ޚަބަރު

މާލޭގައި ފުޓްސަލް އިންޑޯ ސްޓޭޑިއަމެއް ތަރައްޤީކުރަނީ


މާލޭ ކުޅިވަރު އެކުވެނީގެ ވެލިދަނޑުގައި ރަސްމީ އިންޑޯ ފުޓްސަލް ހޯލެއް ތަރައްޤީކޮށްދެއްވާނެކަމަށް ކުޅިވަރާބެހޭ ވަޒީރު އަޙްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

އެމްއެންޔޫ އެސްޔޫ ފުޓްސަލް ފިއެސްޓާ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓް އަޙްމަދު މަހްލޫފް ވިދާޅުވީ ރާއްޖޭގައި ރަސްމީ ފުޓްސަލް ކުޅޭނެ ދަނޑެއް ނެތްކަމަށާއި މާލޭގައި އޮންނަ ޓާފު ދަނޑުގެ ބަދަލުގައި ފުޓްސަލް ކުޅޭނެ އިންޑޯ ސްޓޭޑިއަމެއް ސަރުކާރުން ތަރައްޤީކޮށްދެއްވާނެކަމަށެވެ. އެގޮތުން ކުޅިވަރު އެކުވެނީގައި މިހާރު ފުޓްސަލް ކުޅޭ ވެލި ދަނޑުގައި ޓާފު އެޅުމުގެ ބަދަލުގައި ސަރުކާރުގެ ވިސްނުންހުރީ އެތަނުގައި ރަސްމީ ފުޓްސަލް އިންޑޯ ސްޓޭޑިއަމެއް ތަރައްޤީކޮށް އެތަނަކީ ހަމައެކަނި ފުޓްސަލަށް ޚާއްސަ ތަނަކަށް ހެދުންކަމަށް މިނިސްޓަރު މަހްލޫފް ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ މާލޭގެ ޓާފު ދަނޑުތައް ފައިސާ ދީގެން ހޯދަންޖެހޭކަމުގެ ޝަކުވާ ލިބެމުންދާ ކަމަށާއި އެކަމަށް ޙައްލެއް ހޯދުމަށް މާލޭގެ އިތުރު ތިން ސަރަޙައްދެއްގައި ޓާފު ދަނޑުތައް އެޅުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.

ކުޅިވަރާބެހޭ ވުޒާރާއިން ވަނީ ދާދިފަހުން 7 ރަށެއްގެ ފުޓުބޯޅަ ދަނޑުގައި ސަބް-ބޭސްގެ މަސައްކަތް ކުރުމަށް މޯލްޑިވްސް ޓަރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފައެވެ. އަދި މާލޭގެ ހެންވޭރު ދަނޑުގައި ޓާފު އަޅާދޭނެ ބަޔަކު ހޯދުމަށްވަނީ ޢިޢުލާންކޮށްފައެވެ.