މިއަހަރުގެ އޮގަސްޓްމަހުގެ ނިޔަލަށް ރެމިޓެންސް ޓެކްސްގެ ގޮތުގައި ދައުލަތަށް 70.6 މިލިއަން ރުފިޔާ ލިބިއްޖެއެވެ.
ރެމިޓެންސް ޓެކްސްއަކީ ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފުން މުސާރައިގެ ގޮތުގައި ރާއްޖެއިން ބޭރަށް ފޮނުވާ ފައިސާއިން ނަގާ ޓެކުހެކެވެ.
މީރާއިން އާއްމުކޮށްފައިވާ އެންމެފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ އޮގަސްޓްމަހުގެ ނިޔަލަށް ދައުލަތަށް ރެމިޓެންސް ޓެކްސްގެ ގޮތުގައި 70.6 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރެމިޓެންސް ޓެކްސްގެ ގޮތުގައި ލިބުނު 71.4 މިލިއަން ރުފިޔާއާ އަޅާ ބަލާއިރު 1.1 އިންސައްތަ ދަށް އަދަދެކެވެ.
މިއަހަރުގެ އޮގަސްޓްމަހު ރެމިޓެންސް ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 9.3 މިލިއަން ރުފިޔާއެވެ. މިއީ މިދިޔަ އަހަރުގެ އޮގަސްޓްމަހު ރެމިޓެންސް ޓެކްސްގެ ގޮތުގައި ލިބުނު 7.8 މިލިއަން ރުފިޔާއާ އަޅާ ބަލާއިރު 1.5 އިންސައްތަ އިތުރު އަދަދެކެވެ.
ރެމިޓެންސް ޓެކްސް ނަގަން ފަށާފައިވަނީ 2016 ވަނަ އަހަރުގެ އޮކްޓޫބަރުމަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ. ޤާނޫނުގައިވާ ގޮތުން ރެމިޓެންސް ޓެކްސްގެ ގޮތުގައި ނެގޭނީ ބިދޭސީ މުވައްޒަފުން މުސާރައިގެ ގޮތުގައި ރާއްޖެއިން ބޭރަށް ފޮނުވާ ފައިސާއިން ތިނެއް އިންސައްތައެވެ.
ބޭންކުތަކާއި ބޭރަށް ފައިސާ ފޮނުވުމުގެ ޚިދުމަތްދޭ ކުންފުނިތަކުން ރެމިޓެންސް ޓެކްސް ނެގުމަށްފަހު އެ ފައިސާ މީރާއަށް ދައްކަންޖެހެނީ ވިދިގެން އަންނަ މަހުގެ 15 ވަނަ ދުވަހުގެ ކުރިންނެވެ.