ވަރުގަދަ އާމީ ބަލިކޮށް ކްލަބް ވެމްކޯއިން ރުޕަވަހީނީ ކްލަބް ވޮލީބޯލް ޗެމްޕިއަންޝިޕްގެ ފައިނަލާއި ގާތަށް ޖެހިލައިފިއެވެ.
33ވަނަ ނޭޝަނަލް ޔޫތް ސަރވިސެސް ކައުންސިލް ރަޕުވަހީނީ ކްލަބް ވޮލީބޯލް ޗެމްޕިއަންޝިޕްގައި ސްރީލަންކާ އާމީ އާއި ރާއްޖޭގެ ކްލަބް ވެމްކޯގެ ވާދަވެރި ކުރިމަތިލުން ވެމްކޯއިން ކާމިޔާބުކުރީ 3-1ސެޓުންނެވެ.
މެޗުގެ ފުރަތަމަ ދެސެޓުގައިވެސް ވެމްކޯގެ ފަރާތުން ފެނިގެންދިޔައީ ތަފާތު މޮޅު ކުޅުމެކެވެ. އެގޮތުން ފުރަތަމަ ސެޓުގައި ގާތްގާތުގައި ސްކޯ ދިއުމަށްފަހު ވެމްކޯއިން ވަނީ ފަހު ވަގުތު ވެމްކޯއިން ވަނީ ސްރީލަންކާ އާމީއަށް ހެދުނު ގޯސްތަކެއްގެ ބޭނުންހިފައި 25-19އިން ސެޓު ކާމިޔާބުކޮށްފައެވެ.
ދެވަނަ ސެޓުވެސް ވެމްކޯއިން ފެސީ މޮޅު ކުޅުމަކާއިއެކުގައެވެ. ނަމަވެސް ސްރީލަންކާ އާމީއިންވެސް ވަނީ އެޓީމަށް ހެދުނު ގޯސްތައް ރަނގަޅުކޮށް މޮޅު ކުޅުމެއް ދައްކާފައެވެ. ދެވަނަ ސެޓުވެސް ފަށައިގެން ދެޓީމުންވެސް ކުޅެމުންދިޔައި ނަތީޖާ ވަރަށް އެއްވަރުކޮށެވެ. ނަމަވެސް މިސެޓުގައިވެސް ފަހު ވަގުތު 25-22އިން ސެޓު ގެންގޮސް ވެމްކޯއިން ލަންކާ އާމީ ޓީމް ސިއްސުވާލިއެވެ.
ތިންވަނަ ސެޓުގެ ވަރަށް ކުރީކޮޅު ވެމްކޯއިން ލީޑުގައި ކުޅެމުން ދަނިކޮށް، ވެމްކޯއަށް ހެދުނު ބޮޑު ގޯސްތަކެއްގެ ބޭނުންހިފައި ލަންކާ އާމީއިން ލީޑު އަތުލިއެވެ. އެގޮތުން އެޓީމުން ވަނީ 25-21އިން މިސެޓު ގެންގޮސް އުންމީދު އައުކޮށްފައެވެ.
ހަތަރުވަނަ ސެޓު ދެޓީމުންވެސް ފަށައިގަތީ ވަރަށް ވަރުގަދަކޮށެވެ. ނަމަވެސް ސެޓުގެ ފަހުކޮޅުގައި ރާއްޖެއިން ލީޑު ނެގުމާއިއެކު ލަންކާ އާމީޓީމް އެއްކޮށް ޕްރެޝަރަށް ވެއްޓުނެވެ. އެގޮތުން ރެފްރީގެ ނިންމުންތަކާއިމެދު އާމީ ޓީމުގެ ކޯޗް ވަރަށް ބޮޑަށް ފާޑުކިއުމުން އޭނާއަށް ރެފްރީ ވަނީ ރަތްކާޑުވެސް ދައްކާފައެވެ. މި ސެޓު ވެމްކޯއިން ކާމިޔާބުކުރީ 25-22އިންނެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން ކްލަވް ވެމްކޯގެ ކޯޗް އަހުމަދު އަދީލް ބުނީ، މެޗުން ހޯދު މޮޅުގެ ހުރިހާވެސް ޝުކުރެއް ހައްގީ ކުޅުންތެރިންނަށް ކަމަށާއި، މެޗަށް ނިކުތީވެސް ސީދާ 3 ސެޓުން ނުވަތަ 3-1ސެޓުން މެޗު ކާމިޔާބުކުރަން ވިސްނައިގެންކަމަށެވެ.
މިމެޗް ބައްލަވައިލެއްވުމަށް ވެމްކޯވެ މެނޭޖިން ޑިރެކްޓަރ އާއި، ޗެއާމަންގެ އިތުރުން ކްލަވް ވެމްކޯގެ ރައީސް އަދި ނާއިބު ރައީސްވެސް ވަނީ ލަންކާއަށް ވަޑައިގެންފައެވެ.
ކޯޗް އަދީލް ބުނީ، ވެމްކޯގެ އިސްވެރިން ކޯޓަށް ވަޑައިގަތުމުން ކުޅުންތެރިންނަށްވެސް ވަރަށް ވަރަށް ބޮޑު ހިތްވަރެއް ލިބުނު ކަމަށާއި، އެކަން ވަރަށް ރަނގަޅަށް ހާމަވެގެންދިޔަ ކަމަށެވެ.
މިމުބާރާތުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުން ވެމްކޯވަނީ އެމްއޭއެސް ކެސުއަލައިން 3-2ސެޓުން ބަލިވެފައެވެ. ނަމަވެސް ދެވަނަ މެޗް އެންވައިއެސްޓީ އާއި ވާދަކޮށް ސީދާ ތިންސެޓުން މެޗް ކާމިޔާބުކުރިއެވެ. އަދި ތިންވަނަ މެޗުން ލަންކާ އާމީ އަތުން މޮޅުވުމާއައެކު ރާއްޖޭގެ ކްލަބް ވެމްކޯ އޮތީ މިވަގުތު ތާވަލުގެ އެއްވަނާގައެވެ.