ވިޔަފާރި

މޯލްޑިވިއަންއިން ޗައިނާއަށް ސީދާ ދަތުރުތައް ފަށަނީ


ރާއްޖެއާއި ޗައިނާއާ ދެމެދު ސީދާ ދަތުރުތައް ފެށުމަށް މޯލްޑިވިއަނުން ތައްޔާރުވެއްޖެއެއެވެ.

ޗައިނާއަށް މޯލްޑިވިއަންގެ ސީދާ ދަތުރުތައް ފަށާނެކަން އިޢުލާންކޮށްފައިވަނީ ޗައިނާގައި ބޭއްވި ޙާއްސަ ރަސްމިއްޔާތެއްގައެވެ.

ޗައިނާގެ ޝިއާންގައި ބޭއްވި މި ހަފްލާގައި މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން ޢާއިޝަތު ނަހުލާ އާއި ރާއްޖެއިން ޗައިނާއަށް ކަނޑައަޅުއްވާފައިވާ ސަފީރު، ޢާއިޝަތު ޢަޒީމާ އަދި އައިލެންޑް އޭވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ރިޒްވީ ބައިވެރިވެވަޑައިގެންނެވިއެވެ.

ޝިއާންގެ 700 އެއްހާ ޓުއަރ އޮޕަރޭޓަރުން ބައިވެރިވި މި ކޮންފަރެންސެއްގައި ޝިއާންގެ ފަތުރުވެރިކަމާއިބެހޭ ބިއުރޯގެ އިސްވެރިންވެސް ބައިވެރިވެފައިވެއެވެ.

މި ހަފްލާގައި މޯލްޑިވިއަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ރިޒްވީ ވިދާޅުވީ ރާއްޖެއާއި ޗައިނާއާ ދެމެދު ބާއްވާ ސީދާ ދަތުރުތަކުގައި ބޭނުންކުރާނީ އެއާބަސް އޭ ތުރީ ތުރީ ޒީރޯ މަރުކައިގެ ބޯޓެއްކަމަށެވެ.

މޯލްޑިވިއަންއިން ޗައިނާއަށް ސީދާ ދަތުރުތައް ފަށާއިރު މިހާރު ޗައިނާއަށް މޯލްޑިވިއަނުން ކުރާ ބައެއް ދަތުރުތަކުގައި ބެންކޮކް ޓްރާންސިޓެއްވެސް ހިމެނެއެވެ.

މޯލްޑިވިއަނުން ހާމަކުރާގޮތުގައި އަލަށް ގެންނަ މަތިންދާބޯޓުތަކާއި އެކު ޗައިނާއާއި ގަމާއި ދެމެދުވެސް ސީދާ ދަތުރުތައް ފެށުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ.

މޯލްޑިވިއަނުން ވަނީ އެއަރބަސް އެއާބަސް އޭ ތުރީ ތުރީ ޒީރޯ މަރުކާގެ ދެ މަތިންދާބޯޓު ގެނައުމުގެ މަސައްކަތް ފަށާފައެވެ. އެގޮތުން ކުރިއަށްއޮތް 6 މަސްދުވަހުގެ ތެރޭގައި މަތިންދާބޯޓުތައް ރާއްޖެއަށް ގެނެވޭނެކަމަށް މޯލްޑިވިއަންއިން ހާމަކުރެއެވެ.

މޯލްޑިވިއަނުން ބުނީ އަލަށް ގެންނަ ވައިޑް ބޮޑީ މަތިންދާބޯޓުތަކާއެކު ބައިނަލްއަޤްވާމީ އިތުރު މަންޒިލްތަކަށް ދަތުރުތައް ފަށާނެކަމަށެވެ. މޯލްޑިވިއަން އިން މިހާރު އޮޕަރޭޓް ކުރަނީ ޑޭޝްގެ ދެ ބްރޭންޑެއްގެ 10 ބޯޓަކާއި އެއާބަސް އޭ ތުރީ ޓުވެންޓީ މަރުކައިގެ ބޯޓަކާއި އެއާބަސް އޭ ތުރީ ޓުވެންޓީ ވަން މަރުކައިގެ ބޯޓަކާއި އަދި ޑީއެޗްސީ ޓްވިން އޮޓޯގެ 11 ބޯޓެކެވެ.

މޯލްޑިވިއަންއިން މިހާރު އަންނަނީ ރާއްޖެއާއި ބޭރުގެ މަންޒިލްތައް ހިމެނޭގޮތަށް 20 މަންޒިލަކަށް ދަތުރުކުރަމުންނެވެ.