ކުޅިވަރު

ސްޓަރ ބާސްކެޓްބޯލް އެކަޑަމީއިން ޚާއްސަ ޓްރެއިނިންގ ކޭމްޕެއް ފަށައިފި


ސްޓަރ ބާސްކެޓްބޯލް އެކަޑަމީއިން ވެލް ޕެންޓް ސްޕޯޓްސް މެނޭޖްމަންޓްއާއި ގުޅިގެން ޚާއްސަ ޓްރެއިނިންގ ކޭމްޕެއް ފަށައިފިއެވެ.

މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީގެ އިންޑޯ ހޯލުގައި ކުރިއައްދާ މި ޓްރެއިނިންގ ކޭމްޕުގައި ޒުވާން ބާސްކެޓްބޯލަ ކުޅުންތެރިންނަށް އިރުޝާދު ދެއްވަނީ އެމެރިކާގެ ޕްރޮފެޝަނަލް ބާސްކެޓްބޯޅަ ކުޅުންތެރިޔާ މެތިވް ވެން ޕެލްޓްއެވެ. މިއީ ސްޓަރ ބާސްކެޓްބޯލް އެކަޑަމީއިން ވެން ޕެލްޓްގެ ޓްރެއިނިންގ ކޭމްޕެއް ރާއްޖޭގައި ކުރިއަށްގެންދާ ދެވަނަ ފަހަރެވެ.

މި ޓްރެއިނިންގ ކޭމްޕާއި ގުޅޭގޮތުން ވާހަކަދައްކަމުން ސްޓަރ ބާސްކެޓްބޯލް އެކަޑަމީގެ ފައުންޑަރ ހުސައިން ޒަމީލް ވިދާޅުވީ އެންމެ ފުރަތަމަ ވެން ޕެލްޓްގެ ޓްރެއިނިންގ ކޭމްޕެއް ކުރިއަށް ގެންދިޔައީ ސީދާ ވެން ޕެލްޓްގެ އެދުމުގެ މަތީން ކަމަށާއި، ފުރަތަމަ ކޭމްޕް ވަރަށް ކާމިޔާބުކަމަށެވެ. މިފަހަރުގެ ކޭމްޕުގައި ބައިވެރިވި ކުދިންގެ އަދަދު ގިނަކަން ފާހަގަކުރައްވާ ޒަމީލް ވިދާޅުވީ މިފަހަރުގެ ކޭމްޕުގައި ޖުމްލަ 70 ކުދިން ބައިވެރިވާ ކަމަށާއި، އެއީ ފުރަތަމަ ފަހަރާއި އަޅާ ބަލާނަމަ %50 އިތުރު އަދަދެއް ކަމަށެވެ. އަދި މިފަހަރުގެ ކޭމްޕުގައި ސްޓަރ އެކަޑަމީގެ ކުދިންގެ އިތުރުން އެހެން ކުދިންވެސް ބައިވެރިވެފައިވާކަމަށްވެސް ޒަމީލް ވިދާޅުވިއެވެ.

ޒަމީލް ބުނީ ކޭމްޕުގައި ބައިވެރިވާ ކުދިންގެ ޝައުގުވެރިކަންވެސް އިތުރުވެފައިވާ ކަމަށާއި ޓްރެއިނިންގ ކޭމްޕް ކުރިއަށް ގެންދިއުމުގެ މަޤްޞަދު ވަރަށް ރަނގަޅަށް ހާސިލްވާކަމަށެވެ.