ޚަބަރު

ނިހާނު ޕީއެންސީން ވަކިވެ ޖުމްހޫރީ ޕާޓީއަށް!


އިދިކޮޅު ޕީއެންސީގެ ނާއިބު ރައީސްކަމުންނާއި ޕާޓީގެ މެންބަރުކަމުން ކުރީގެ މަޖިލިސް މެންބަރު އަޙްމަދު ނިހާން ހުސައިން މަނިކު ވަކިވެވަޑައިގެންފިއެވެ.

ވިލިމާފަންނު ދާއިރާއާއި، ފަހުން ވިލިނގިލި ދާއިރާގެ މެންބަރުކަން ވެސް ކުރެއްވައި މިއަހަރު ބޭއްވި މަޖިލިސް އިންތިޚާބުގައި އުފަންރަށަށް ވާދަކުރައްވައި ނާކާމިޔާބުވެވަޑައިގެންނެވި ނިހާން ޕީއެންސީން ވަކިވިކަން ހާމަކުރެއްވީ، މިއަދު އޭނާ ކުރެއްވި ޓުވީޓެއްގައެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ވެރިކަމުގެ ދުވަސްވަރު އެންމެ އަޑުހަރުކޮށް އޭރުގެ ސަރުކާރު ދިފާއުކުރައްވައި ވާހަކަފުޅުދެއްކެވި ނިހާން ވަނީ، ނިމިދިޔަ މަޖިލިސް އިންތިޚާބަށްފަހު ޕީޕީއެމްގެ ޕީޖީ ލީޑަރުކަމުން އިސްތިއުފާދެއްވައި ރައިސް ޔާމީން އިސްކޮށް ހުންނަވައިގެން އުފެއްދެވި ޕީ.އެން.ސީއާ ގުޅިވަޑައިގެންފައެވެ.

ނިހާން އޭރު ވިދާޅުވީ ޕީ.ޕީ.އެމްގެ އެންމެ ބޮޑު މައްސަލައަކީ، ބަލި ގަބޫލުނުކުރުމާއި، ނާކާމިޔާބީއާ ކެރިގެން ކުރިމަތީލާން ނޭނގުންކަމަށެވެ. އަދި ޕީއެންސީއާ ގުޅިވަޑައިގެން އެޕާޓީން ބޭއްވި ފުރަތަމަ ކޮންގްރެސްގައި ޕާޓީގެ ނާއިބު ރައީސްކަން ލިބިވަޑައިގެން ނަމަވެސް އޭނާ ފެނިގެންދިޔައީ ވަރަށް ހިމޭންކޮށް ހުންނެވިތަނެވެެ.

ނިހާން ޕީ،އެންސީން ވަކިވެވަޑައިގަތް ސަބަބު ހާމަނުކުރެއްވިނަމަވެސް، ނިހާން ޖުމްހޫރީ ޕާޓީއާގުޅޭން އުޅޭކަމުގެ އަޑުތަކެއް ސޯޝަލްމީޑިއާގައި ދާދިފަހުންވަނީ ފެތުރިފައެވެ.

2009ވަނަ އަހަރުން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގައި ދެ ދައުރު ފުރިހަމަކުރައްވާފައިވާ ނިހާން ފުރަތަމަ ފެނިގެންދިޔައީ، އަދި މެންބަރުކަމަށް ހޮވެވަޑައިގަތީ ރައީސް މައުމޫނުގެ ގާތް ބޭފުޅެއްގެ ގޮތުގައި ދިވެހިރައްޔިތުންގެ ޕާޓީ ޑީއާރުޕީންނެވެ.