ޚަބަރު

އޭޝިއަން ބޮޑީބިލްޑިން ޗެމްޕިއަންޝިޕުގައި ރާއްޖޭގެ އަމާޒަކީ ތިން މެޑަލް: ރިފާޢު


އަންނަ މަހު އިންޑޮނޭޝިއާގައި އޮންނަ 53ވަނަ އޭޝިއަން ބޮޑީބިލްޑިން ޗެމްޕިއަންޝިޕުގައި ރާއްޖޭގެ އަމާޒަކީ މަދުވެގެން 3 މެޑަލް ހޯދުންކަމަށް ބޮޑީބިލްޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ނާއިބު ރައީސް އިސްމާއިލް ރިފާޢު ވިދާޅުވެއްޖެއެވެ.

ރިފާއު ވިދާޅުވީ ސަރުކާރުން ބޮޑީބިލްޑިން ކުރިއެރުވުމަށް ކޮށްދެއްވަމުންދާ މަސައްކަތްތައް ވަރަށް ބޮޑަށް ބަލައިގަންނަކަމަށާއި ސަރުކާރުން ކުރާ ޚަރަދުގެ ބަދަލު ގެނެސްދޭނީ މެޑަލް ހޯދައިގެންކަމަށެވެ. އެއްވެސް ބައިނަލްއަޤްވާމީ މުބާރާތަކަށްފަހު ހަމައެކަނި ފައިސާގެ ރަސީދު ގެންނަން ބޭނުން ނުވާކަމަށާއި އެސޯސިއޭޝަންގެ އަމާޒަކީ ކުރިއަށްއޮތް އޭޝިއަން ޗެމްޕިއަންޝިޕުންވެސް މަދުވެގެން 3 މެޑަލް ގެނައުންކަމަށް ރިފާޢު ވިދާޅުވިއެވެ.

އޭޝިއަން ޗެމްޕިއަންޝިޕުން ތިން މެޑަލް ހޯދަން އަމާޒު ހިފުމުން އެއީ ވަރަށް ކުޑަ ޢަދަދެއްކަމަށް ބައެއް ފަރާތްތަކުން ހީކޮށްފާނެކަމަށާއި އޭޝިއަން ޗެމްޕިއަންޝިޕަކީ ގާތްގަނޑަކަށް 400 އެތުލީޓުން ބައިވެރިވާ މުބާރާތަކަށްވުމުން ރާއްޖެއިން އެންމެ 6 އެތްލީޓުން ވާދަކޮށްގެން 3 މެޑަލް ހޯދުންވެގެންދާނީ ބޮޑު ކާމިޔާބީއަކަށްކަމަށެވެ.

ޤައުމީ ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޓީމުންވަނީ އެންމެފަހުން ނޭޕާލްގައި ބޭއްވި ސައުތު އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކްސް ސްޕޯޓްސް ޗެމްޕިއަންޝިޕުން 5 މެޑަލް ހޯދާފައެވެ. އޭގެ ތެރޭގައި 3 ކެޓަގަރީއަކުން ހޯދި 3 ރަންމެޑަލް ފާހަގަކޮށްލެވެއެވެ.