ވިޔަފާރި

އޭޑީބީގެ ރައީސް ރާއްޖެ ވަޑައިގަންނަވައިފި


އޭޝިއަން ޑިވެލޮޕްމަންޓް ބެންކު، އޭޑީބީގެ ރައީސް ޓަކެހިކޯ ނަކާއޯ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގަންނަވައިފިއެވެ.

އޭޑީބީގެ ރައީސްގެ މިދަތުރުފުޅަކީ ރާއްޖެއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. އޭޑީބީގެ ރައީސް ރާއްޖެ ވަޑައިގަތުމުން އެއަރޕޯޓުން އެމަނިކުފާނަށް މަރުހަބާ ދެންނެވީ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރުއެވެ.

އޭޑީބީގެ ރައީސްގެ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ފިނޭންސް މިނިސްޓަރާ ބައްދަލުކުރައްވާނެއެވެ. އަދި މާދަމާ ކުރުނބާ މޯލްޑިވްސްގައި ބާއްވާ މަޝްވަރާ ބައްދަލުވުމެއްގައިވެސް އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެއެވެ.

އޭޑީބީގެ ރައީސް ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ފުރާވަޑައިގަންނަވާނީ މާދަމާ ހަވީރުއެވެ. އޭޑީބީގެ ރައީސް ރާއްޖެއަށް ދަތުރުފުޅެއް ފަށްޓަވާފައިވާއިރު، އޭޑީބީއަކީ ރާއްޖޭގެ ތަރައްޤީގެ މަސައްކަތުގައި މުހިއްމު ބައިވެރިއެކެވެ. އެގޮތުން ތަރައްޤީގެ އެކި އެކި މަޝްރޫޢުތައް ހިންގުމަށް އޭޑީބީން ދަނީ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެމުންނެވެ.