ޚަބަރު

4ވަނަ އިންޑިއަން އޯޝަން ކޮންފަރެންސް ސެޕްޓެމްބަރު 3އިން 4އަށް ރާއްޖޭގައި


ހަތަރު ވަނަ އިންޑިއަން އޯޝަން ކޮންފަރެންސް (އައި.އޯ.ސީ) އަންގާރަ ދުވަހު ރާއްޖޭގައި ފަށާނެއެވެ.
މިމަހުގެ 3އިން 4އަށް ބާއްވާ އިންޑިއަން އޯޝަން ކޮންފަރެންސްގެ މިފަހަރުގެ ޝިއާރަކީ "ސެކިއޮރިންގ ދަ އިންޑިއަން އޯޝަން ރީޖަން - ޓްރެޑިޝަނަލް އެންޑް ނޮން ޓްރެޑިޝަނަލް ޗެލެންޖަސް"އެވެ. މިއީ އިންޑިއަންފައުންޑޭޝަނާއި ފޮރިން ސަރވިސް އިންސްޓިޓިއުޓް އޮފް މޯލްޑިވްސް ގުޅިގެން ކުރިއަށްގެންދާ ކޮންފަރެންސެކެވެ.

ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދާއި ސީޝެލްސްގެ ޑެސިގްނޭޓަޑް މިނިސްޓަރ މެކޫޒީ މެންޑޮންގެ އިތުރުން ރާއްޖެއާއި އިންޑިއާއި ސިންގަރޕޫރު، ބޫޓާން މޮރިޝަސް އަދި ނޭޕާލްގެ ފޮރިން މިނިސްޓަރުން ތަޤްރީރުކުރައްވާނެއެވެ.

ސިންގަޕޫރުގެ ސްކޫލް އޮފް އިންޓަރނޭޝަނަލް ސްޓަޑީޒުން އިންތިޒާމުކުރާމި އިންޑިއަން އޯޝަން ކޮންފަރެންސް 2019 ޗެއާ ކުރައްވާނީ ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހައެވެ. މިކޮންފަރެންސް ޗެއަރކުރައްވުމަށް ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ރާއްޖެ ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ ސެޕްޓޭމްބަރު މަހުގެ ދެވަނަ ދުވަހުއެވެ.

މިކޮންފަރެންސްގައި އެކުވެރި ޢަރަބި ޢިމާރާތާ، ޓީމޯލެސްޓޭގެ ކެބިނެޓް މިނިސްޓަރުންގެ އިތުރުން، އޮމާން، ބަންގްލަދޭޝް، ކެމްބޯޑިއާ، ޓެންޒޭނިއާ، މިޔަންމާ، ޖަޕާން، ޕަޕުއާ ނިއުގިނީގެ އިތުރުން އިންޑޮނީޝިއާގެ ޑެޕިއުޓީ މިނިސްޓަރުންނާއި، އެމެރިކާ، ރަޝިޔާ، ޗައިނާ، ވިއެޓްނާމް އަދި މަޑަގަސްކަރައިން އޮފިޝަލުން ބައިވެރިވެވަޑައިގަންނަވާނެއެވެ.

މިއީ އިންޑިއާ ކަނޑުގެ ސަރަހައްދުގެ ޤައުމުތަކުގެ މެދުގައި އަމަން އަމާންކަން ޤާއިމްކުރުމުގެ ފްރޭމްވޯކެއް އެކުލަވާލުމަށް ޤައުމުތަކުގެ މެދުގައި މަޝްވަރާކުރުމުގެ މަޤްސަދުގައި ސިލްސިލާކޮށް ކުރިއަށްގެންދާ ކޮންފަރެންސެކެވެ.