ޚަބަރު

ޤައުމީ ބޮޑީބިލްޑިން ޓީމަށް ފުރަތަމަ ފަހަރަށް ބޭރު ކޯޗެއް


ޤައުމީ ބޮޑީބިލްޑިން އެންޑް ސްޕޯޓްސް ފިޒީކްސް ޓީމަށް ފުރަތަމަ ފަހަރަށް ރާއްޖެއިން ބޭރު ކޯޗެއް ގެނެސްފިއެވެ.

އެގޮތުން، ޤައުމީ ބޮޑީބިލްޑިން ޓީމަށް ގެނެސްފައިވަނީ އިންޑިއާގެ ކޯޗެކެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކޯޗަށް މަރުޚަބާ ކިޔާފައިވަނީ މޯލްޑިވްސް ބޮޑީބިލްޑިން އެސޯސިއޭޝަންގެ ނާޢިބު ރައީސް އިސްމާއިލް ރިފާއުއާއި އެ އެސޯސިއޭޝަންގެ ބައެއް އިސްވެރިންނެވެ.

ރާއްޖޭގެ ޤައުމީ ބޮޑީބިލްޑިން ޓީމާއި ހަވާލުވުމަށް ރާއްޖެ އައުމަށްފަހު ފުރަތަމަ ފަހަރަށް ނޫސްވެރިންނާ ވާހަކަ ދައްކަމުން ކޯޗު އަރުނަގް އަނިލް ކުމާރު ބުނީ މިއީ ވަރަށް ގިނަ ދުވަސްތަކެއްގެ އިންތިޒާރެއްކަމަށާއި ރާއްޖޭގެ ޤާއުމީ ޓީމުގެ ކޯޗުކަމުގެ މަޤަމަށް އިންތިޒާރު ކުރާތާ ދުވަސްތަކެއް ވެއްޖެކަމަށެވެ. އޭނާ ބުނީ ރާއްޖޭގެ ޤައުމީ ޓީމުގައި މިވަގުތު ތިބީ ފެންވަރު ހުރި ބޮޑީބިލްޑަރުންކަމަށާއި އެކަން ނިމިދިޔަ ސައުތް އޭޝިއަން ބޮޑީބިލްޑިން ޗެމްޕިއަންޝިޕުންވެސް ފެނިގެންދިޔަކަމަށެވެ.

މީގެ އިތުރުން، ސެޕްޓެމްބަރ މަހު އޮންނަ 53ވަނަ އޭޝިއަން ބޮޑީބިލްޑިން އެންޑް ސްޕޯޓްސް ފިޒީކްސް ޗެމްޕިއަންޝިޕުގައިވެސް ރާއްޖެއަށް ރަނގަޅު ކާމިޔާބީއެއް ހޯދާދޭން މަސައްކަތް ކުރާނެކަމަށްވެސް ކޯޗު ބުންނެވެ.