ޚަބަރު

މަތީ ތަޢުލީމާއި ތަމްރީނުގެ ފުރުޞަތު ލިބި، ދޫކޮށްލާ ދަރިވަރުންނާމެދު ފިޔަވަޅުއަޅަނީ


މަތީ ތަޢުލީމާއި ތަމްރީނު ހާޞިލު ކުރަން ލިބޭ ފުރުސަތުތަކުގެ ބޭނުން ނުހިފައި ދޫކޮށްލާ ދަރިވަރުންނާމެދު އަމަލު ކުރާނެ އުސޫލެއް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން އެކުލަވާލައްވައިފިއެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން އެކުލަވާލާފައިވާ އުޞޫލަކީ އެމިނިސްޓްރީން އިޢުލާނުކުރާ މަތީ ތަޢުލީމްގެ ފުރުސަތުތައް ލިބޭ ދަރިވަރުން އެފުރުސަތުތަކުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފުމަށް ބާރު އެޅުމަށް އެކުލަވާލާފައިވާ އުޞޫލެކެވެ.

މިއީ އެފަދަ ފުރުސަތުތަކުގެ ބޭނުން ނުހިފި ދިއުމުން ސަރުކާރަށާއި ރައްޔިތުންނަށް ލިބޭ ގެއްލުން ކުޑަކޮށް، ގިނަ ބަޔަކަށް ފުރުސަތު ފަހިކޮށްދޭން އެކުލަވާލި އިޞޫލެއްކަމަށްވެސް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. މިއުޞޫލްގެ ދަށުން މަތީ ތަޢުލީމްގެ ފުރުޞަތުތައް ލިބޭ ދަރިވަރުން އެފުރުޞަތު ދޫކޮށްލައިފިނަމަ ވަކި މުއްދަތެއްވަންދެން އެފަދަ ފުރުޞަތުތަކުން މަޙްރޫމް ކުރުމާއި ފައިސާ ދެއްކުން ހިމެނެއެވެ.

މީގެ އިތުރުން މަތީތަޢުލީމާއި ތަމްރީނު ހޯދުމަށްލިބޭ ފުރުޞަތުގައި އެއްވެސް ޚަރަދެއް ސަރުކާރުގެ އަދި ބައިލެޓްރަލް އެހީގެ ދަށުން ކޮށްފައިވާނަމަ އެޚަރަދު އަނބުރައި ދެއްކުމަށްވެސް އުޞޫލްގައި ވަނީ ބަޔާންކޮށްފައެވެ.

ކިޔެވުމުގެ ފުރުޞަތު ދޫކޮށްލާ ދަރިވަރުންނާމެދު އަޅަން ނިންމާފައިވާ އުސޫލުގައިވާ ފިޔަވަޅުތަކުގެ ތެރޭގައި ފޯޖްކޮށްފައިވާ ޑޮކިއުމަންޓް ހުށަހަޅާފައިވާކަން ނުވަތަ މަކަރާއި ހީލަތް ހަދާފައިވާކަން ސާބިތުވުން ނުވަތަ ނާޖާއިޒުފައިދާއެއް ލިބޭ ފަދަ ގޮތަކަށް ސައްޙަ ނޫން މައުލޫމާތު ހިމަނައިގެން އެޕްލިކޭޝަން ހުށަހަޅާފައިވާނަމަ 60 މަސްދުވަހަށް ފިޔަވަޅު އަޅާ، ފައިސާ ދެއްކުން ހިމެނެއެވެ.
ކިޔަވައި ނިމުމަށްފަހު، އިޤްރާރުގައިވާ ގޮތަށް ޚިދުމަތް ކުރުމަށް ރާއްޖެއަށް ނާންނަނަމަ 3 މަސްދުވަހުން ފެށިގެން 24 މަސްދުވަހުގެ މުއްދަތަށް ފިޔަވަޅު އަޅާ، ފައިސާ ދެއްކުމަށްވެސް މި އޫޞުލްގައި ބަޔާންކޮށްފައިވެއެވެ.

އަދި ސަރުކާރުން އެއްވެސް ޚަރަދެއް ކޮށްފައި ވަނިކޮށް އުޒުރަކާނުލައި ފުރުސަތު ދޫކޮށްލުން ނުވަތަ ދަރިވަރުގެ އިހުމާލުން ފުރުސަތު ގެއްލުން ނުވަތަ އުސޫލާއި އެއްގޮތަށް އަމަލު ކުރަމުން ނުދާނަމަ 3 މަސްދުވަހުން ފެށިގެން 24 މަސްދުވަހުގެ މުއްދަތަށް ފިޔަވަޅު އަޅާ ފައިސާ ދައްކަންވެސް ޖެހެއެވެ.

މީގެ އިތުރުން މަތީތައުލީމުގެ ފުރުސަތަކަށް ދަރިވަރެއްގެ ނަން ހޮވިއްޖެކަން އެދަރިވަރަކަށް އަންގާތާ 48 ގަޑިއިރު ފަހުން އަދި އެހެން ދަރިވަރެއްގެ ނަން ހުށަހެޅުމުގެ ފުރުސަތު ގެއްލުނުފަހުން ދޫކޮށްލުން ނުވަތަ އެ ދަރިވަރެއްގެ އިހުމާލުން ގެއްލިއްޖެނަމަ 3 މަސްދުވަހުން ފެށިގެން 24 މަސްދުވަހުގެ މުއްދަތަށް ފިޔަވަޅު އަޅާ، ފައިސާ ދައްކަން ޖެހޭކަމަށްވެސް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން އެކުލަވާލާފައިވާ އުޞޫލްގައި ބަޔާންކޮށްފައިވެއެވެ.

އަދި ސަރުކާރުން އެއްވެސް ޚަރަދެއްކޮށްފައިވަނިކޮށް މަޤްބޫލު އުޒުރަކާއިއެކު ލިޔުމުން ހުއްދަ ހޯދުމަށްފަހު ފުރުސަތު ދޫކޮށްލާނަމަ ޕެނަލްޓީއެއް ނުހިމެނޭކަމަށްވެސް އުޞޫލްގައި ބަޔާންކޮށްފައިވެއެވެ.

މިނިސްޓްރީން ވިދާޅުވީ ދަރިވަރަށް ދިމާވެފައިވާ ހާލަތަކީ މަޤުބޫލު އުޒުރެއް މެދުވެރި ވެގެން ދިމާވި ހާލަތެއްތޯ ނުވަތަ ނޫންތޯ ކަނޑައަޅާނީ އުޒުރު ސާބިތުކޮށް ދިނުމަށް ހުށަހަޅާ ކަމާގުޅޭ ލިޔުންތަކަށް ބިނާކޮށްކަމަށެވެ. މީގެ ކުރިންވެސް ވަނީ މިފަދަ ފުރުޞަތުތައް ދޫކޮށްލާ ދަރިވަރުންނާމެދު އެކިކަހަލަ ފިޔަވަޅުތައް އަޅާފައެވެ.