ވިޔަފާރި

ހުޅުމާލެ ސްޕޯޓްސް ކޮމްޕްލެކްސްއިން ވިޔަފާރިކުރުމަށް ތަންތަން ދޫކުރަނީ


ހުޅުމާލޭގައި ތަރައްޤީކޮށްފައިވާ ސްޕޯޓްސް ކޮމްޕްލެކްސްގައި ވިޔަފާރިކުރުމުގެ ފުރުޞަތު ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން ހުޅުވާލައިފިއެވެ.

ހުޅުމާލެ ސްޕޯޓްސް ކޮމްޕްލެކްސްގައި ވިޔަފާރިކުރުމުގެ ފުރުޞަތު ހުޅުވާލާފައިވާއިރު، 8 ތަނެއް ވަނީ ބިޑަށް ހުޅުވާލާފައެވެ. އެޗްޑީސީގެ އިއުލާނުގައިވާ ގޮތުން ސްޕޯޓްސް ކޮމްޕްލެކްސްގައި ހިންގޭނީ ކެފޭ ރެސްޓޯރަންޓް ވިޔަފާރިއާއި، ކުޅިވަރާއިބެހޭ ސާމާނުގެ ވިޔަފާރި އަދި ރީޓެއިލް ވިޔަފާރިއެވެ.

ސްޕޯޓްސް ކޮމްޕްލެކްސްއިން ވިޔަފާރިކުރުމަށް ހުޅުވާލާފައިވާ 8 ތަނުގެ ތެރެއިން 4 ތަނެއް ޚާއްސަކޮށްފައިވަނީ ކުޅިވަރާއިބެހޭ ސާމާނު ވިއްކުމަށެވެ. ރީޓެއިލް ވިޔަފާރިއަށް 3 ތަނެއް ހުޅުވާލާފައިވާއިރު ރެސްޓޯރަންޓް ނުވަތަ ކެފޭ ހިންގުމަށް އެއް ތަން ވަނީ ކަނޑައަޅާފައެވެ.

ވިޔަފާރި ހުޅުވާލާފައިވާ ތަންތަނުގެ ތެރެއިން ކެފޭ ހިންގުމަށް ދޫކުރާ ތަނުގައި ދެހާސް ހަތަރު ސަތޭކަ އަކަ ފޫޓު ހުރެއެވެ. ކުޅިވަރު ސާމާނު ވިއްކުމަށް ދޫކުރާ ތަންތަނުގައި ތޭރަ ސަތޭކަ އަކަފޫޓުގެ ތަނަކާއި ނުވަ ސަތޭކަ އަކަފުޓުގެ ތަނަކާއި ހަ ސަތޭކަ ފަންސާސް އަކަ ފޫޓުގެ ދެ ތަން ހިމެނެއެވެ. އަދި ރީޓެއިލް ވިޔަފާރިއަށް ދޫކުރާ 3 ތަނުގައިވެސް ހަ ސަތޭކަ ފަންސާސް އަކަ ފޫޓުހުރެއެވެ. އެޗްޑީސީން ބުނީ މިތަންތަން ކުއްޔަށް ދޫކުރާނީ އަކަ ފޫޓެއް މަހަކު 30 ރުފިޔާގެ ރޭޓުންކަމަށެވެ.

އެޗްޑީސީން ބުނީ ސްޕޯޓްސް ކޮމްޕްލެކްސްގައި ވިޔަފާރިކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން މިމަހުގެ 23 ވަނަ ދުވަހުގެ ކުރިން ބިޑް ހުށަހަޅަންޖެހޭނެކަމަށެވެ.