބު ރައީސާ ޙިއްސާކޮށްފި


ނިލަންދެ އަތޮޅު ދެކުނުބުރި ނުވަތަ ދ.އަތޮޅުގެ ރަށްރަށުގެ ޞިއްޙީ ދާއިރާގައި ހުރި މައްސަލަތަކާއި ސާފު ބޯފެނާއި ނަރުދަމާގެ މައްސަލަތަކުގެ މަޢުލޫމާތު އެއަތޮޅު، އަތޮޅު ކައުންސިލުން ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމާ ޙިއްސާކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމް، ދ.އަތޮޅު ކައުންސިލަރުންނާއެކު މިއަދު ބޭއްވެވި ބައްދަލުކުރެއްވުމުގައިވަނީ އެއަތޮޅުގެ ތަރައްޤީއަށް ރާއްވަވާފައިވާ މަސައްކަތްތަކާއި، ރައްޔިތުންނަށް ދިވާމާ ދަތިތަކުގެ މަޢުލޫމާތާއި އެއަތޮޅުގެ ރަށްރަށުގެ ކުރިއެރުމަށްހުރި ދަތިތަކުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ޙިއްޞާ ކުރައްވާފައެވެ.

މިބައްދަލުވުމުގައި ކައުންސިލަރުން އެންމެ ބޮޑަށް ފާހަގަކުރައްވާފައިވަނީ ދ.އަތޮޅުގެ ގިނަ ރަށްރަށުގައި ޞިއްޙީ ދާއިރާގައި ހުރި މައްސަލަތަކާއި ރަށްރަށަށް ދިމާވެފައިވާ ސާފު ބޯފެނާއި ނަރުދަމާގެ މައްސަލަތަކެވެ. މީގެ އިތުރުންވެސް އަތޮޅު ކައުންސިލަރުން ވަނީ ދ.އަތޮޅުގެ ވަކިވަކި ރަށްރަށުގެ ބައެއް މައްސަލަތައް ފާހަގަކުރައްވާފައެވެ.

މީގެތެރޭގައި މީދޫ ބަނދަރުގެ މައްސަލައާއި، ހިއްކި ބިމުން ދޫކުރުމާއި، ބަނޑިދޫގެ ކައުންސިލް އިދާރާގެ ޖާގައިގެ ދަތިކަމާއި، މަލްޓިޕަރޕަސް ހޯލްގެ މައްސަލަ ހިމެނެއެވެ. އަދި ކައުންސިލަރުންވަނީ ރިނބުދޫ ފަޅު ގޯތިތަކުގެ މައްސަލައާއި، ލޯކަލް ޓޫރިޒަމް ކުރިއަށް ގެންދިއުމުގައި ދިމާވާ މައްސަލަތައްވެސް ފާހަގަކުރައްވާފައެވެ. މީގެއިތުރުން މިބައްދަލުކޮށްލެއްވުމުގައި ކައުންސިލަރުން ވަނީ ހުޅުދެއްޔަށް ދިމާވެފައިވާ ބަނދަރުގެ ދަތިކަމާއި، މާއެނބޫދޫގެ ބިން ހިއްކުމުގެ ބޭނުންތެރިކަމާއި، މަލްޓިޕަރޕަސް ބިލްޑިންގ އެއްގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ދެއްކެވި ވާހަކަފުޅުގައި ނިލަންދެ އަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލަރުން އެދިވަޑައިގެންނެވި ކަންކަމުގައި ކަމާގުޅޭ މިނިސްޓްރީތަކާ މަޝްވަރާ ކުރައްވައިގެން އެކަންކަމަށް ޙައްލެއް ހޯއްދަވައިދެއްވަން މަސައްކަތް ކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ.