ޚަބަރު

ޖޭއެސްސީން އަޒްމިރަލްދާ އާއި ޝުޖޫން ސުޕްރީމްކޯޓަށް އައްޔަންކުރަން ރައީސަށް ލަފާ ދީފި


ޑރ. އަޒްމިރާލްދާ ޒާހިރާއި، އަލްއުސްތާޛާ އައިޝާ ޝުޖޫން މުޙައްމަދު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އަޔަންކުރުމަށް ޖޭއެސްސީން ރައީސުލްޖުމްހޫރިއްޔާއަށް މަޝްވަރާއަރުވައިފިއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރެއްވުމާމެދު ލަފާފުޅަކަށް އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ޖޭއެސްސީއަށް ހުށަހަޅުއްވާފައިވަނީވެސް މި ދެ ބޭފުޅުންގެ ނަންފުޅެވެ. ނަމަވެސް ޤާނޫނުގައިވާގޮތުގެ މަތިން ޖޭއެސްސީން ވަނީ ސްޕްރީމް ކޯޓުގެ ބެންޗަށް ޝައުޤުވެރިވާ ފަރާތްތަކަށް އެކަމަށް އެދި ކުރިމަތިލެއްވުމަށް ހުޅުވާލައްވާފައެވެ. އެ ފުރުޞަތުގައި ހައިކޯޓުގެ 4 ފަނޑިޔާރަކު ވަނީ އެ މަޤާމަށް ކުރިމަތިލައްވާފައެވެ. އަދި ޖޭއެސްސީން ވަނީ އެ 4 ބޭފުޅުންނާއި ރައީސް ލަފާފުޅަކަށް އެދިވަޑައިގެން ނަން ފޮނުއްވެވި ދެބޭފުޅުންނާވެސް ވަކިވަކިން އިންޓަރވިއު ކުރައްވާފައެވެ.

މިއަދު ބޭއްވި ޖޭއެސްސީގެ ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު ގެ 17 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް 2 ފަނޑިޔާރުން ޢައްޔަން ކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ލަފާދިނުމަށް ނިންމަވާފައިވަނީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމަށް މިދިޔަ ހުކުރު ދުވަހު ހުޅުވާލި ފުރުޞަތުގައި އެކަމަށް ކުރިމަތިލައްވާފައިވާ ފަރާތްތަކާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ފޮނުއްވާފައިވާ 2 ނަންފުޅާއެކު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ޝަރުތުފުރިހަމަވި ބޭފުޅުން ކަނޑައެޅުމަށް އެކުލަވާލި ކޮމިޓީން ތައްޔާރުކޮށްފައިވާ ރިޕޯޓް ކޮމިޝަނަށް ބަލައިގަތުމަށްފަހުގައެވެ.

ޖޭއެސްސީގެ ހުރިހާ މެންބަރުން ހިމެނޭހެން އެކުލަވާލި ކޮމިޓީ ރިޕޯޓުގައި ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ފަނޑިޔާރުކަމަށް އައްޔަނުކުރުމަށް ފެންނަކަމަށް ކޮމިޓީން ލަފާދެއްވާފައިވަނީ، މ. ކޮކާހަނދުވަރުގެ ޢާއިޝާ ޝުޖޫން މުޙައްމަދާއި، މ. ސީނާ ޑރ. އަޒްމިރާލްދާ ޒާހިރު ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ފަނޑިޔާރުކަމަށް އައްޔަނުކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް މަޝްވަރާ ދެއްވުމަށެވެ.

ފަނޑިޔާރުންގެ ޤާނޫގައި ބުނެފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލާ މީހުންގެ ތެރެއިން އެމަޤާމުގެ ޝަރުތު ފުރިހަމަވާ މީހުންނާ، ޖުޑީޝަލް ސަރވިސް ކޮމިޝަނުން އިންޓަރވިއު ކުރުމަށްފަހު ޝަރުތު ފުރިހަމަވާ އެންމެންގެ ނަންތަކާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރުމަށް އެ ކޮމިޝަނަށް ފެންނަ މީހުންގެ ނަންތައް، ވަކިން އެނގޭގޮތަށް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅަންވާނެ ކަމަށެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް މީހަކު އައްޔަންކުރެވޭނީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ނަމެއް ނުވަތަ ނަންތަކުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި އެ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣްލަބިއްޔަތުން އެ ނަމެއް ފާސްވުމުންނެވެ.

އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަންކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން ނަމެއް ފާސްކުރުމުން، އެ މަޖިލީހުން އެކަން ފާސްކުރާތާ ގިނަވެގެން 7 ދުވަހުގެ ތެރޭގައި އެމީހަކު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރަންޖެހެއެވެ.

ސުޕްރީމް ކޯޓްގެ ފަނޑިޔާރުކަމަށް ޢައްޔަންކުރުމަށް ލާފާދެއްވާފައިވާ ޑރ.އަޒްމިރާލްޑާ ޒާހިރު މީގެ ކުރިން ވަނީ ހައިކޯޓްގެ ފަނޑިޔާރުކަންވެސް ކުރައްވާފައެވެ. އަދި އައިޝާ ޝުޖޫން އަކީ ޤާނޫނީ ފަންނުގެ ޤާނޫނުގެ ދަށުން ދާދިފަހުން އުފެދުނު ޤާނޫނީ ވަކީލުންގެ ކަންކަން މޮނިޓަރކުރާ ބާ ކައުންސިލްގެ މެންބަރެކެވެ. މީގެ އިތުރުން އަނިޔާވެރި ޢަމަލުތަކާއި ދެކޮޅަށް މަސައްކަތްކުރާ އދ. ގެ ސަބް-ކޮމެޓީ (އެސްޕީޓީ)އަށް ދެފަރު އިންތިޚާބުވެވަޑައިގެންނެވި އައިޝާ ޝުޖޫން އަކީ ރާއްޖޭގެ އެންމެ ފުރަތަމަ އަންހެން ގާޟީވެސްމެއެވެ.

ކޯޓްތަކައި ބެހޭ ޤާނޫނަށް ގެނައި އިޞްލާޙުގެ ދަށުން ސުޕްރީމް ކޯޓްގެ ފަނޑިޔާރުންގެ ޢަދަދު 7 އަކަށް އިތުރުވާއިރު، ޝަރުޢީ ދާއިރާ އިޞްލާޙުކޮށް އަދުލުވެރި ފަނޑިޔާރުގެއެއް ޤާއިމްކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ވަޢުދުފުޅެކެވެ.