ޚަބަރު

ޤައުމީ ބޮޑީބިލްޑިން ޓީމުގެ ބޭރު ކޯޗާ މިނިސްޓަރު މަހްލޫފް ބައްދަލުކުރައްވައިފި


ގައުމީ ބޮޑީބިލްޑިން އެންޑް ސްޕޯޓްސް ފިޒީކްސް ޓީމަށް އަލަށް ހަމަޖެއްސި އިންޑިއާގެ ކޯޗާ މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަހްލޫފް ބައްދަލުކުރައްވައިފިއެވެ. ޔޫތު މިނިސްޓްރީގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ބޮޑީބިލްޑިން އެސޯސިއެޝަންގެ އިސްވެރިންވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި ބައްދަލުކުރެއްވުމަށްފަހު މީޑިއަތަކާއި ވާހަކަ ދައްކަމުން މިނިސްޓަރ މަހްލޫފް ވިދާޅުވީ މިއީ ރާއްޖޭގެ ބޮޑީބިލްޑިން އާއިލާއަށް ވަރަށް ޚާއްސަ ދުވަހެއް ކަމަށާއި ޤައުމީ ބޮޑީބިލްޑިން ޓީމަށް ރާއްޖެއިން ބޭރު ކޯޗެށް ފުރަތަމަ ފަހަރަށް ހަމަޖެހިގެން ދިއުމަކީ އިތުރު ހަރުފަތަކަށް ބޮޑީބިލްޑިން ގެންދަން ލިބުނު ފުރުޞަތެއްކަމަށެވެ. އަދި ކޯޗުގެ އެހީއާއިއެކު ރާއްޖެއަށް އިތުރު ކާމިޔާބީ ރާއްޖެއަށް ހޯދައިދޭނެކަމަށް އުއްމީދުކުރައްވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖޭގެ ޤައުމީ ޓިމަށް މުޅިން އަލަށް ހަމަޖެއްސި ރާއްޖެއިން ބޭރުގެ ކޯޗް އަނުރަގް އަނިލް ކުމާރ ރާއްޖެ އައުމަށްފަހު ފުރަތަމަ ފަހަރަށް ނޫސްވެރިންނާ ވާހަކަ ދައްކަމުން ބުނީ މިއީ ވަރަށް ގިނަ ދުވަސްތަކެއްގެ އިންތިޒާރެއް ކަމަށާއި ރާއްޖޭގެ ޤައުމީ ބޮޑީބިލްޑިން ޓީމުގެ ކޯޗުކަމުގެ މަޤާމަށް އިންތިޒާރުކުރާތާ ދުވަސްތަކެއް ވެއްޖެކަމަށެވެ.

އައު ކޯޗުގެ އިރުޝާދުގެ ދަށުން ރާއްޖެއިން އެންމެ އަވަހަށް ބައިވެރިވާނީ 53ވަނަ އޭޝިއަން ބޮޑީބިލްޑިން އެންޑް ސްޕޯޓްސް ފިޒީކްސް ޗެމްޕިއަންޝިޕްގައެވެ.