ޚަބަރު

ވިކްޓްރީގެ ކޯޗު އިސްތިޢުފާ ދީފި


ވިކްޓްރީގެ ކޯޗުކަމުން މުޙައްމަދު އާދަމް އިސްތިޢުފާ ދީފިއެވެ.

ދިރާގު ދިވެހި ޕްރެމިއަރ ލީގުގެ ފުލުގައި މިވަގުތު އޮތް ވިކްޓްރީގެ ކޯޗުކަމުން މުޙައްމަދު އާދަމް އިސްތިޢުފާ ދިން ސަބަބާއި ގުޅޭގޮތުން އޭނާ މަޢުލޫމާތު ދިނުމަށް ބޭނުމެއް ނޫނެވެ. ނަމަވެސް ކުޅުންތެރިންނަށް މުސާރަ ނުދެވުމާއި އެ ނޫންވެސް މައްސަލަތަކެއް ވިކްޓްރީއަށްވަނީ ކުރިމަތިވެފައެވެ.

މުޙައްމަދު އާދަމް އިސްތިޢުފާ ދިނުމުން ވިކްޓްރީގެ ކޯޗުކަމުގެ ޒިންމާއާ ހަވާލުވެފައިވަނީ އެ ޓީމާ އެންމެ ވާދަވެރި ދެ ކުލަބުކަމަށްވާ ނިއު ރޭޑިއަންޓާއި ވެލެންސިއާއަށް ކުޅުނު ޤައުމީ ޓީމުގެ ކުރީގެ ފޯވަޑް އާދަމް ޢަބްދުއްލަޠީފް (ލައްޗޭ)އެވެ. ނަމަވެސް އޭނާއަކީ އޭ ލައިސަންސް ކޯޗަކަށް ނުވާތީ، އެ ފެންވަރުގެ ކޯޗަކު ހޯދުމަށް ވިކްޓްރީންދަނީ މަސައްކަތް ކުރަމުންނެވެ.

މި އަހަރުގެ ސީޒަން ފެށުނުއިރުވެސް މުސާރައިގެ މައްސަލަތައް ކުރިމަތިވެފައިވާ ވިކްޓްރީގައި މިހާރު ތިބި ގިނަ ކުޅުންތެރިންނަކީ 22 އަހަރުން ދަށުގެ ކުޅުންތެރިންނެވެ. އެ ކުލަބަކީ ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ކާމިޔާބު އެއް ކުލަބެވެ. ނަމަވެސް، ފަހަކަށް އައިސް އެ ކުލަބު ހިންގުމުގައިވަނީ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައެވެ.